Javaabu dhaaree nukureveyne baareh ovedhaane heyyeve?
image
ސުޕްރީމް ކޯޓު--
1 ކޮމެންޓް
 

ޖަވާބުދާރީ ނުކުރެވޭނެ ބާރެއް އޮވެދާނެ ހެއްޔެވެ؟

ދައުލަތެއްގެ ތެރޭގައި ހިމެނޭ ބާރުތަކާއި މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ، ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ހުރުން ލާޒިމެވެ. އެއީ ބާރުތައް ލިބިފައިވާ ފަރާތްތަކަކީ ރައްޔިތުންގެ ހާދިމުންނަށް ވާތީ، އެ ހާދިމުން ބާރުތައް ބޭނުން ކުރަނީ ރައްޔިތުންގެ ހައްގުގައިތޯ ކަށަވަރު ކުރުމަށެވެ. އެކަމަކު ޖަވާބު ދާރީ ނުކުރެވޭ ފަދަ ބާރެއް ނުވަތަ މުއައްސަސާއެއް ދައުލަތުގެ ތެރެއިން އުފެދިގެން އައިސްފި ނަމަ ދެން ދިމާވާނީ ކިހިނެއް ހެއްޔެވެ؟
މިއަދު ރާއްޖޭގައި މިއުޅެނީ އެފަދަ މައްސަލައެއް ދިމާވެގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ އަދުލު އިންސާފު ކަށަވަރު ކުރުމަށް ފަނޑިޔާރުގެ އިސްލާހު ކުރުމެވެ. އެކަން ކުރުމަށް ކަންކަން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އެކަމަކު މައްސަލަތައް ބަލަން ފެށުމުން، މައްސަލަ ރައްދުވާ ފަރާތުން އެ މައްސަލައަކީ ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅަންވީމާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

އެއްވެސް ބާރަކަށް ގާނޫނަށް ވުރެ މަތީގައެއް ނޯވެވޭނެ އެވެ. އޭގެ މާނައަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ބޭނުންވާ އެންމެ އަސާސީ އެއް ސިފަ ކަމަށްވާ، ޖަވާބު ދާރީ ކުރުވުމުގެ މަސައްކަތް މެދުނުކެނޑި ކުރެވެން ޖެހޭނެ ކަމެވެ. އެއީ ވެރިކަން ހިންގުމުގެ ބާރު، ގާނޫނު ހެދުމުގެ ބާރު ނުވަތަ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ނަމަވެސް، އެތަނެއްގައި މައްސަލައެއް އުޅޭ ކަމަށް ފެންނަ ނަމަ، އެކަމެއް ބެލުން މަޖުބޫރެވެ.

ދިވެހި ދައުލަތުގެ ތިން ބާރުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެކަމަކު އެ ތިން ބާރުގެ ކުރިން އެހެން ބާރެއްގެ ވާހަކަ ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ. އެއީ ރައްޔިތުންގެ ބާރެވެ. ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން" ކަމަށާއި "ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި" ކަމަށެވެ.

މިފަހަރު މައްސަލަ ދިމާވެގެން މިއުޅެނީ ފަނޑިޔާރެއްގެ ޖިނާއީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުމުން، އެ ފިޔަވަޅުގެ މައްޗަށް ސުޕްރީމް ކޯޓުން ފަހު ބަސް ބުނަން މަސައްކަތް ކުރާތީ ދިމާވެގެން އުޅޭ މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވި ފަނޑިޔާރެއްގެ މައްޗަށް ރިޝްވަތާއި ހިޔާނާތުގެ ތުހުމަތެއް އައުމުން އެކަން ތަހުގީގު ކުރާއިރު، ފިޔަވަޅު އެޅުމުގެ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮންނާނެ ކަމަށް ގިނަ ގާނޫނީ ފަރާތްތަކުން ގަބޫލުކުރެ އެވެ.

