Vaahaka: Dhin Ufaa Loabin
image
ފުނަމާ
5 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

18 ވަނަ ބައި
ވެހިކަލްތަކުގެ ދުމުން، ތަޣައްޔަރުވެފައިވާ މާލެއަށް ކުޑަ ނަމަވެސް އަމާންކަމެއް ލިބެނީ ފަތިހުގެ ފިނިޖެހޭވަގުތުއެވެ. އުޑުމަތީގައި ވިލާ ބޯ ރެއެކެވެ.

ކާއިނާތުގެ ކުލަތައް ކޮޅުކޮޅަށް ހަރަކާތްތެރިވާން ފަށައިފިއެވެ. މެންދަމުން ފަސްދީ، ދެގަޑިބައިވީފަހުން ނިދިނަމަވެސް ހަތަރުގަޑި ބައިވުމާއެކު މުސްކާން އެހުރީ ތެދުވެއެވެ. ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އާދުވަހަކަށް ނޭވާލުމުގެ ނަސީބު ދެއްވީތީ ﷲއަށް ޙަމްދުކުރިއެވެ. އާދައިގެމަތީން އެއާކޯން ނިއްވާލުމަށްފަހު ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލިއެވެ. ފަރުވާތެރިކަމާއެކު ބޭރަށް ބަލައިލިއެވެ. ގަސްތަކުގެ ފަތްތައް މަޑުމަޑުން ވަޔާ ވިހުރިލާ މަންޒަރު ވަރަށް ހިތްގައިމެވެ. ލުއިލުއި ހިނިތުންވުމެއް މުސްކާންގެ މޫނުމަތީގައި އެކުލެވުނީ، އެމާހައުލުގެ ސަބަބުންނެވެ.

ފަތިހުގެ ހަމަހިމޭންކަމަށް މުސްކާން ލޯބިކުރެއެވެ. ބޭރަށް ބޯދިއްކޮށްލާފައި ދެވަނަ ފަހަރަށްވެސް ބަލައިލިއެވެ.
އަނދިރީގެ ތެރެއިންވެސް ކައުނުގެ ހިތްގައިމުކަމަށް ތަޢުރީފު ކުރެވުނެވެ. ރަތްވިލާތަކުން ޖަރީކުރެވިފައިވާ، މާހައުލުގައި ތެތްފިނިކަމެއްވިއެވެ. އެތައް އުއްމީދުތަކެއްގެ ކުލައެކުލެވިފައިނިކޮށް މުސްކާންއަށް ފެނުނެވެ. ބައްޕައަށްޓަކައި އެތައް ދުޢާއެއް ކުރިއެވެ. މަންމައާއި ބައްދަލުވާނެ ކަމުގެ އުއްމީދުގައި އިތުރު ދުވަހެއް ދެއްވީތީ ޙަމްދާއި ޝުކުރުކުރިއެވެ. ޚިޔާލުގެ ތެރޭގައި ހިނިތުންވެފައިވަނިކޮށް ކަންފަތުގައި ބީހިލީ، ބަންގީގެ އަމާންކަމެވެ. ވުޟޫކޮށްލައިގެން ނަމާދަށް އެރުމަށް އަވަސްވީ، މުސްކާން އެކަމަށް އިންތިޒާރުގައި ހުރީތީއެވެ.

ސަލާމްދިނުމާއެކު މުސްކާންއަށް ބަލައިލެވުނީ ކުޑަދޮރާއި ދިމާއަށެވެ. މާ ބޮޑަށް ވައިގަދަވީއެވެ. ވަޔާއެކު ދޮރުފަތް ތެޅެންފެށީއެވެ. ދާދިދެންމެއަކުވެސް މުސްކާން އެއައީ އެދޮރުން ބޭރު ބަލަން ހުރެފައެވެ. ކާއިނާތުގެ ކުލަތައް ނުހަނު ޗާލެވެ. ނަމަވެސް ކުއްލިޔަކަށް، ދޮރުގައި ދަމާފައިވާ ލޭސްތައް ކޮޅުކޮޅަށް ހޫރެންފެށީއެވެ. މޫސުން ގޯސްވެއްޖެއެވެ. ދޮޅިއާއި އިސްޓާކީނު ފައްޖަހާލާފައި މުސައްލައާއެކު އަލަމާރީގެ ވަތްގަނޑަށް ލާފައި މުސްކާން ހަލުވިކޮށް ދިޔައީ ކުޑަދޮރު ލައްޕާށެވެ. ދޮރާއި ގާތްވެލާފައި ހައިރާންކަމާއެކު ބޭރަށް ބަލައިލިއެވެ. އެކި ކުލައިން ޖަރީކޮށްލާފައިވީ ކާއިނާތު، މިވަގުތު ބައްދާލާފައިވަނީ ވިއްސާރަ ވިލާތަކުންނެވެ. ފުންނޭވާއަކާއެކު ދޮރުލައްޕާލިއެވެ. ފުރަން ތައްޔާރުވެފައިވާ ފޮއްޓަށް މުސްކާންއަށް ބަލައިލެވުނެވެ. ހިތް ބިރުގަތީ ދަތުރު ކެންސަލް ވެދާނެތީއެވެ. ޠޫފާނުގެ ވައި އެހައިވެސް ގަދައެވެ. އަނގަމަތީގައި އަތް އެޅުނެވެ. ގަޑިއަށް ބަލާލާފައި އަވަސްވީ، މާމައާއި ބައްދަލުކުރުމަށެވެ.

