ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެ މައްސަލައިގެ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށް މަޖިލީހުން ނިންމައިފި އެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ހިންގުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި ގަސްތުގައި ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާންކޮށް ކަމާ ބެހޭ ފަރާތްތައް ހާޒިރުކޮށް އެމައްސަލަ ބަލާ ދެއްވުމަށް އެކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ 2016 ގައެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެއީ މަޖިލީހުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ފާސްކުރީ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ހުށަހެޅި އިސްލާހެއްގެ ގޮތުގަ އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. އެ އިސްލާހާއެކު ކޮމެޓީގެ ރިޕޯޓް ފާސްކޮށްފައި ވަނީ 65 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ
ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ގައުމީ ސަލާމަތުގެ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނިމުނު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޖުމްލަ 18 މައްސަލަ ނުނިމިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ އެ މައްސަލަތަކަކީ ނިމުނު މަޖިލީހުގެ ކޮމިޓީން އެއް ގޮތަކަށް ވެސް ކުރިއަށް ގެންގޮސްފައި ނުވާ މައްސަލަތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، ޖުމްލަ ފަސް މައްސަލައެއް. އެ ފަސް މައްސަލައިގެ ތެރެއިން ތިން މައްސަލަ އަކީ މައިގަނޑު އެއް ކަމަކާ ގުޅޭ ތިން މައްސަލަ. އަދި އަނެއް ދެ މައްސަލަ އަކީ ވެސް މައިގަނޑު އެއް މައްސަލައަކާ ގުޅޭ ދެ މައްސަލަ،" އަސްލަމް ވިދާޅުވި އެވެ.