Shaim ge hiy dhathi dhiriulhun: 4 aharu ga feshi dhathuru kushuge vettaa hamayah!
image
ޝައިމް އަބްދުﷲ ކުރިން (ވ) އަދި މިހާރު (ކ)-- ފޮޓޯ: ފުލުހުން
ސާޔާ އަހްމަދު
6 ކޮމެންޓް
 

ޝައިމްގެ ހިތްދަތި ދިރިއުޅުން: ހަތަރު އަހަރުގައި ފެށި ދަތުރު ކުށުގެ ވެއްޓާ ހަމައަށް!

ގެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ފޯސްޓާ ޕޭރެންޓެއް ނުވަތަ ދަރުމައަށް ބަލަހައްޓައިދޭނެ އާއިލާއަކާ ހަވާލު ކުރުމުން އަނބުރާ މަންމަ ކައިރިއަށް ދިޔަ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ޝައިމްގެ މައްސަލަ އެންމެ ފުރަތަމަ ފެށިގެން މިއަދާ ހަމައަށް އައި ގޮތް ވަރަށް ތަފްސީލުކޮށް ހިއްސާކޮށްދެއްވާފަ އެވެ. އެކަމަކު މިއީ ކުޑަ ކުއްޖެއްގެ މައްސަލައެއް ކަމުން ބައެއް މައުލޫމާތުތައް ހިފެހެއްޓި އެވެ.

ޝައިމްގެ މައްސަލައިގެ ޓައިމްލައިން

10 ޖޫން 2009 - ޝައިމްގެ އުމުރުން ގާތްގަނޑަކަށް ހަތަރު އަހަރުގައި ފުރަތަމަ މައްސަލަ ފެންމަތިވި އެވެ. އެފަހަރު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅުނު ޝަކުވާ އަކީ ޝައިމްގެ އާއިލާ ތެރޭގައި އިހުމާލުގެ މައްސަލަތަކެއް އުޅޭ ކަމަށެވެ. އޭގެ ފަހުން އެކި ދުވަސްތައް މަތިން "އިންޓަވެންޝަން" ހަދާފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

2015 - ޝައިމްގެ އުމުރުން ގާތްގަނޑަކަށް 10 އަހަރުގައި އޭނާ ދިރިއުޅޭ މާހައުލަކީ ކުޑަ ކުއްޖަކު އުޅެން އެންމެ ރަނގަޅު މާހައުލު ނޫން ކަމަށް ފެނި، ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އޮކްޓޯބަރު 2015 - ކުޑަ ކުދިންގެ ހިޔާގެ ކުއްޖެއްގެ ގޮތުގައި ޝައިމް ރަޖިސްޓްރީ ކުރި އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ރައްކާތެރިކަން ދޭން ފެށި އެވެ. އަދި ފޯސްޓާ ޕޭރެންޓެއްގެ ގޮތުގައި ޝައިމް ބަލަހައްޓައިދޭން މީހަކު މިނިސްޓްރީ އަށް ހުށަހެޅި އެވެ.

11 ޖެނުއަރީ 2016 - ޝައިމް ފޯސްޓާ ޕޭރެންޓާ ހަވާލުކުރި އެވެ. މިއީ ޝައިމްގެ އުމުރުން ގާތްގަނޑަކަށް 10 ނުވަތަ 11 އަހަރުގަ އެވެ.

2017 - މިއަހަރުގެ ތެރޭގައި ޝައިމް އާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ޖެންޑާ އަށް ހުށަހެޅި އެވެ. ގާތްގަނޑަކަށް 12 އަހަރުގެ ޝައިމް ސްކޫލަށް ނުދާ މައްސަލަ އާއި ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭތީ، ބަލަހައްޓަން އުނދަގޫވާ ކަމަށް ބުނެ މައްސަލަ ހުށަހެޅީ ފޯސްޓާ ޕޭރެންޓެވެ.