***

ސްކޫލްގެ ދަތުރުތައް ނިންމާލާފައި ޝަރީފުގެ އަތްމަތި އަވަސްކޮށްލިއެވެ. ގަޑިއަށް ނުދެވިދާނެތީއެވެ.
"ވަރަށް ވަރަށް އުފާވެފައި މިހުރީ.. މުސްކާންއާއި ބައްދަލުކޮށްލަން ވަރަށް ބޭނުން.. ވަރަށް ލޯބިދޯ މިހާރު.. ކާކާތަ އެމަންޖެ ވައްތަރީ؟" ނިޝާނާގެ މޫނުމަތީން އެވަރުގެ އުފާވެރިކަމެއް ޝަރީފުއަށް ފެނުނު ދުވަހެއް ހަގީގަތުގައިވެސް ހަނދާންނެތެވެ. ހިނިތުންވެލާފައި ހުރުމުން ނިޝާނާގެ ރީތިކަން ޝަރީފުގެ ހިތުގައި މިއަދުވެސް ވިންދުޖަހުވާލައިފިއެވެ.

"ވާހަކަ މަދުކޮށްފައި، އަވަސްކޮށްބަލަ!" ފަޓުލޫނުގެ ޒިޕްއަޅުވާލާފައި ގޮއް އަޅުވާލިއެވެ. އެނދުމަތީގައި އޮތް ބެލްޓް ނަގާފައި ނިކަން ފަރިތަކަމާއެކު އެކަންވެސް ނިންމާލިއެވެ.

"ސައިބޮއެގެންތަ ތިއައީ.. ފެންވަރަށް ދިއުމުގެކުރީން، ކޮފީއެއް ބޯލައިގެން މަވެސް މިހުރީ.." ނިޝާނާ ބުންޏެވެ. ލިޕްސްޓިކް ނަގާފައި ކުލައަށް ބަލައިލިއެވެ. އެކުލައާއިމެދު ހިތްހަމަ ނުޖެހުމުން އިތުރު ލިޕްސްޓިކްއެއް ނަގާފައި ތުންފަތުގައި ޖައްސާލިއެވެ. ލައިފައި ހުރި ހެދުމަށް ބަލާލާފައި އަރިއަރިއަށް ގޮނިކޮށްލާފައި ހަށިގަނޑަށް ނިކަން ރަގަޅަށް ބަލައިލިއެވެ.

"ތަންކޮޅެއް ފަލަވެއްޖެ ދޯ.. ހިކެންވީ ކަންނޭގެ! އަހަރެން ޖިމްއަކަށް ފޮނުވަންވީނުން" ނިޝާނާ ކުރިއާއި މުޅިން ތަފާތެވެ.

"އަވަސްކުރޭ.. ވަރަށް ލަސްވެއްޖެ.. ޔަނާލް ހުންނާނީ މިހާރު ނޭވާ ނުހިނގާފައި.." ޝަރީފުއަށް ޔަނާލްގެ މުހިއްމުކަން ނިޝާނާއަށް އިހުސާސްކުރެވެއެވެ. މީގެކުރީން ނިޝާނާގެ ރަގަޅު ސިފައެއް ޝަރީފުގެ ރައްޓެހީންނަށް ފެނިފައި ނުވިޔަސް އެކަން ބަދަލުކުރުމަށް މިހާރު ނިޝާނާ ބޭނުމެވެ. ލިބުނު ފުރަތަމަ ފުރުޞަތުގައި ވަގުތުގެ ބޭނުން ހިފަން ނިޝާނާވަނީ ނިންމާފައެވެ.

