Raees Yameen hingevi jareemaathah belumah kulli massalaeh hushahalhaifi
image
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު--
0 ކޮމެންޓް
 

ރައީސް ޔާމީން ހިންގެވި "ޖަރީމާތައް" ބެލުމަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ "ޖަރީމާތައް" ނުބަލާ ލަސްވަމުންދާތީ، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

"ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާ އެތައް ބައެއްގެ ގިނަ މައްސަލަތަކެއް ޝަރީއަތް ނުނިމި ލަސްވަމުންދާކަމީ ރައްޔިތުން ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އަދި ތުހުމަތުކުރެވިފައިވާ ވައްކަމާއި ހިޔާނާތާއި މަނީ ލޯންޑާ ކުރުމުގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގާދިޔަ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އެތައް ކަމެއްގެ އިތުރުން، ރެކޯޑް މިންވަރަކަށް ދައުލަތުން ކުރެވުނު، ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އިތުރުން، ދިވެހި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، ދެ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާ، ހިނގާދިޔަ އެތައް އެތައް ކަމެއްގެ ޖަވާބު ލިބުން އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް ކަމުގައިވާއިރު، މިކަންކަން ނުބެލި، ޝަރީއަތް ނުކުރެވި، ދިގުލައިގެންދާ ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ވީމާ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިކުއްލި މައްސަލަ ހުށަހެޅީމެވެ." މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ވަހީދު ހުށަހެޅީ ކުއްލި މައްސަލާގައި ވެއެވެ.

ކުއްލި މައްސަލަ ހުށަހެޅުމަށްފަހު، އެމައްސަލައަށް ބަހުސް ކުރުމަށް 64 މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންވާ އެއް މެމްބަރު އިންނެވި އެވެ. މިވޯޓް ނަގާފައި ވަނީ، މަޖިލީހުގެ ވޯޓިން ސިސްޓަމުން ވޯޓު ނެގުމުން، ބައެއް މެމްބަރުންނަށް ވޯޓިން ސިސްޓަމުން ވޯޓު ނުލެވޭ ކަމަށް ވިދާޅުވުމުން، ރޯލްކޯލް ވޯޓު (ކޮންމެ މެމްބަރަކު ވެސް އެ މެމްބަރަކު އެކަމާ މެދު ދެކޭ ގޮތް ވިދާޅުވާ ގޮތަށް) ލައިގެންނެވެ.

މިހަފްތާގައި ބޭއްވި ޖަލްސާތަކުގައި، މަޖިލީހުގެ ވޯޓިން ސިސްޓަމުގައި މައްސަލަ އުޅޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ބައެއް ޖަލްސާތަކުގައި ރޯލްކޯލް ވޯޓް ނަގަން ޖެހިފައި ވެއެވެ.

މަޖިލީހުގެ ގިނަ މެމްބަރުން އެ މައްސަލައަށް ބަހުސް ކުރައްވަމުން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ އެތައް ހައްގުތަކަކަށް އަރައިގަނެފައިވާތީ އާއި އަދި ދައުލަތުގެ މުދަލާއި ފައިސާއަށް އިންތިހާއަށް ހިޔާނާތްތެރިވެފައި ވާތީ، އެ މައްސަލަތަކަކީ މިހާރު ވެސް ބަލަން ލަސްވެފައިވާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް އެމައްސަލަތައް ބެލުމުގައި ރައީސް ޔާމީނަށް ވެސް އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވި، ޝަރީއަތް ކުރެވި، ކުރެވޭ ތުހުމަތުތަކުން ބަރީއަވުމަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލިބިދޭ ހުރިހާ ހައްގެއް ލިބިދޭން ޖެހޭނެ ކަމަށްވެސް މެމްބަރުން ވިދާޅުވި އެވެ.
ހިޔާލު