ސެޕްޓެމްބަރު 2018 - ޝައިމް ފޯސްޓާ ޕޭރެންޓުންނާއެކު އުޅެން ބޭނުން ނުވެ، މަންމައާއެކު މާލޭގެ ގެސްޓު ހައުސެއްގައި އުޅެމުންދާ ކަމުގެ މައުލޫމާތު ލިބުނެވެ. ޝައިމް އުޅޭ ތަނެއް ހޯދަން އެކި އެޑްރެސްތައް ބަލަން ފެށި އެވެ.

2019 - ޝައިމް އުޅޭ ތަނެއް ހޯދަން ފުލުހުންނަށް ސިޓީއެއް ފޮނުވި އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އަށް މައުލޫމާތު ހިއްސާ ކުރި އެވެ.

އޭޕްރިލް 2019 - އުޅޭ ތަނެއް ނޭނގޭތީ އަނެއްކާ ވެސް ފުލުހުންގެ އެހީ އަށް ޖެންޑާ މިނިސްޓްރީން އެދުނެވެ.

24 އޭޕްރިލް 2019 - ޝައިމް އުޅެނީ ކުށުގެ ވެށީގައިކަން ފޯސްޓާ ޕޭރެންޓުން ޖެންޑާ މިނިސްޓްރީ އަށް އެންގި އެވެ. އަދި ޝައިމް ގެއަށް ނުދާތާ އެއް މަސް ވެއްޖެ ކަމަށާއި، އިތުރަށް ނުބެލެހެއްޓޭނެ ކަމަށް ބުންޏެވެ. އެއާ އެކު، ޝައިމް ހޯދަން ތިން ވަނަ ފަހަރަށް ފުލުހުންގެ އެހީ އަށް އެދުނެވެ.

3 ޖޫން 2019 - ޝައިމް ފެނިއްޖެ ކަމަށް ފުލުހުން ޖެންޑާ މިނިސްޓްރީ އަން އެންގި އެވެ. ދައުލަތުގެ ރައްކާތެރިކަން ފޯރުކޮށްދޭން، އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށި އެވެ. މަޝްވަރާ އަށް ފަހު ވެސް ޝައިމް އަނބުރާ ގެންދަން ފޯސްޓާ ޕޭރެންޓުން ބޭނުމެއް ނުވި އެވެ. ހިޔާ އަށް ރަސްމީކޮށް ނަގަން ނިންމާ، އެތަނުގައި ބެހެއްޓީ އިޖުރާއަތުތައް ނިމެންދެނެވެ. އެތަނުގައި ހުރި އިރުވެސް ޝައިމްގެ އެކި "ބިހޭވިއަރަލް" މައްސަލަތައް އައެވެ. ކުށުގެ ވެށީގައި އުޅޭ ކުއްޖަކަށް ވުމުން ބަހައްޓާފައި ހުރީ ވެސް އެހެން ކުދިންނާ ވަކިންނެވެ.

19 ޖޫން 2019 - ހިޔާއިން ޝައިމް ފިލިކަން ޖެންޑާ މިނިސްޓްރީ އަށް އެންގި އެވެ. އަދި ޖެންޑާ މިނިސްޓްރީން ރަސްމީކޮށް ފުލުހުންނަށް ޝައިމް ހޯދަން ރިޕޯޓު ކުރި އެވެ. ކޯޓު އަމުރު ހޯދައިގެން ޝައިމް ހޯދުމުގެ މަސައްކަތް ވަގުތުން ފެށި އެވެ.

ހިޔާއިން ޝައިމް އަށް ފިލުނީ ކިހިނެއް؟

ޝިދާތާ ވިދާޅުވީ ޝައިމް ހިޔާގައި ބަހައްޓާފައި ހުންނަނީ އެހެން ކުދިންނާ ވަކިން ކޮޓަރި އެއްގައި ކަމަށެވެ. ޝައިމް ނިދާ ވަގުތު އެ ކޮޓަރީގެ ބޭރުގައި ފުލުހަކު ހުރެ އެވެ. ޝައިމް ފިލި ރޭވެސް އެ ފުލުސް މީހާ ވަނީ ތިން ފަހަރެއްގެ މަތިން ކޮޓަރި ބަލާފަ އެވެ.

