JSC ge nimmunthah balai, javaabudhaaree kuruveynee Majleehah: Raees
image
ރައީސް: ގާނޫނީ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރާނެ ކަމަށް ވިދާޅުވި.
2 ކޮމެންޓް
 

ޖޭއެސްސީގެ ނިންމުންތައް ބަލައި، ޖަވާބުދާރީ ކުރެވޭނީ މަޖިލީހަށް: ރައީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުންތައް ބަލައި، އެ ކޮމިޝަން ޖަވާބުދާރީ ކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، ޖޭއެސްސީ އަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީން އެކަށައަޅާފައިވާ މުއައްސަސާ ކަމަށްވާއިރު، އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން ޖާވާބުދާރީ ކުރުވޭނޭގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ޖޭއެސްސީ ޖަވާބުދާރީ ކުރުމަށް ކަނޑައަޅާފައިވަނީ، އެ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަޅައިގެން ކަމަށް ބުނެފައިވާކަން ރައީސްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

"އެއީ ގާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ،" ރައީސް ސޯލިހުގެ ބަޔާނުގައި ބުނެ އެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރާނޭ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސް އަރުވާ ކަމަށް އެ ބަޔާނުގައި ބުނެ އެވެ. އަދި އަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވައުދުކަމުގައި ވާއިރު، އެ ވައުދު ފުއްދުމަށްކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އަރުވައިފަ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ގާނޫނުއަސާސީ އާއި ގާނޫތަކާއި އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅައި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިޔާ އާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފައެވެ. އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. މީގެ އިތުރުން ގާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަނެވެ. އެ ބާރުތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަގިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންނެވެ،" ރައީސްގެ ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން ދައުލަތުގެ އެންމެހާ ބާރުތަކާއި ހުރިހައި މުއައްސަސާތަކުން ގާނޫނުއަސާސީއަށާއި، ގާނޫނުގެ ހަމަތަކަށް އިހްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސް ބަޔާނެއް ނެރުއްވި އިރު، ރިޝްވަތުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުން ފަސްކޮށް، ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ނުބެލުމަށް އެ ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން އެ އަމުރު ބަލައިނުގަނެ އެވެ. އަދި ޖޭއެސްސީގެ އެ ނިންމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ވަނީ ބަލައިގަނެ، މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހެޅުމަށް ނިންމައިފަ އެވެ.

އެ ނިންމުންތަކާ ގުޅިގެން ސްޕްރީމް ކޯޓުން މިއަދު ވަނީ އިތުރު އަމުރެއް ނެރެފަ އެވެ. އެގޮތުން އެ ކޯޓުން ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރަން އަމުރު ކުރުމަށް ފަހު އަޅާ ފިޔަވަޅުތައް ބާތިލް ވާނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެ އެވެ.
ހިޔާލު

ކަލްދޯބަޖޭއާއޯ

ކަލްދޯބަޖޭއާއޯ މީވެސް މީގެ ޒަމާްންޔަކެއް ކުރިން ފަނޑިޔާރަކު ޝަރީއަތްތުގައި ނިކަމެތި ރައްޔިތުންނަށް އަންގާއެންގުމެެެއް. މުޅިދައުލަތަށްވުރެ މި 5 ފަސް މިފަނޑިޔާރުންގެ ބާރު މިދައްކަނީ ވިޔަފާރިވެރިންތަކެެއް މީގެ އަޑީގައި ތިބެގެން އޭގެތެރޭގައި ބަޣާވަތަށް ހަރަދުކުރި މީހުން އުޅޭކަމަށްވޭ.

ޙަސަން

ކަންމަތީގޭ ޢަބްދުﷲގެ ކަލޯ އެ އުޅެނީ ބޮޑިއެއްބޯން.މީނާގެ އެކައުންޓްތައް ވެސް ޗެކް ކުރުމަށް ގޮވަލަން