"އެތައް އަހަރެއް ވަންދެން ޖޭއެސްސީން މަސައްކަތް ކުރީ ފަނޑިޔާރުންގެ ލޮބީ ގްރޫޕެއްގެ ގޮތުގައި. މިހާރު، ޖޭއެސްސީ އުފެދުމަށް ފަހު ފުރަތަމަ ފަހަރަށް، އެ ކޮމިޝަނުގެ މެންޑޭޓާ އެއް ގޮތަށް އެ މަސައްކަތް ކުރަނީ،" ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ކުރީގެ އެޓާނީ ޖެނެރަލް ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވީ ސުޕްރީމް ކޯޓު ވެސް ޖަވާބުދާރީ ކުރެވެން ވާނެ ކަމަށާއި އެކަން ކުރުމުގެ ބާރު ދުސްތޫރީ އިމުގެ ތެރެއިން ޖޭއެސްސީ އާއި މަޖިލިހުގެ ކޮމިޓީތަކަށް ވެސް ލިބިފައިވާ ކަމަށެވެ. ގާނޫނީ ދާއިރާއާ ގުޅޭ މައްސަލަތަކަށް ހާއްސަ ޖުޑިޝަރީ ކޮމިޓީ އެއް މިހާރުގެ މަޖިލިހުގައި އޮވެ އެވެ.

"ސުޕްރީމް ކޯޓަކީ ވެސް ޖަވާބުދާރީ ކުރެވޭނެ އަދި ޖަވާބުދާރީ ވާން ޖެހޭ ދައުލަތުގެ މުއައްސަސާއެއް. ޖޭއެސްސީ އަށް ވެސް އަދި މަޖިލިހުގެ ކޮމިޓީތަކުން ވެސް ދުސްތޫރީ އިމުގެ ތެރެއިން މިކަން ކުރެވޭނެ. ދައުލަތުގެ އެއްވެސް މުއައްސަސާއަކީ އޭގެ ޒާތުގައި އަމިއްލަ އޯބިޓެއްގައި ގާނޫނު އަސާސީގެ އިމުން ބޭރުގައި އުޅެވޭނެ ބަޔެއް ނޫން،" ސަވާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކަންކަމުގައި އެންމެ ފަހު ބަސް އަބަދުވެސް ބުނާނީ ރައްޔިތުން ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.

"ދުސްތޫރީ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެއްގައި އެންމެ ފަހު ބަސް އަބަދުވެސް ބުނާނީ ރައްޔިތުން. ދުސްތޫރީ ހަމަޔަށް ވިސްނާއިރު، ހުދު ސުޕްރީމް ކޯޓު ވެސް ގަބޫލުކުރޭ އިންފާރު ވަކިވެފައި އޮތް ޗެކްސް އެންޑް ބެލެންސަސް ނިޒާމް ގާނޫނު އަސާސީގައިވާ ކަމަށް. މި ނިޒާމު އަދި ގާނޫނު އަސާސީގެ ދަށުން ޖުޑިޝަރީ ޖަވާބުދާރީ ކުރާނެ ބާރު މަޖިލިހަށް ލިބިގެންވޭ،" ކުރީގެ އެޓާނީ ޖެނެރަލް ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ވެސް ހަމަ އެއް ވާހަކައެކެވެ.

"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފައެވެ. އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. މީގެ އިތުރުން ގާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަނެވެ. އެ ބާރުތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަގިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންނެވެ،" ރައީސްގެ ބަޔާނުގައި ބުނެ އެވެ.

ރިޝްވަތުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުން ފަސްކޮށް، ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ނުބެލުމަށް އެ ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން އެ އަމުރު ބަލައިނުގަނެ އެވެ. އަދި ޖޭއެސްސީގެ އެ ނިންމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ވަނީ ބަލައިގަނެ، މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ.

ޖުޑިޝަރީ ކޮމިޓީ ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށެވެ.

އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފަ އެވެ. އަދި ފަނޑިޔަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމާއި ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްކުރުމުގެ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ ހުރިހާ ކަމަކަށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅުމާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ވެއެވެ.
ހިޔާލު

މޮހޮދު

ދުން މަޖިލިސް ޖަވާބުދާރީ ކުރުވާނީ ކޮންބައެއް؟ މަޖިލީހުން ގާނޫނުން ބޭރުން ކައެއް ނިންމައިފިނަމަ ނުވަތަ ކޮށްފިނަމަ ފިޔަވަޅުއަޅާނީ ކޮންބައެއް؟ މަޖިލީހަކީ ގާނޫނަށް ތަބާވާންޖެހޭ ބައެއްނޫންތަ؟