އެކަމަކު ބެލި ތިން ފަހަރު ވެސް ޝައިމް ނިދާފައި އޮތް ކަމަށް ހީކުރީ އާއްމުކޮށް އޭނާ ނިދަނީ މޫނުގައި އެއްކޮށް ފޮތިގަނޑު އަޅައިގެން ކަމަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފޮތިގަނޑު ނަގައިގެން ޝައިމް އެނދުގައި އޮތްތޯ އޮފިސަރު ޔަގީން ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައިމް ފިލިކަމަށް ބެލެވެނީ ޖެހިގެން ހުރި ކޮޓަރީގެ ކުޑަ ދޮރުން ފުއްމާލައިގެންނެވެ. އެ ކޮޓަރިއަކީ މަރާމާތުގެ މަސައްކަތެއް ކުރާ ކޮޓަރިއަކަށް ވުމުން އެތަނުގެ ކުޑަދޮރު ހުންނަ ހާމައަށެވެ. އެ ކުޑަ ދޮރުން ޖެހިގެން ހުރި ގެއެއްގެ ފުރާޅަށް ފުއްމާލީ ކަމަށް ބެލެވެ އެވެ. އެކަމަކު ޝިދާތާ ވިދާޅުވީ ޔަގީން ވާނީ ތަހުގީގަށް ފަހު ކަމަށެވެ.

މިނިސްޓްރީ އާއި މަރުކަޒުތަކުގައި ބޮޑެތި މައްސަލަތައް!

ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ދައުލަތުން ކުޑަކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ބޮޑެތި މައްސަލަ އެބަ ހުރި ކަމަށެވެ. އެތަންތަނުގައި މައްސަލަ އުޅޭކަން ދޮގު ނުކުރާ ކަމަށާއި، އެއްވެސް ކަމެއް ފޮރުވަން ވެސް މަސައްކަތް ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފޮރުވާކަށް މަސައްކަތެއް ނުކުރާނަން. ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. އޮޕަރޭޝަނަށް ބަދަލު ގެންނަމުން ދަނީ މިހާރުވެސް،" ޝިދާތާ ވިދާޅުވި އެވެ.

"ގަބޫލުކުރަން އެންމެ ބަލަން ވާ ވަރަށް ނުބެލޭކަން. ވަކި ކަހަލަ ކުދިން ބަލަން ވަސީލަތް ހުރި ތަނެއް ނޫން ހިޔާއަކީ،" ކުށުގެ ވެށިން ގެންނަ ކުދިން ބެހެއްޓޭނެ ތަނެއް ނެތްކަން ފަހަގަކޮށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ކުށުގެ ވެށިން ފެންނަ ކުދިން ބަލަހައްޓާނެ ވަކި ވަސީލަތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށާއި އެކަމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ދަށުގައި މީހުންނާއި ކުދިން ބައިތިއްބާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސްކްރީނިން މިހާރު ކުރާ ކަމަށާއި އެކަން ގަވައިދުންކޮށް، އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޯސްޓާ ޕޭރެންޓުންނަށް ކުދިން ހަވާލު ކުރުމާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެކަން ކުރަނީ ޝައުގުވެރިކަން ފާޅުކުރާ އާއިލާތަށް ވަރަށް ރަނގަޅަށް "އެސެސް" ކޮށްފައި ކަމަށެވެ. ހަވާލުކުރާއިރު ވެސް، ކުއްޖާ އާ ކޮންމެވެސް އާއިލީ ގުޅުމެއް އޮންނަ ބަޔަކާ ހަވާލުކުރެވޭތޯ މިނިސްޓްރީން ބަލަ އެވެ.

