3 rashehge bandharuge masaikaiy kuran Heavy Force aa havaalukohfi
image
ތ. އޮމަދޫ-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރަން ހެވީ ފޯސްއާ ހަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރު މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން މިއަދު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަން ހެވީ ފޯސްއާ ހަވާލުކޮށްފައިވާ ތިން ރަށަކީ ސ. މަރަދޫ ފޭދޫ އާއި ތ. އޮމަދޫ އަދި ދ. ރިނބުދޫ އެވެ.

އެކަމަށްޓަކައި މިއަދު ޕްލޭނިން މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތު ގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތުމަތު ޝާނާ ފާރޫގެވެ. ހެވީ ފޯސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރެވެ.

މަރަދޫ ފޭދޫގައި އެމަޝްރޫއު ކުރިއަށް ގެންދަން 31.69 މިލިއަން ރުފިޔާ އަށް ހެވީ ފޯސްއާ ހަވާލުކުރެވުނުއިރު އެ މަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން މަރަދޫ ފޭދޫގައި 243 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށްޓެއް ޖަހައި 100 މީޓަރުގެ ރިވެޓްމަންޓެއް ޖަހާނެ ކަމަށެވެ. އަދި 260 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓަކާއި ނެރު ބައްތި ޖެހުމާއި 42 މީޓަރު ގުރޯއިން އަދި އެއްގަމު ތޮށްޓާއި އިންވެގެން 1300 މީޓަރުގެ ޕޭމަންޓެއްގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކޮށް ބަނދަރުގައި ރޭމްޕެއް ހެދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އޮމަދޫ ބަނދަރުގެ މަޝްރޫއު ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާއި ހަވާލުކުރެވުނުއިރު އެމަޝްރޫ އަށް ވެސް 32 މިލިއަން ހަރަދުވާނެ އެވެ. މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން އޮމަދޫގައި 307 މީޓަރުގެ ބޭރު ތޮށްޓަކާއި 388 މީޓަރުގެ އެއްގަމު ތޮށްޓެއް އަދި 123 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ ކަމަށެވެ. އަދި ނެރު ބައްތި ޖަހައި އެއްގަމު ތޮށްޓާއި އިންވެގެން 1940 މީޓަރުގެ ޕޭވްމަންޓެއް ވެސް ހަދާނެ ކަމަށެވެ. އޭގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކޮށް ބަނދަރު ފުން ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރިނބިދޫގައި ބަނދަރު ތަރައްގީ ކުރަން 29.4 މިލިއަނަށް އެކުންފުންޏަށް ހަވާލުކުރެވުނުއިރު އެމަޝްރޫއު ނިންމަން ދީފައި ވަނީ 240 ދުވަހެވެ. އެ މަޝްރޫއުގެ ދަށުން އެރަށުގައި 20 މީޓަރުގެ ގްރޯއިން ޖަހައި 254 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ވެސް ޖަހާނެ އެވެ. އަދި 120 މީޓަރުގެ ރިވެޓްމެންޓް ޖަހައި 65 މީޓަރު ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ވެސް ޖަހާނެ އެވެ. އަދި 247 މީޓަރުގެ ބޭރު ތޮއްޓެއްގެ އިތުރުން 23.5 މީޓަރުގެ ވޯކްވޭ އެއް ވެސް ހަދާނެ އެވެ. އޭގެ އިތުރުން ބަނދަރާއި ބަނދަރު މަގު ފުންކޮށް އެއްގަމު ތޮށްޓާއި އިންވެގެން 1270 މީޓަރުގެ ޕޭވްމެންޓެއް ވެސް އެ މަޝްރޫއުގެ ދަށުން އެރަށުގައި ހެދުމަށް ނިންމާފައިވާއިރު ނެރު ބައްތި ހަރުކޮށް ބަނދަރު ސަރަހައްދުގައި ލައިޓް ވެސް ހަރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހިޔާލު