Ingireysi MP ehge chuttee ah Shainee heydha kurevvi kamuge thuhumathu!
image
ޕޭސްލީ އަދި ޝައިނީ--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިނގިރޭސި މެމްބަރެއްގެ ޗުއްޓީ އަށް ޝައިނީ ހޭދަކުރެއްވި ކަމުގެ ތުހުމަތު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު އިއާން ޕޭސްލީ ރާއްޖޭގައި ހޭދަ ކުރެއްވި ޗުއްޓީއަށް ހަރަދު ކުރެއްވީ އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.
އިނގިރޭސި ޑިމޮކްރެޓިކް ޔުނިއަސްޓް ޕާޓީ (ޑީޔޫޕީ) ގެ އިއާން ޕޭސްލީ، އާއިލާ އެކު 2016 ވަނަ އަހަރު ރާއްޖޭގެ ކޮކޯ ބޮޑު ހިތި ރިސޯޓް ގައި ހޭދަކުރި އަގު ބޮޑު ޗުއްޓީ އަށް ހަރަދު ކުރި މީހަކާ މެދު ބީބީސީން ސުވާލު އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އޭރު ޕޭސްލީ ވިދާޅުވީ ޗުއްޓީގެ ބަޔަކަށް ހަރަދު ކުރީ އަމިއްލަ އަތުން ކަމަށާއި ބާކީބައި ދައްކައި ދިނީ "ދުވަސްވީ ރަހްމަތްތެރިއެއް" ކަމަށެވެ. ޕޭސްލީ ވަކި މީހެއްގެ ނަން ހާމަ ނުކުރައްވާ އިރު އޭނާ ވިދާޅުވީ އެ ރަހްމަތްތެރިޔާ އަކީ އޭނާގެ މަސައްކަތާ ގުޅުމެއް ނެތް މީހެއް ކަމަށާއި ސިޔާސި ނާޖާއީޒް ފައިދާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި ބީބީސީ ސްޕޮޓްލައިޓް ޕްރޮގްރާމުން "ޕޭސްލީ އިން ޕެރެޑައިސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައި ވަނީ އޭނާގެ "ދުވަސްވީ ރަހްމަތްތެރިޔާ" އަކީ ކުރީގެ ރާއްޖޭގެ ކެބިނެޓް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ބުނެފަ އެވެ. ޕޭސްލީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވި އިރު، ޝައިނީ ހުންނެވީ ފިޝަރީޒް މިނިސްޓަރުގެ މަގާމުގަ އެވެ.

ބީބީސީގެ ރިޕޯޓްގައިވާ ގޮތުން 2016 ވަނަ އަހަރު ޝައިނީ ވަނީ ޕޭސްލީ ހުންނެވި ރިސޯޓް ހިންގާ ކުންފުނި ކަމަށްވާ ސަންލޭންޑް ހޮޓެލްސްގެ ކޯ-އޯނާ އަދި ޑިރެކްޓަރު ހުސެން ހިލްމީގެ ފަރާތުން އެކުންފުނީގެ ޕްރައިވެޓް ރިސޯޓެއްގެ އަގަކަށް އެދިލައްވާ ފައެވެ. ކުންފުނީގެ މައި އޮފީހުގައި ރިސޯޓަށްވާ ފައިސާ ދެއްކެވީ ވެސް ޝައިނީ ކަމަށް ބުނެފައި ވެއެވެ.

ހިލްމީ ވެސް ވަނީ ފައިސާތަކެއްގެ މައްސަލާގައި ސިވިލް ކޯޓުގައި ހިނގި ޝަރީއަތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު ބަންދުކޮށްފަ އެވެ. އެކަމާ ބެހޭ ތަފްސީލެއް ފުލުހުންގެ ފަރާތަކުން ނުލިބެ އެވެ. ހިލްމީ އަކީ ކުރިން ކެބިނެޓުގައި ފިޝަރީޒް މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއަކަށް ވާދަކުރެއްވި ޝައިނީ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އެ ދަތުރުގެ އިތުރުން ޕޭސްލީ ރާއްޖެއަށް ކުރެއްވި އިތުރު ދަތުރުތަކަކާ މެދު ވެސް ބީބީސީން ވަނީ ސުވާލު އުފައްދާފަ އެވެ. އެގޮތުން ޕޭސްލީ އާއި އޭނާގެ އަންހެނުން އަދި ދެ ދަރިން ގޮވައިގެން 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ކަދޮޅު އައިލެންޑް ރިސޯޓްގައި ހޭދަކުރެއްވި ހަފްތާއެއްގެ ދަތުރެއް ހިމެނެ އެވެ. އެ ދަތުރަކީ ވެސް ޕޭސްލީގެ އަމިއްލަ އަތުން ހަރަދު ކުރެއްވި ދަތުރެއް ނޫނެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރުން ހަރަދުކޮށްގެން ރަސްމީ ދަތުރެއްގައި ޕޭސްލީ ރާއްޖެއަށް ކުރި ދަތުރުގެ އަހަރެއްހާ ދުވަސް ފަހުން ކުރެއްވި ނުރަސްމީ ދަތުރެކެވެ.