އޭގެ އިތުރުން ކުދިންނާ ގުޅޭ ކަންކަމަކީ ސިޔާސީވެގެން ވާނެ ކަންކަން ނޫން ކަމަށް ވިދާޅުވެ، ޝިދާތާ ވަނީ ހިޔާގެ ކަންކަމަށް ހެޔޮ ބަދަލު އައިސްފިކަން ވަރަށް ސާބިތުކަމާއެކު ދަންނަވަން ކެރޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ފުރާޅު މަތިން ވެސް ފާރު މަތިން ވެސް ކުދިންނަށް އެރޭނެ ގޮތަށް ކުރިން ހުރީ. މިހާރު ވަނީ ބަދަލުވެފައި، މިހާރު ނާރާނެ، އެއީ ފާރު ބަދަލުވެއްޖެ، އެ ކުދިންގެ އުޅުން ވެސް ބަދަލުވެއްޖެ،" ޝިދާތާ ވިދާޅުވި އެވެ.

"މިއީ އެއް ދުވަހުން ދެ ދުވަހުން މުޅި ސިސްޓަމް ނަގާ ކޮޅަށް ޖެހޭނެ ކަމެއް ނޫން. ހުރިހާ ހަކަތައެއް އެބަ އެގްޒޯސްޓް ކުރަން،" މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހިޔާއިން ފިލި ޝައިމް ހޯދަން ފުލުހުން ވަނީ ތިން ގެއެއްވެސް ބަލާ ފާސްކޮށްފަ އެވެ. އެކަމަކު އަދިވެސް އެ ކުއްޖާ ވީތަނެއް ނޭނގެ އެވެ.
ހިޔާލު

އަދުނާނު ހުސައިން

ހެހެހެހެ."މިއީ އެއް ދުވަހުން ދެ ދުވަހުން މުޅި ސިސްޓަމް ނަގާ ކޮޅަށް ޖެހޭނެ ކަމެއް ނޫން. ހުރިހާ ހަކަތައެއް އެބަ އެގްޒޯސްޓް ކުރަން،" ދެން ކީއްވެޔޯ ކުރިން ޕޯޑިއަމްތަކަށް އަރައި އަޑުގަދަ ކުރާތަކުން ހައްލުވާނެޔޭ ކުކުރެޔޭ ގޮވީ.

ހިޔާ

ކުޑަކުދިންގެ ހިޔާއާއި ޖެހިގެން ގެޔެއް ހުންނަކަމެއް އެގިފައެއްނެތް.

މުހުސިން ހަމީދު

ތިކުއްޖާ ކޮށްމެވެސް ބަޔަކު ފޮރުވައިގެން އުޅޭހެންހީވަނީ. މިކަން ސިޔާސީ ކަމަކަށް ހަދައިގެން އުޅޭމީހުންނާ ވައްތަރީ!

ޜައުޔު

ހިޔާ އާއި ޖެހިގެން ކޮންއިރަކު ގެއެއް ހެދީ ގެއެއް ގެ ފުރާޅައް ފުންމާލައިގެން ފިލަންދާން ވަރައް ބަލާފަ ހުރިކަން ފާހަގަ ކުރެވޭ

ކުއްވެރިޔާ

ތިކުއްޖާ ގުރޫޕަކުން ފޮރުވައިގެން ގެންގުޅޭތޯވެސް ބަލަން ވެއްޖެނު! ނޫނީ ސީސީޓީވީ ފުޓޭޖް ބަލަންވީނު ކޮންއިރަކު ކޮންތާކައްތޯ ދިޔައީ އެންމެފަހުން. ފެމިލީ ބުރޭކް ވުމުގެ ހިތާމަ މިހުރީވެސް😪

ޝިދާތާ

ކުދިން ގެންގުޅެނީ ތަޅުލައިގެން ޖަލުގައި މީހުން ގެންގުޅޭހެން. ނަމަވެސް މީގެން އެއްވެސް ކަމެއް ސީއެންއެމްއަށް ރިޕޯޓު ކޮއްލާކަށް ނުކެރެ... ލަދު...