****

ބޯމަތީންދިޔަ މަތިންދާބޯޓްގެ އަޑު ގަދައެވެ. ހައިރާންވެގެން ނިޝާނާއަށް ބެލެނީއެވެ. ބިރުވެސް ގަތެވެ. ބޮލަށް، އެ ބޯޓް ވެއްޓިދާނެހެން ހީވާތީއެވެ. ކަންފަތުގައި އަތްވެސް އެޅުނެވެ. މާބޮޑަށްވެސް އަޑުގަދައީއެވެ. ބުރިޖު ހުރަސްކުރުމުގައި އެފަދަ އަޖައިބުކުރުވަނިވި ކަމެއް އެކުލެވިފައިވެދާނެކަމަށް ނިޝާނާއަށް ހީކުރެވިފައެއް ނެތެވެ.
ބުރިޖުމަތީން ދަރުތުކޮށްލާން ލިބުނު ފުރަތަމަ ފުރުސަތެވެ. އެމިރޭޓްސްގެ ބޮޑުފްލައިޓެއް ޖައްސާން އެދިޔައީ ނިޝާނާގެ ބޯމަތީންނެވެ. ކުޑަކުއްޖަކަށް އެފަދަ މަންޒަރެއް ފެނުމުން އުފާވާނެވަރަށް ނިޝާނާވެސް އެއިނީ ހިނިތުންވެ ފައެވެ.
"އަޅެ މިއޮއް ހުރިހާ ދުވަސްވީއިރު އަހަރެން ގޮވައިގެން މިތަނުގެ މަތީންވެސް ބުރެއް ޖަހާލަން ނުގެންނަމެއްނުން.." ޝަރީފުގެ ގައިގައި ވަރަށް ލޯބިން ބައްދާލަމުން ނިޝާނާ ބުނެލިއެވެ. ބާރު ސްޕީޑްގައި ދުއްވަމުން ދިޔައީތީވެ، އަނބިމީހާގެ ޝަކުވާއަށް ވަކި ޖަވާބެއް ޝަރީފު ނުދިނެވެ.

***

"މަންމާ.. އަހަރެންގެ ހިތް ބިރުގަންނަނީ.. ހިތައް އަރަނީ މުސްކާންއަށް ގޮތެއް ވެދާނެޔޭ.. އަހަރެން ނެތިސް، ބަލިވެދާނެޔޭ.. މަންމަ ރަގަޅަށް ބަލައްޗޭ!" ޔަނާލް ބުނެލީ މުރުޝިދާގެ ކަންފަތާ ގާތަށް ގުދުވެލާފައެވެ. ޔަނާލްގެ އަތުން މުސްކާން ދޫކޮށްނުލައެވެ. ރައްޓެހިކުދިން، އެކުދިންގެ އުފާވެރިކަމުގައި މަޖާ ވާހަކައިގައި ހީ ސަމާސާ ކުރިޔަސް، މުސްކާން ބައްޕަ އަތުން ދޫކޮށްލާފައި އެކުދިންނާއި ގާތަށް ނުދާތީ، ޒަމީލް ސުވާލުވެސް ކުރިއެވެ.

"އެކުދިން ގާތަށް ދަރިފުޅު ނުދާތީ އެކުދިން ދެރައެއް ނުވާނެތަ؟" ޒަމީލް އަހައިލިއެވެ.

"ދެން އޮތް ހަފްތާއެއްހައި ދުވަހު މުސްކާން އުޅޭނީ އެކުދިންނާއެއްކޮށް.. ކާފާ! އޭރުން ބައްޕަ ދެރަވާނެ.. ބައްޕަ ވަރަށް އެކަނިވާނެ.. މާމައާއި ކާފަ ވެސް ތިދަނީ މުސްކާން އާއެއްކޮށް.. އެހެންވީމައި މިވަގުތު ބައްޕަ އެކަނި ކޮށްލާފައި މުސްކާން ދާކަށް ނުވާނެއްނުން.." ޔަނާލްގެ މޫނަށް ބަލައިލާފައި މުސްކާން ބުނެލިއެވެ.

ދަރިފުޅުދެކެ ބައްޕަ ލޯބިވާ މިންވަރު ހާމަކުރުމަކީ ޔަނާލްއަށް ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ހިތާއި ހަށިގަނޑަށްވުރެންވެސް ޔަނާލްއަށް މުސްކާން މުހިއްމެވެ.

"ބައްޕަ ވަރަށް ވަރަށް ލޯބިވޭ ދަރިފުޅުދެކެ.. މިހެން ބުންޏަސް، ބައްޕަގެ އިހްސާސްތައް މި ޢިބާރަތަކު ނުހިމެނޭނެ.. އެއަށްވުރެން މާ ބާރުގަދަ އިޙްސާސެއްމީ ދަރިފުޅާ" ދެލޯ ފެންކަޅިވެފައެވެ. ޔަނާލްގެ އަޑު ތުރުތުރު އަޅައެވެ.

