Japan ge bodu vazeeru Raajje vadai gathumuge dhauvathu Raees dhehvvaifi
image
ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރު ކެންޓަރޯ ސޮނޮއުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ޖަޕާނުގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސް ދެއްވައިފި

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އަރުވައިފި އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސް އަރުވާފައި ވަނީ އެގައުމުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރު ކެންޓަރޯ ސޮނޮއުރާ، މިއަދު ރައީސް ޞާލިޙުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންޓަރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މޯލްޑިވްސް ޕާރޓްނަޝިޕް ފޯރަމްގައި ކެންޓަރޯ ސޮނޮއުރާ ބައިވެރިވެ ވަޑައިގެން، ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ އާއި ޖަޕާނާ ދެމެދުގައި ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން ދާދި ފަހުން ޖަޕާނު ސަރުކާރުން ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެންގެ އަގުހުރި ކަނޑު އުޅަނދުފަހަރު ހަދިޔާ ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
ޖަޕާން-ރާއްޖެ
ހިޔާލު