BREAKING: Broadcom ge member Sofwan ves isthiufaa dhevvaifi
image
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު އިސްމާއިލް ސޮފްވާން (މ)-- ފޮޓޯ: ރައީސް އޮފީސް
2 ކޮމެންޓް
 

ބްރޯޑްކޮމްގެ މެމްބަރު ސޮފްވާން ވެސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު ކަމުން އިސްމާއިލް ސޮފްވާން ވެސް އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވިކަން އަންގާ ސޮފްވާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީ ފޮނުއްވާފަ އެވެ.

"ދިގު މުއްދަތަކަށް ސިއްހީ ފަރުވާއެއް ކުރަން ޖެހުމުގެ ސަބަބުން ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވުމާއި، ވިދިވިދިގެން ސަލާމް ބުނުމަކީ ދައުލަތުން އަޅުގަނޑާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތު އަދާ ކުރުމަށް އޮތް ހުރަހެއް ކަމަށް ފެންނާތީ މަގާމުން އިސްތިއުފާ ދިނުމަށް ވިސްނާ، އަޅުގަނޑު އިސްތިއުފާ ހުށަހަޅަމެވެ،" އެ ސިޓީގައި ވެއެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމުގައި ހުންނެވިއިރު، އެ ކޮމިޝަނުގެ އެހެން މެމްބަރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވެސް ސޮފްވާންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

"އަދި ކޮމޝަނުގެ ރިޔާސަތާ ހަވާލުވެ، އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" ސޮފްވާން ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ތަކުރާރުކޮށް ސަލާމް ބުނަމުން ދިޔައިރު ވެސް، އޭނާ އޮފީހަށް ހާޒިރު ނުވަނީ ކީއްވެތޯ ސާފު ކުރަން ބްރޯޑްކޮމް އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

"ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން އަޅުގަނޑާ ހަވާލުކުރެވިފައިވާ ނައިބު ރައީސްކަމުގެ ޓައިޓްލްއާ ދޭތެރޭވެސް ގޮތެއް ކަނޑައަޅާފައި ނުވި ނަމަވެސް، ނައިބު ރައީސްކަމުން އަޅުގަނޑު ވާނީ އިސްތިއުފާ ދީފައި" ކަމަށް ސޮފްވާން ވިދާޅުވި އެވެ.
އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ސޮފްވާން މަގާމުން ވަކި ކުރުމަށް ފާސްކޮށްފަ އެވެ.

ކޮމީޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ސޮފްވާން މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ އޭނާ ވަޒީފާއަށް ނުނިކުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވުމުންނެވެ.

ބައްދަލުވުމުގައި ވަނީ ކޮމިޓީގެ އެދުމުގެ މަތިން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ފޮނުއްވާފައިވާ ސޮފްވާންގެ ހާޒިރީ ރިޕޯޓް ކޮމިޓީ މެމްބަރުން ބައްލަވާފަ އެވެ.

ސޮފްވާންގެ ހާޒިރީ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ވަޒީފާއަށް ނުނިކުންނަތާ އަށް މަސް ވެއްޖެ އެވެ.

އަދި 18 މާޗް 2019 އިން 22 އޭޕްރިލް 2019 އަށް ޗުއްޓީއެއް ނަންގަވާފަ ވެއެވެ. އެކަމަކު ޗުއްޓީ ހަމަވުމުގެ ފަހުން ވެސް ކޮމިޝަންގެ ބައްދަލުވުންތަކަށް ސޮފްވާން ހާޒިރުވެފައި ނުވާކަން ހާޒިރީ ތާވަލުން އެނގެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ފަސް ވަނަ ނަމްބަރުގައިވާ ގޮތުން އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ކޮމިޝަންގެ ތިން ބައްދަލުވުމަށް ހާޒިރުނުވުން އެއީ މެމްބަރު ކަމުން ވަކި ކުރެވިދާނެ ހާލަތެކެވެ.

ސޮފްވާނަކީ ބްރޯޑްކޮމްގެ ނައިބު ރައީސްކަން ކުރައްވާފައިވަނީ 15 މާޗް 2018 އިން 13 ޖޫން 2019 އާ ހަމައަށެވެ.

ސޮފްވާން މަގާމުން ވަކިކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމެވެ. އަދި ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން އޭނާ މަގާމުން ވަކިކުރުމަށް ނިންމާ، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރި އެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވެސް މަޤާމުން ވަކި ކުރުމަށް ނިންމި އެވެ.

އެއާއެކު ލުތުފީ ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ ވެސް ވަކިކުރަން ނިންމީ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވަމުން ދާތީ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އޮތް އެ ކޮމިޓީގެ ބައްދަލުވުމަށް އޭސީސީގެ މެމްބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެކަމަކު އެދުވަހުގެ ބައްދަލުވުމަށް ވެސް ލުތުފީ ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

އެ ދުވަހުގެ ބައްދަލުވުމުން ހާމަވި ގޮތުގައި އޭސީސީގެ ލުތުފީ ވަޒީފާ އަށް ނިކުމެވަޑައިނުގަންނަވާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވި ނަމަވެސް ގަވައިދުން މުސާރަ ނަންގަވަ އެވެ.

އޭސީސީން ކޮމިޓީ އަށް ފޮނުވި ސިޓީއަކުން އެނގުނު ގޮތުގައި ލުތުފީ އެންމެ ފަހުން އޮފީހަށް ނިކުމެވަޑައިގެންނެވީ މިއަހަރުގެ ފެބްރުއަރީ 6 ގައެވެ.

އެއަށްފަހު އޭޕްރިލް 14 އާ ހަމައަށް ޗުއްޓީ ނެންގެވި އެވެ. އެކަމަކު ޗުއްޓީ ހަމަވުމުން ވެސް ވަޒީފާއެއް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.

މުސާރަ ނަންގަވައިގެން މަސައްކަތަށް ނުނިކުމެ ހުންނަވާއިރު، ލުތުފީއާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަން އެނގިފައި ވެއެވެ.
ހިޔާލު

Falaah

ނިމިދިޔަ ފަސްއަހަރު ކޮރަޕްޓްވެފަތިބި ބައިގަނޑު އެކިދިމަދިމާލުން އިސްތިއުފާ ދެމުންމިދަނީ އިންސާފްއަރާ ހަމަކުރާނެކަން ޔަޤީންވީމަދެއްތޯ؟ ދެނެއްނުފިލޭނެ އިނގޭތޯ؟؟

ޒީނާ

ރީޗެއްނު ވާހަކަ މީނައަތުން 8 މަސްދުވަހުގެ މުސާރަ އަތުލާ!