"ބައްޕާ.. ޔޫ އާރ މައި ވޯލްޑް... މުސްކާން ފުރީމައި ބައްޕަ ނުރޯތި! ވަރަށް އުފާވެފައި، މުސްކާންއަށް ދުޢާކުރަންވާނެ.. މިދަނީ ވަރަށް މުހިއްމު މަޤުޞަދެއްގައި.. ވަރަށް ނިކަމެތި ކުދިންތަކެއްގެ ގާތަށް މިދަނީ.. އެކުދިންނާއިއެކު އުފާވެރި ވަގުތުކޮޅެއް މުސްކާންއަށް ހޭދަކޮށްލެވޭތޯ ބައްޕަ ވަރަށް ދުޢާކުރަންވާނެ.. މުސްކާން ގަބޫލުކުރަނީ މިއީ ހަޔާތުގައި ލިބުނު އެންމެ މުހިއްމު ފުރުޞަތުކަމަށް.. ބައްޕައާއި ނުލައި މިއިން އެއްވެސް ކަމެއް މުސްކާންއަށް ޙާޞިލްނުވާނެ.. ހުރިހާ ކަމަކަށް ބައްޕައަށް ވަރަށް ޝުކުރިއްޔާ" ޔަނާލްގެ އަތުގެތެރޭގައި މުސްކާން ބޮނޑިކޮށްލިއެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިޔަސް، ކަރުނައެއް ނުހިފެހެއްޓުނެވެ.

"އަސްތާ.. ދެބަފައިން ރޮނީތަ؟ އެކަކު އަނެކަކަށްޓަކައި އުފާކުރަންވީ ވަގުތު މިއީ.. މުސްކާންގެ ހިތްވަރަށް ބައްޕަ ކިހައި އިތުބާރެއްކުރާތީތަ، ދަރިފުޅު ތި ފޮނުވަނީ؟ އަނެއްކާ މާމައާއި ކާފަވެސް ހުންނާނީ މުސްކާންއާއި ވަރަށް ގާތުގައި.. ނުރޮއެ! ހުއްޓާލާ.. ހުއްޓާލާ!" މުސްކާންގެ ބުރަކަށީގައި ފިރުމާލާފައި، ޔަނާލްގެ ކޮނޑުގައި ދެފަހަރަކު ޝަރީފު ޖަހައިލިއެވެ. ދެބަފައިން ހެއްވާލެވޭނެ ގޮތެއް ޝަރީފު ހޯދިއެވެ.

"ބަލާލަބަލަ.. މިހިރީ އެއްކަލަ، ސަފަރުކަތްދަ، ކުއީން އަކަށް ހަދާލާފައި" ހީނލާފައި ޝަރީފު ބުނެލިއެވެ. ނިޝާނާއަށް އިޝާރާތްކޮށްލާފައި ޝަރީފު އެދުނީ ގާތަށް އައުމަށެވެ.

"ހެޔޮނުވާނެ އެކަހަލަ އެއްޗެހި ކިޔަން.. ކިހިނެއްތަ ނިޝާނާ؟" ޝަރީފުއަށް ޝަހާދަތް އިނގިލިން އިޝާރާތްކޮށްލާފައި މުރުޝިދާ ބުނެލިއެވެ. މުސްކާންވެސް އެވަގުތު ބަލައިލިއެވެ. ޔަނާލްއަށް ޔަގީންނުވީ ޝަރީފުގެ ގާތުގައި ނިޝާނާ ހުރުމުންނެވެ. އޭގެކުރީން ނިޝާނާ ފާހަގަ ނުކުރެވުނީއެވެ.

"ނިޝާނާދައްތައާއި ބެހޭގޮތުން މުސްކާން ސުވާލުކުރާ ކޮންމެ ފަހަރަކުވެސް ބުނަންދޯ، ސަފަރުކަތްދަ ހެދިފައި ގޭގައި އެބައިނޭ.. އެކަމަކު މިހާރު ބަލާލަބަލަ.. މިހިރީ ޝަރީފުބެގެ ކުއީން! ވަރަށް ލޯބިދޯ" މަޖާގޮތަކަށް ނަމަވެސް ފަޚުރުވެރިކަމާއެކު މުސްކާންއަށް ނިޝާނާ ދައްކާލިއެވެ. ދަރިފުޅާއޭބުނެ، މުސްކާންގެ ގައިގައި ނިޝާނާ އަވަހަށް ބައްދާލިއެވެ.

