Sagaafee tharikaige bill: Majileehuge thalhumun fenunee Dhivehi ge mussandhi kan!
image
ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސަގާފީ ތަރިކައިގެ ބިލް: މަޖިލީހުގެ ތަޅުމުން ފެނުނީ ދިވެހިންގެ މުއްސަނދިކަން!

ރާއްޖޭގެ ސަގާފަތާއި އާސާރީ ތަރިކައިގެ މުއްސަނދިކަން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަގާފީ ތަރިކައިގެ ބިލަށް މެމްބަރުން ބަހުސް ކުރައްވަމުން ދިޔައިރު ވަނީ ހާމަވެފަ އެވެ.
ބައެއް މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ސަރަހައްދެއްގެ ބަހުރުވައިން މަޖިލިހުގެ ތަޅުމުގައި ވާހަކަދައްކަވާފަ އެވެ. އެހެން ބައެއް މެމްބަރުން ވަނީ ކުރީގެ ސަރުކާރުން ސަގާފީ ތަރިކައަށް އިހުމާލުވެފައި އޮތް އޮތުން "ބޮޑު ހިޔާނާތެއްގެ ގޮތުގައި" ވެސް ސިފަ ކުރައްވާފަ އެވެ.

ހުރިހާ މެމްބަރުން ވެސް އެއްބަސްވެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ތަރިކައަށް އިހުމާލުވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ސަގާފީ ތަރިކައިގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީތީ މެމްބަރުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. ބައެއް މެމްބަރުން ވަނީ އެ މެމްބަރުންގެ ދާއިރާގައި ހުރި ގައުމީ ސަގާފަތާއި ތަރިކައާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ރ. އަތޮޅުގެ ސަގާފީ ތަރިކަ އަށް އަލިއްޅުއްވާ ވާހަކަދައްކަވާފަ އެވެ. ވަހީދު ވިދާޅުވީ ރ. އަތޮޅަކީ މުއްސަދި، ގަދީމީ ތާރީހެއް އޮތް އަތޮޅެއް ކަމަށެވެ.

ރ. އަތޮޅަކީ ކިއްސަރު ވަޑާމުގެ ރޮނގުން މުޅި ރާއްޖެއަށް ވެސް މަޝްހޫރި އަތޮޅެއް ކަމަށާއި އެކަމަކު އޭރުގެ ފަންނުވެރި ވަޑާންވެރިން ކޮށްފައިވާ ކަވި މަސައްކަތްތައް މިއަދު ފެންނަން ނެތުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ "އައިޑެންޓިޓީ" ހިފެހެއްޓުމަށް ސަގާފީ ތަރިކަ އާއި ތާރީހް އަލުން ބަލުން ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވީ "މުޅި ދިވެހި ރާއްޖޭގެ ތާރީހަށާއި އާސާރުތަކަށް މިވަނީ ރަންނަމާރި އަރާފަ" ކަމަށެވެ.

އެއީ ތާރިހުގައި ކަންކަން ހިނގާފައިވާ ގޮތްތަކާއި ތަރިކައިގެ އަސްލު މިއަދު އެނގެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހުސެން ވަނީ ރާއްޖެ އިސްލާމްވީ ގޮތުގެ ހަގީގަތެއް މިއަދު އެނގެން ނެތް ކަމަށާއި އެ ވާހަކަ އެކި މީހުން ދައްކަނީ އެކި ގޮތަށް ކަމަށް ވިދާޅުވެއެފަ އެވެ.

ބ. އަތޮޅު ކެންދޫގައި ދިވެހިރާއްޖެ އިސްލާމް ކުރި ކަމަށް ބުނާ މީހާއަށް ހާއްސަ މަގާމެއް ހުންނަ ކަމަށާއި ނަމަވެސް މިއަދު އެތަނުގެ ހާލު ވަރަށް ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދަބީ ގޮތުން ވެސް ދިވެހިން ހޯދާފައިވާ ކުރިއެރުންތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ބެހެއްޓުމަކީ، ދިވެހިންގެ ސަގާފަތުގެ އިލްމު ފޯރުކޮށްދެވޭނެ ހަމައެކަނި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ޖެހެންދެން ވީނުވީއެއް ނޭނގި ގެއްލިފައި ހުރި ކަޅުވަކަރު މިސްކިތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީއު ވިދާޅުވީ ސަގާފަތާއި ތާރިހާކީ އަލުން އިޔާދަ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

"ސަގާފަތާއި ތާރީހަށް ވެވޭ ހިޔާނާތަކީ ބޮޑު ހިޔާނާތެއް. އެއީ އިޔާދަކުރެވޭނެ ހިޔާނާތެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.

މިއަދު ކަޅުވަކަރު މިސްކިތުގެ ބައިތައް ފެނި އެ މިސްކިތް އަލުން ރޭވިކަމުގައި ވިޔަސް ހަގީގީ ކަޅު ވަކަރު މިސްކިތެއް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތާރީހާއި ސަގާފަތް ހިމާޔަތް ކުރަން މިއަދު މަޖުބޫރުވެފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ. ހއ. އަތޮޅުގައި ހުރި އެތައް ބިނާއަކަށް އަޅާނުލެވި ހުރުމުގެ ސަބަބުން އެތަންތަނުގެ "ކުލަ އާއި އަސަރާއި ވަސް" ފިލަން ގާތްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަކި މަޝްރޫއެއް ގޮތަށް ރޭވިގެން ގައުމުގެ ތަރިކަ ހަލާކުކޮށްލަން މަސައްކަތް ކުރެއްވި ކަމަށެވެ.

މިހާރު ހުށަހެޅިފައިވާ ބިލަކީ ވަރަށް ވެސް މުހިއްމު ބިލެއް ކަމަށާއި ކުރީގެ ސަރުކާރާ ހިލާފަށް މި ސަރުކާރު އޮތީ ރާއްޖޭގެ ތަރިކަ އާއި ސަގާފަތާއި އާދަކާދަތަކާއި އާސާރުތައް ހިމާޔަތް ކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަގާފީ ތަރަކަ އާއި އާދަކާދަތައް އެ ހުރި ގޮތަށް ފެންނާނެ ހެން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ. މަޖިލިހުން މިކަން ކުރާނެ ކަމާ މެދު ކުޑަ ވެސް ޝައްކެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ އާސާރުތައް އާސާރަށް ވަނީ އެ ހުންނަ ތަނެއްގައި ހުރީމައި ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި ތަރިކައިގެ ގޮތުގައި ފާހަގަވާ ގިނަ ވަސީލަތްތައް ވަނީ މާލެ އަށް "ޖަމާކޮށްފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ބައެއް މެމްބަރުން ވަނީ އެބޭފުޅުން ނިސްބަތްވާ އަތޮޅެއްގެ ބަހުރުވައިން ވެސް ވާހަކަ ދައްކަވާފަ އެވެ.

މަޖިލިހުގައި މިހާރި އޮތް ސަގާފީ ތަރިކައިގެ ބިލްގައި އެ ތަކެތި ގިންތިކޮށް ދަފްތަރު ކުރާނެ އުސޫލެއް ކަނޑައަޅަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށް އެކިއެކި ފަރާތްތަކަށް އޮތް ޒިންމާތައް ވަނީ ބަޔާންކޮށްފަ އެވެ.ސަގާފީ ތަރިކައި އަށް އިހުމާލުވާ މީހުންނަށް އަޅާނެ ފިޔަވަޅުތައް ވެސް ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ.
ހިޔާލު