Addu ge tharahgee ah 200 million dollar
image
ޕާޓްނާޝިޕް ފޯރަމުގައި މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

އައްޑޫގެ ތަރައްގީ އަށް 200 މިލިޔަން ޑޮލަރު

އައްޑޫގެ އުމްރާނީ ތަރައްގީ އަށް، އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމާފައިވާ 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނުން 200 މިލިޔަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހުޅުވާލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމާ ހަވާލުވުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ގޮތުން މިދިޔަ ޑިސެންބަރު މަހު އިންޑިއާ އަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ. އެ ކްރެޑިޓް ލައިނުން ފައިސާ ދޫކުރާނީ ދިވެހި ސަރުކާރުން ހުށަހަޅާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، "އާބަން ސެންޓަރެއް"ގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިތުރު މަގުތައް ޒަމާނީ ފެންވަރަށް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫން ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫގެ ހަތަރު ފަޅެއް ހިއްކުމާއި، ހިތަދޫ ވިޔަފާރި ބަނދަރު ބޮޑު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގައި އިތުރު ފްލެޓްތައް އަޅައި، ހިތަދޫގައި މަސް ފެކްޓްރީ އަކާއި، ޔޫތު ސެންޓަރެއްގެ އިތުރުން ރީހެބިލިޓޭޝަން ސެންޓަރަކާއި، އިސްލާމިކް ސެންޓަރެއް ވެސް މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާނެ އެވެ. އޭގެ އިތުރުން ގަމުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީކޮށް، އޮފީސް ކޮމްޕްލެކްސް އެއްގެ އިތުރުން ނޭޗާ ޕާކަކާއި، ކްލައިމެޓް ރީސާޗް ފެސިލިޓީއެއް ފާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

Mohamed shareef

ފުވައްމުލަކުންދިންޯޓަކީއައްޑޫސިޓީއިންދިންވޯޓުތޯ