Riyaazee commission thakuge bill thasdheegu koffi
image
ޝައްކު ކުރެވޭ ގޮތްތަކަށް މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް (ކ) އަދި ރައީސް ހުސްނުއް ސުއޫދު-- ފޮޓޯ: ރާއްޖެ އެމްވީ
1 ކޮމެންޓް
 

ރިޔާސީ ކޮމިޝަނުތަކުގެ ބިލު ތަސްދީގުކޮށްފި

ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ފާސް ކުރުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ބިލް ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަނުތަކުގެ ބިލް ރައީސް ސޯލިހު މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.
އެ ބިލް ތަސްދީގު ކުރުމާއެކު ރައީސް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުތަކުގެ މަސައްކަތް ކުރުމަށް ގާނޫނީ ބާރު މިހާރު ވަނީ ލިބިފަ އެވެ.

ހޫދު ވިދާޅުވީ އެ ބިލަކީ ރައީސް ސޯލިހުގެ މުހިއްމު ވައުދުފުޅެއް ކަމަށާއި އޭގެ ސަބަބުން މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނާއި ކޮރަޕްޝަނުގެ ކަންކަން ބަލާ ކޮމިޝަން ބާރުވެރި ވާނެ ކަމަށެވެ.

ބިލް ތަސްދީގު ކުރުމާއެކު މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގެ ތަހުގީގުތައް ވަރަށް އަވަހަށް ނިންމަވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުތަކުގެ ގާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އެ ގާނޫނުގެ ދަށުން ކޮމިޝަނަށް ލިބިދޭ ބާރުތައް:

1. ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
2. ކޮމިޝަނުގެ މަސައްކަތަށް ދައުލަތުގެ މުއައްސަސާތަކާއި އެހެން ފަރާތްތަކުގެ އެހީ ހޯދުން
3. ކޮމިޝަނުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުން
4. ކޮމިޝަނުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުން
5. ޖިނާއީ މައްސަލަތައް ތަހުގީގު ކުރުން
6. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ ބާރު ބޭނުން ކުރުން
7. ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގާ ގުޅޭ އަމުރުތައް ހޯދުމަށް ކޯޓުގައި އެދުން
8. ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ކޮމިޝަނުން ހޯދާ އެފަދަ އަމުރުތައް ތަންފީޒު ކުރުން
9. ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ތަހުގީގަށް ހާޒިރުކޮށް، ސުވާލު ކުރުން
10. ތަހުގީގަށް ބޭނުންވާ ލިޔުންތަކާއި އެހެން ހެކި ހޯދުމަށް އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
11. އެންގުމެއް ރައްދުވާ މީހަކު، އެއާ ހިލާފުވުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުން
12. ތަހުގީގަށް ފަހު ރައީސްގެ ލަފަޔާއެކު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުން
13. މަދަނީ ގެއްލުމުގެ ބަދަލާއި މުދަލާއި ފައިސާ އަނބުރާ ހޯދަން ފިޔަވަޅު އެޅުމާއި ދައުވާ ކުރުމަށް ރައީސްގެ ލަފާގެ މަތިން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން
14. ތަހުގީގެއްގެ މައުލޫމާތު އެހެން އިދާރާއެއްގައި ހުރި ނަމަ ކޮމިޝަނުން އެދިއްޖެ ނަމަ ހިއްސާ ކުރުން

އޭގެ އިތުރުން ކޮމިޝަންތަކުން ދައުވާ ކުރުމަށާއި، ފިޔަވަޅު އެޅުމަށް ފޮނުވާ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުމަށް އަމަލު ކުރާނެ އިޖުރާއަތެއް ހެދުމަކީ މައްސަލަ ފޮނުވޭ އިދާރާތަކުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ހިޔާލު

ނާޅި

ދިވެހިންގެ ބަޔަކު ސިޔާސީ ޕާޓީ ނުލިބިގެން އުޅެނިކޮށް އެވެސްލިބިއްޖެ ހިއުމަން ރައިޓްސް ކޮމިޝަނެއް ނެތިގެން އުޅެނިކޮށް އެވެސް ލިބިއްޖެ ތިންބާރު ވަކިވެފައިވާ ޤާނޫނު އަސާސީއެއް ނުލިބިގެން އުޅެނިކޮށް އެވެސް ލިބިއްޖެ ޒަމާނީ ޤާނޫނުލް ޢުޤާތެއް ނުލިބިގެން އުޅެނިކޮށް އެވެސް ލިބިއްޖެ ވީއެއްވެސް ކަމެއްނެތް ރައްޔިތުން ގެ ދިރިއުޅުމަށް ލިބުނު އެއްވެސް ކުރިއެރުމެއްނެތް ކެއްކުނު އެއްވެސް ޑޮންޑޮނެއް ދައްކާބަލަ ؟