Anhenakah Aniyaakuri Meehaku Ayyarukohfi
image
އަންހެން މީހާ އަށް ގެވެށި އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތައް.-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރު ކޮށްފި

މާލޭގައި އަންހެނަކަށް އަނިޔާކުރި އޭނާގެ ލޯބިވެރިޔާ އިއްޔެ ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މާރާމާރީއެއް ހިންގާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ބެލުމަށް އެ ސަރަހައްދަށް ދިޔައިރު، އެއީ ގެވެށި އަނިޔާގެ މައްސަލައެއް ކަން ފާހަގަ ކުރެވުމުން ކަމަށެވެ. އެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 7:20 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ އަތާއި ބޮލުގައި އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިން ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމާ ބެހޭ އިތުރު މައުލުމާތެއް ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ކްރިމިނަލް ކޯޓުން ވަނީ އެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އަންހެން މީހާ އަށް ގެވެށި އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ހިޔާލު