Avin hakatha ufahdhan EU ge investment bank inn bodu loaneh dhenee
image
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރު ޓުންގް ލައި މާގް، އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދާ ބައްދަލުކުރައްވަނީ--
2 ކޮމެންޓް
 

އަވިން ހަކަތަ އުފައްދަން ޔޫރަޕުގެ އިންވެސްޓްމަންޓް ބޭންކުން ބޮޑު ލޯނެއް ދެނީ

އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރުމަށް ޔޫރަޕިއަން އިންވެސްޓަމްންޓް ބޭންކް (އީއައިބީ) އިން ވަރަށް އަވަހަށް 663 މިލިއަން ރުފިޔާ (45 މިލިއަން ޑޮލަރު) ގެ ލޯނެއް ދޭނެކަމަށް ބުނެފި އެވެ.
ކުރުނބާ އައިލެންޑް ރިސޯޓުގައި މިއަދު ފަށައިގެން ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމުގައި އެކަން އިއުލާން ކުރެއްވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރު ޓުންގް ލައި މާގް އެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ކަންކަމުގައި އީޔޫއަކީ ވަރުގަދަ ބައިވެރިއެއް. މިއަދު ވެސް ޑީސެލް މަދުކުރަން ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ. އަވިން ހަކަތަ އުފެއްދުމުގެ ދާއިރާއަށް އެހީވުމަށް އީއައިބީން ވަރަށް އަވަހަށް 45 މިލިއަން ޑޮލަރުގެ ލޯނު ދޭނެކަން އިއުލާން ކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،" މާގް ވިދާޅުވި އެވެ.

މިއަދު ފެށި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި 35 ގައުމަކުން 130 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވެ އެވެ.

ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން އިއްޔެ ބުނީ އެ ފޯރަމްގައި ހަތަރު މަޝްރޫއަކަށް 31.2 މިލިޔަން ޑޮލަރު (481.1 މިލިޔަން ރުފިޔާ) ގެ އެއްބަސްވުންތަކުގައި ސޮއި ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ސޮއި ކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ޖަޕާނުން ދޭ 500 މިލިއަން ޔެން (70.9 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ އާއި އެމެރިކާ އިން ރާއްޖެ އަށް ދޭން ނިންމާފައިވާ ތިން މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުން، 11 މިލިޔަން ޑޮލަރު (169.6 މިލިޔަން ރުފިޔާ) އަށް އިތުރު ކުރުމާއި، ގްރީން ހައުސް އެމިޝަނަށް ހަރަދު ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ދޭ 5.6 މިލިޔަން ޑޮލަރު (86.4 މިލިޔަން ރުފިޔާ)ގެ އެއްބަސްވުމާއި، އޭޑީބީން ދޭ 10 މިލިޔަން ޑޮލަރު (154.2 މިލިޔަން ރުފިޔާ)ގެ ހިލޭ އެހީގެ އެއްބަސްވުން ހިމެނެ އެވެ.

މާލީ އެހީތަކުގެ އިތުރުން ޖޯޖިއާއާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބުރިޖަކުން ގުޅާލުމަށް، 488 މިލިއަން ޑޮލަރު (7.6 ބިލިޔަން ރުފިޔާ) ގެ ބިޔަ މަޝްރޫއު އެއް އިއުލާނުކޮށް، އެ ކަމަށް ފައިސާ ހޯދުމުގެ މަސައްކަތް ފެށުން ވެސް އޮތީ އެ ފޯރަމުގެ އެޖެންޑާގައި ހިމަނާފަ އެވެ.
ހިޔާލު

ލޯނޭ.؟.

ލޯނު ނުނަގައި މަސައްކަތްކުރަން އުޅުނު ބައެއްނޫންތަ މިސަރުކާރަކީ ؟؟ ލޯނު ނަގާނެކަމެއް ނެތް !! ޜާއްޖެ ދަރަނިވެރިވާނެ

ރަފް

މިރާއްޖޭގައި އަވިން ހަކަތަ އުފައްދާ މެއިންސުޓުރީމް ޕުރޮޖެކްޓުސް ފީސިބަލް އެއްނޫން.. އެއީ ސޯލާ ޕެނަލް ތަކުހެ މެއިންޓެނަންސް އަގުބޮޑުވެފައި ޕެނަލްތައް މޫދުގައި ބަހައްޓަން ބޮޑު ޖާގަ ބޭނުންވާތީ.