Morsi ge hashikolhu fasdhaanu laifi, janaazaa beyhvee jalugai
image
މުރުސީ ޝަރީއަތުގެ މަޖިލީހަކަށް ކޯޓަށް ހާޒިރު ކޮށްފައި.-- ފޮޓޯ: ރޮއިޓާސް
1 ކޮމެންޓް
 

މުރުސީގެ ހަށިކޮޅު ފަސްދާނުލައިފި، ޖަނާޒާ ބޭއްވީ ޖަލުގައި

ޝަރީއަތުގެ މަޖިލީހުގައި ކޯޓުގައި އިންނަވަނިކޮށް ރޭ އަވަހާރަވި މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީގެ، 67، ޖަނާޒާ ޖަލުގައި ބޭއްވުމަށް ފަހު މިއަދު ފަސްދާނުލައިފި އެވެ.
މުރުސީގެ ދަރިކަލުން އަހުމަދު މުރުސީ ފޭސްބުކްގައި ވިދާޅުވީ، ބައްޕާފުޅުގެ ހަށިކޮޅު ފަސްދާނުލީ މިއަދު ފަތިސްނަމާދަށް ފަހު ކަމަށެވެ. އަދި ޖަނާޒާގެ ކަންތައް ކުރިއަށް ގެންދަން މިސްރުގެ ސަރުކާރުން ހުއްދަ ދިނީ، މުރުސީ ހައްޔަރު ކޮށްފައި ހުރި، ތޯރާ ޖަލުގައި ކަމަށެވެ. އެގޮތުން މުރުސީގެ ހަށިކޮޅު ހިނެވީ ތޯރާ ޖަލުގެ ހޮސްޕިޓަލުގައި ކަމަށާއި، ކަށުނަމާދު ބެއްވީ ވެސް ޖަލުގެ މިސްކިތުގައި ކަމަށް އަހުމަދު މުރުސީ ވިދާޅުވި އެވެ.

އަހުމަދު މުރުސީ ވިދާޅުވީ، ބައްޕާފުޅު ފަސްދާނު ލާން އާއިލާ އިން ބޭނުންވީ އުފަން އަވަށުގައި ކަމަށެވެ. ނަމަވެސް އެކަމަށް މިސްރުގެ ސަރުކާރުން ހުއްދަ ނުދިނީ އެވެ. އަދި މުރުސީގެ ޖަނާޒާގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް އާއިލާ އިން އެދުނު ނަމަވެސް އެ ހުއްދަ ވެސް ސަރުކާރުން ނުދިނެވެ. މުރުސީ ފަސްދާނު ލާފައިވަނީ ސަރުކާރުން ބޭނުންވި އަލް-ވަފާ ވަ އަލް-އަމާލް ސަހަރާގަ އެވެ.

އެގޮތުން ޖަލުގައި ބޭއްވި ޖަނާޒާގައި ބައިވެރި ވުމުގެ ފުރުސަތު ސަރުކާރުން ދިނީ މުރުސީގެ އާއިލާގެ ބޭފުޅުންނަށް އެކަންޏެވެ. އަދި މުރުސީގެ މައްޗަށް ކަށުނަމާދު ކުރުން ވެސް މިސްރުގެ އާންމު އެއްވެސް މިސްކިތެއްގައި ބާއްވައިފަ އެއް ނުވެ އެވެ.

ނަމަވެސް މިއަދު ތުރުކީގެ މިސްކިތްތަކުގައި މުރުސީގެ މައްޗަށް ކަށުނަމާދު ކުރި އެވެ. މުރުސީ އަވަހާރަވީ ކަން މިސްރުން އިއުލާނު ކުރުމާއި އެކު، އެންމެ ފުރަތަމަ ތައުޒިޔާ ވިދާޅުވީ ވެސް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން އެވެ. އެގޮތުން މުރުސީ އަކީ ޝަހީދެއް ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

މިސްރުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ހުސްނީ މުބާރަކްގެ ވެރިކަން ނިމުމަކަށް ގެނައީ، އެ ގައުމުގައި ބޭއްވި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު މުރުސީ ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު 2012 ވަނަ އަހަރު ބޭއްވި އިންތިހާބުން ކާމިޔާބު ކުރެއްވުމަށް ފަހު މުރުސީ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް 2013 ވަނަ އަހަރު އަސްކަރިއްޔާ އިން ބަޣާވާތެއް ގެނައުމުން އެ ވެރިކަން ނިމުމަކަށް އައެވެ.

