މިސްރުގެ ކުރީގެ ރައީސް އަދި މުސްލިމް ބްރަދަހުޑްގެ ލީޑަރު މުހައްމަދު މުރުސީ، 67، ޝަރީއަތުގެ މަޖިލީހަށް ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް އަވަހާރަވެއްޖެ އެވެ.
މުރުސީ އަވަހާރަވީކަން މިސްރުގެ ގައުމީ ޓީވީން މީގެ އިރުކޮޅެއް ކުރިން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. މިސްރުގެ ގައުމީ ޓީވީން ބުނީ މުރުސީ އަވަހާރަވީ ޝަރީއަތުގެ މަޖިލީސް ނިމުނުތާ އިރުކޮޅެއްގެ ތެރޭގައި ހޭފުޅުނެތިގެން ވެއްޓިވަޑައިގެން ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މުރުސީ އަވަހާރަވުމުގެ ކުރިން، ކޯޓުގައި ގާތްގަނޑަކަށް 20 މިނެޓް ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް މުރުސީގެ ދެއްކެވި ވާހަކަފުޅުގެ ތަފްސީލުތަކެއް މިސްރުން ހާމައެއް ނުކުރެ އެވެ.
މިސްރުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ހުސްނީ މުބާރަކްގެ ވެރިކަން ނިމުމަކަށް ގެނައީ، އެ ގައުމުގައި ބޭއްވި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު މުރުސީ ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު 2012 ވަނަ އަހަރު ބޭއްވި އިންތިހާބުން ކާމިޔާބު ކުރެއްވުމަށް ފަހު މުރުސީ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް 2013 ވަނަ އަހަރު އަސްކަރިއްޔާ އިން ބަޣާވާތެއް ގެނައުމުން އެ ވެރިކަން ނިމުމަކަށް އައެވެ.
އަސްކަރީ ބަޣާވާތަކަށް ފަހު މުރުސީގެ ވެރިކަން ނިމުމަކަށް ގެނައީ، އެ ގައުމުގެ އެތައް ހާސް ރައްޔިތުންނެއް މުރުސީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށިތާ ދުވަސްތަކެއް ފަހުންނެވެ. އަސްކަރިއްޔާ އިން ބަޣާވާތް ކުރުމަށް ފަހު، މުރުސީގެ މައްޗަށް ވަނީ ބޮޑެތި ދައުވާތަކެއް އުފުލާފަ އެވެ.
އެގޮތުން 2013 ވަނަ އަހަރަށް ފަހު މުރުސީ މިއަދު އަވަހާރަވުމާ ހަމައަށް ވެސް ހުންނެވީ ޖަލު ބަންދުގަ އެވެ. އަދި މުރުސީގެ މުސްލިމް ބްރަދަހުޑް ވެސް ޓެރަރިސްޓް ޖަމާއަތަކަށް ބަދަލުކޮށް، މިސްރުން ވަނީ އެ ޖަމިއްޔާ މަނާވެސް ކޮށްފަ އެވެ.
މުރުސީގެ ވެރިކަން ނިމުމަކަށް ގެނައި ބަޣާވާތުގައި އިސްކޮށް ހުންނެވި އަބްދުލް ފައްތާހް އަލް ސީސީ އަކީ މިހާރު މިސްރުގެ ރައީސް އެވެ.
މުރުސީ އަވަހާރަވީ ކަން މިސްރުން އިއުލާނު ކުރުމާއި އެކު، އެންމެ ފުރަތަމަ ތައުޒިޔާ ވިދާޅުވީ ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން އެވެ. އެގޮތުން މުރުސީ އަކީ ޝަހީދެއް ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.