Australia ge dharivaraku uthuru North Korea in hayyarukohfi
image
އޮސްޓްރޭލިއާގެ ދަރިވަރު އެލެކް ސިގްލީ-- ފޮޓޯ: ޓޮންޖިލް ޓުއާސް
ރައްޔާން މުހައްމަދު
0 ކޮމެންޓް
 

އޮސްޓްރޭލިއާގެ ދަރިވަރަކު އުތުރު ކޮރެއާއިން ހައްޔަރުކޮށްފި

އުތުރު ކޮރެއާގައި ތައުލީމު ހާސިލް ކުރަމުންދިޔަ އޮސްޓްރޭލިއާގެ ދަރިވަރަކު ހައްޔަރުކޮށްފައިވާ ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނެފި އެވެ.
އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުތުރު ކޮރެއާއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ އެލެކް ސިގްލީ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ އަކީ އުތުރު ކޮރެއާގެ ވެރިކަން ކުރާ ސިޓީ، ޕިޔޯންޔޭންގް ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރެކެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓެރޭޑް އިން ބުނެފައި ވަނީ އުތުރު ކޮރެއާ އިން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ މީހެއް ހޯދުމަށް އާއިލާއަށް އެފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އެމައްސަލަ ތަހްގީގު ކުރަމުންދާތީ އޭނާގެ ނަން އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ރޭޑިއޯ ސްޓޭޝަނަކަށް މައުލޫމާތު ދެއްވަމުން އެގައުމުގެ އެޓާނީ ޖެނެރަލް ކްރިސްޓަން ޕޯޓާ ވިދާޅުވީ މިހާލަތަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ދެކުނު ކޮރެއާގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީގެ ބޭފުޅުން ވަނީ އުތުރު ކޮރެއާގެ ކަމާއި ބެހޭ ފަރާތްތަކަށް އެކަން އަންގާފަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ މީޑިއާއެއް ކަމަށްވާ އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕުން ބުނާ ގޮތުގައި އެލެކް ސިގްލީ ގެއްލިގެން އޭނާގެ ރަހްމަތްތެރިއެއް އެކަން ހިއްސާ ކޮށްފައި ވަނީ މިހަފްތާގެ ކުރީކޮޅުގަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސިގްލީ އަކީ ވޭތުވެދިޔަ އަހަރެއްހާ ދުވަސްވަންދެން އުތުރު ކޮރެއާގެ ކިމް ޓޫ ސަންޓް ޔުނިވަސިޓީގައި އުތުރު ކޮރެއާގެ އަދަބިއްޔާއި ބެހޭ ގޮތުން މާސްޓާސް ޑިގްރީ ހަދަމުން އައި ދަރިވަރެކެވެ. އަދި އުތުރު ކޮރެއާއަށް ޒިޔާރަތް ކުރާ ފަތުވެރިންނަށް ޓުއާ ގައިޑެއްގެ ގޮތުގައި ވެސް އޭނާ ހަރަކާތްތެރި ވެއެވެ.

މިއަހަރުގެ މާޗް މަހު ދަ ގާޑިއަން ނޫހަށް ސިގްލީ ދީފައިވާ އިންޓަވިއުއެއްގައި އޭނާ އަކީ "އުތުރު ކޮރެއާގައި އުޅޭ ހަމައެކަނި އޮސްޓްރޭލިއަން" ކަމަށް ބުނެފައި ވެއެވެ. ސިގްލީ އުތުރު ކޮރެއާއަށް ދިޔުމަށް ޝައުގުވެރިވީ އޭނާ ޗައިނާގައި ތައުލީމު ހާސިލް ކުރަމުން ދަނިކޮށް އެގައުމުން ބައްދަލުވި އުތުރު ކޮރެއާގެ ރައްޔިތުންތަކެއްގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެލެކް ސިގްލީ ހައްޔަރުކޮށްފައިވާ ސަބަބެއް އަދި ސާފު ނުވާއިރު މީގެ ކުރިން ވެސް އުތުރު ކޮރެއާއިން ވަނީ އެގައުމަށް ޒިޔާރަތް ކޮށްފައިވާ އެތައް ފަތުރުވެރިންނެއް ހައްޔަރުކޮށްފަ އެވެ.
ހިޔާލު