އިނގިރޭސިވިލާތް ނުވަތަ ނޮދަން އަޔަލޭންޑުގެ މަޖިލިސް ގަވާއިދުގައި ވާގޮތުން އަމިއްލަ ހަރަދެއް ނުކޮށް އަދި މަސައްކަތަކާ ގުޅުމެއް ނެތް ކަމެއްގައި ގައުމުން ބޭރަށް ދަތުރެއް ކުރާނަމަ މަޖިލީހަށް އެކަން އަންގަންވާނެ އެވެ. ނަމަވެސް އެދަތުރުތަކުގެ ތަފްސީލް ޕޭސްލީ މަޖިލީހަށް ހިއްސާކުރައްވާފައެއް ނުވެ އެވެ.

2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އޮތް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ) ގައި ބައިވެރިވުމަށް ޕޭސްލީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ ތިން ހަފްތާ ކުރިން ވެސް އޭނާ ވަނީ ރާއްޖެ އަށް ދަތުރު ކުރައްވާފަ އެވެ. ނަމަވެސް އެދަތުރަށް ހަރަދުކޮށްފައިވާ ގޮތެއް އަދި ސާފެއް ނުވެ އެވެ.

ގަވައިދާ އެއް ގޮތަށް އަމަލު ކުރަމުން ނުގެންދަވާތީ މިދިޔަ އަހަރު ޕޭސްލީ ވަނީ 30 ދުވަހަށް މަޖިލިހުން ސަސްޕެންޑު ވެސް ކޮށްފަ އެވެ. އެފަހަރު ސަސްޕެންޑު ކުރީ ލަންކާ ސަރުކާރުން ހަރަދު ކުރި ދެ އާއިލީ ޗުއްޓީގެ މައުލޫމާތު ހާމަ ނުކުރުމުންނެވެ. އެފަހަރު ޕޭސްލީ ވަނީ މަޖިލިހުގައި މައާފަށް އެދި، ކުށެއް ކުރެވުނުކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އިއާން ޕޭސްލީ ޖޫނިއާ އަކީ އަޔަލެންޑްގެ ކުރީގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ އަދި ޑިމޮކްރެޓިކް ޔުނިއަސްޓް ޕާޓީ (ޑީޔޫޕީ) ގެ ފައުންޑަރ އިއާން ޕޭސްލީގެ ދަރިކަލެކެވެ. އޭނާއަކީ ރައީސް ޔާމީނުގެ ސަރުކާރުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ކުރަމުން ގެންދިޔަ ކަންކަން ބައިނަލްއަގްވާމީ މުޖުތަމައުގައި ދިފާއު ކުރެއްވި ބޭރުގެ މަދު ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އެ ސަރުކާރުގެ މޫނުމަތި ބައިނަލްއަގްވާމީ މުޖުތަމައުގައި ރީތި ކުރުމަށް އެތައް ހަރަދެއް ވެސް ކޮށްފަ އެވެ. އެގޮތުން އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ގާނޫނީ ކުންފުންޏަށް އެތައް ބައިވަރު ފައިސާއެއް އެމަސައްކަތް ކުރުމަށް ދިނެވެ.

ނޯޓު: މި ހަބަރުގައި ކުދިން ހުސައިން ހިލްމީ މިދިޔަ ޑިސެމްބަރު މަހު ހައްޔަރު ކުރި ކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގައިވާ ކުށަކުންނެވެ. ރަނގަޅު މައުލޫމާތާއެކު މިހާރު ވާނީ ހަބަރު އިސްލާހުކޮށްފަ އެވެ.
ހިޔާލު