Didi ge suspension ah committee in thaaeedhukoh, Majleehuge thalhumah hushahalhanee
image
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހަސަން ލަތީފް.-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

ދީދީގެ ސަސްޕެންޝަނަށް ކޮމިޓީން ތާއީދުކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ

ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ނިންމުމަށް ތާއީދުކޮށް، ޖޭއެސްސީގެ މަސައްކަތްތަކުގެ ތެރެއަށް ސްޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް އިލްތިމާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިރޭ ނިންމައިފި އެވެ.
ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ، ޖޭއެސްސީގެ ގާނޫނީ އިހްތިސާސްތަކުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެ އެ ކޮމިޝަނުގެ މައްސޫލިއްޔަތުތައް އަދާކުރަން ހުރަސްތައް ކުރިމަތިކޮށްފައިވާކަން ފާހަގަ ކުރެވޭތީވެ، އެ ކޮމިޝަނުން ގާނޫނާ އެއްގޮތަށް ނިންމުންތަކަކީ ގާނޫނީ ބާރު ލިބިގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެގޮތުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމި ނިންމުމަކީ، ޖޭއެސްސީ އަށް ލިބިގެންވާ ގާނޫނީ އިހްތިސާސްގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް ނިންމާފައި ވެއެވެ.

މިރޭ ބެއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އެކަން ފާސްކުރުމަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އަދި އެ ހުށަހެޅުން ފާސްވީ ވޯޓްގައި ބައިވެރިވި ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހަސަން ލަތީފްގެ ހުށަހެޅުމާ ދެކޮޅަށް ވޯޓް ދެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

އަލީ ހުސައިން ވިދާޅުވީ މިނިވަން މުވައްސަސާ ތަކުން ނިންމާ ނިންމުންތަކަށް މަޖިލީހުން "ޖުޑިޝަލް ރިވިއު އެއް" ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ، ޖަވާބުދާރީ ވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އަޑުތައް އިވޭ ކަމަށާއި، އެކަން ވެސް ޖުޑިޝަރީ ކޮމިޓީން ބަލަން ޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މިނިވަން މުވައްސަސާތަކުން ގާނޫނާ ހިލާފަށް އަމަލު ކުރަމުން ދާނަމަ، އެ މުވައްސަސާތަކަށް އިލްތިމާސް ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އަދި ފަނޑިޔާރުގެ ބަސް ހޯދަން ޖެހޭނީ މަގާމުން ވަކިކުރަން ނިންމުމުގެ ކުރިން ކަމަށާއި، ސަސްޕެންޑް ކުރުމުގެ ކުރިން ފަނޑިޔާރުގެ ބަސް ހޯދުމަށް ޖޭއެސްސީގެ ގާނޫނުގައި ނޯންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ތާއީދު ކުރި އިރު، އެ ސަސްޕެންޝަން ފަސްކޮށް، ސްޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން އެއްވެސް ގޮތަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެ މައްސަލަ ނުބެލުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމަރު ބަލައިނުގަތުމަށް ނިންމައި، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ވެސް ބުނެފަ އެވެ.

ނަމަވެސް ފަނޑިޔާރު ދީދީ ރަސްމީ މަސައްކަތަށް ނިކުންނަވާ ކަމަށް، ސްޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިނގާ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ. އަދި ފަނޑިޔާރުންގެ ބެންޗުގައި ދީދީ އިންނަވައިގެން ބައްލަވާ ދެ މައްސަލައެއް އެ ކޯޓުގައި ބޭއްވުމަށް ތާވަލް ވެސް ކޮށްފައި ވެއެވެ.



ހިޔާލު

ޙައިވް

ޖޭ އެސް ސީ އިން މިކަލޭގެ މަޤާމުންވަކިކުރަން މަޖިލީހަށްފޮނުވަންވީނު ކިހާބޮޑު ރޯގާެއެއްތަ ޖެހިގެންމި އުޅެނީ