އަސްކަރީ ބަޣާވާތަކަށް ފަހު މުރުސީގެ ވެރިކަން ނިމުމަކަށް ގެނައީ، އެ ގައުމުގެ އެތައް ހާސް ރައްޔިތުންނެއް މުރުސީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށިތާ ދުވަސްތަކެއް ފަހުންނެވެ. އަސްކަރިއްޔާ އިން ބަޣާވާތް ކުރުމަށް ފަހު، މުރުސީގެ މައްޗަށް ވަނީ ބޮޑެތި ދައުވާތަކެއް އުފުލާފަ އެވެ.

މުރުސީ އަށް ޖަލުގައި ބޮޑެތި އަނިޔާތައް ދޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކުން ބުނެ އެވެ. އެގޮތުން ރަނގަޅު ކާނާ ނުދޭއިރު، އެކަށީގެންވާ ސިއްހީ ފަރުވާ ވެސް މުރުސީ އަށް ނުދޭ ކަމަށް ބުނެ އެވެ. އަދި އާއިލާ މެމްބަރުންނާ ބައްދަލުކުރަން ދަތިކުރާއިރު، ގާނޫނީ ވަކީލާ ބައްދަލުވުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް މުރުސީ އަށް ކުރިމަތި ކުރުވި އެވެ.

މުރުސީ ޖަލުގައި ބަންދުކޮށްފައި ބަހައްޓާފައި ހުރީ ސޮލިޓަރީ ކޮންފައިންމަންޓްގައި އެހެން ގައިދީންނާ ވަކިން ކަމަށް ވާއިރު، ދުވާލަކު 23 ގަޑިއިރު ހުންނެވީ ޖަލު ގޮޅިން ބޭރަށް ނުނިކުމެވޭ ގޮތަށް ބަންދުގަ އެވެ. އެއީ ބައިނަލްއަގުވާމީ އުސޫލުތަކަށް ބަލާއިރު އަނިޔާއެއް ކަމަށް ބެލެވޭ އިރު، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް މުރުސީގެ ހާލަތަށް ރިއާޔަތްކޮށް މިދިޔަ އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި، މުރުސީގެ އިންސާނީ ހައްގުތަކަށް އެ ގައުމުގެ ސަރުކާރުން އަރައިގެންފައިވާ ކަމަށާއި އެކަން އިސްލާހު ނުކޮށްފި ނަމަ އަވަސް މުސްތަގުބަލެއްގައި އަވަހާރަވެދާނެ ކަމަށް ބުނެފައި ވެސް ވެއެވެ.

އެގޮތުން 2013 ވަނަ އަހަރަށް ފަހު މުރުސީ މިއަދު އަވަހާރަވުމާ ހަމައަށް ވެސް ހުންނެވީ ޖަލު ބަންދުގަ އެވެ. އަދި މުރުސީގެ މުސްލިމް ބްރަދަހުޑް ވެސް ޓެރަރިސްޓް ޖަމާއަތަކަށް ހަދައި، މިސްރުން ވަނީ އެ ޖަމިއްޔާ މަނާވެސް ކޮށްފަ އެވެ.

މުރުސީގެ ވެރިކަން ނިމުމަކަށް ގެނައި ބަޣާވާތުގައި އިސްކޮށް ހުންނެވި އަބްދުލް ފައްތާހް އަލް ސީސީ އަކީ މިހާރު މިސްރުގެ ރައީސް އެވެ.
މިސްރު މުރުސީ
ހިޔާލު

އަހުމަދު

މިހާރު މިސްރުގައި ހުރިމީހަކީ ވެރިކަން ފޭރިގަތްމީހެއްނު ވީމާ ތިޔަކަންވާނީ ތިޔަހެންތަ.