ނިޝާނާ ބައްދާލުމާއެކު މުސްކާން މާ ބާރަށް ރޯންފަށައިފިއެވެ. ޔަނާލްއަށް ކަރުނަ ނުހިފެހެއްޓެވެ. މުރުޝިދާވެސް ރޯން ފަށައިފިއެވެ. ތަންކޮޅެއް ދުރުގައި ހުރެފައި ޒަމީލްވެސް ދެލޯ ފޮހެލިއެވެ.

"މިހާރު އެތެރެއަށް ވަންނަ ވަގުތުޖެހިއްޖެ.. ދަރިފުޅަށް ﷲ ރަޙްމަތް ލައްވާށި.. އަމާން ދަތުރަކަށް އެދެން" މުސްކާންގެ ބޮލުގައި ފިރުމާލަމުން ޝަރީފު ބުންޏެވެ. ނިޝާނާގެ ގައިން މުސްކާން ދޫކޮށްނުލިއެވެ.

ފުރަންގޮސްފައި ބައެއް މީހުން ރުއިމުގެ މަންޒަރަކީ ފުރާމީހުންގެ ގިމަތައިން އާންމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް ޒުވާން އަންހެން ދަރިޔަކު، މަންމައެއްގެ ގައިން ދޫނުކޮށް ހިތްދަތި ރުއިމަކުން ގިސްލާ މަންޒަރު ބަލަން އެތައް ބަޔަކަށް އުނދަގޫވެއްޖެއެވެ. މޫނުމަތީގައި ހިނިތުންވުމެއް ވިޔަސް، ލޮލުގައި ހަމްދަރުދީގެ އަސަރު އެކުލެވުނު ކިތަންމެ މޫނެއް އެމަންޒަރަށް އަމާޒުވިއެވެ. ފެންނަ ފެނުމަށް ދަރިޔަކު މަޔަކު، ގައިން ދޫނުކުރުމަށް ރޮނީއެވެ.

ހަގީގަތަކީ، ދަރިފުޅާއޭ ކިޔާފައި، މަންމައާއި އެއް އުމުރުގެ އަންހެނަކު ގޮވާލާފައި ނުހަނު އޯގާތެރިކަމާއެކު ބައްދާލާފައި ފިރުމާލުމުން، މުސްކާންގެ ސިކުނޑީގައި ބޮނޑިވެފައިވީ ހިތާމަތައް ނިއުޅެލީއެވެ. ބަލަން އުނދަގޫ މަންޒަރެކެވެ. ހިތްދަތި ވަގުތުކޮޅެކެވެ. އެތައް ބައެއްގެ ދުލުގައި އެވާހަކަ ރެކޯޑްވިއެވެ. ބައެއްމީހުންގެ ފޯނުތައް އެމަންޒަރާއި އަމާޒުކުރިއެވެ. އެތައް ލޮލަކުން ހެކިވެއްޖެއެވެ. ދަންނަ މީހުންގެ ހިތްވަރުގެ ބަސްތައް ޔަނާލްއަށް ފަރުވާއަކަށް ފުދުނެވެ. މުސްކާންއާއެކު މަންމައާއި ބައްޕަ ޓްރޯލީ ހިފައިގެން ވަދެގެން ދިޔަމަންޒަރު ބަލަން ޔަނާލްއަށް އުނދަގުލެވެ. ނަމަވެސް ކޮންމެ ދަރިޔަކުވެސް މައިންބަފައިން ދޫކޮށް އެހެން ދިރިއުޅުމެއްވެސް ފަށާނެއެވެ. އެދުވަސް ހަނދާނަށް ގެނެސް، އެކަމަށް ތައްޔާރުވުމަށް ނަފުސައް ވިސްނައިދޭން މިވަގުތުގެ ބޭނުން ޔަނާލް ކުރިއެވެ.

މުސްކާން ފުރައިފިއެވެ. އެތައް އަހަރަކަށްފަހު ގެއިން ބޭރުގައި ފިރިމީހާއާއި އޭނާގެ އެކުވެރިޔަކާއެކު އަގުހުރި ވަގުތުކޮޅެއް ހޭދަކުރެވުނީއެވެ. ދުވަހަކުވެސް ހަނދާނުން ނުފިލާނެ ވަރުގެ އަސަރުގަދަ ވަގުތުކޮޅެކެވެ. ހިތްދަތިކަމާއި ލޯތްބާއި ހަމްދަރުދީއާއި ވަފާތެރިކަމާއި ތެދުވެރިކަމުގެ ނަމޫނާ ވަގުތުކޮޅެކެވެ. ނިޝާނާގެ ޙަޔާތުން ގެއްލުނު ދުވަސްތަކާއިމެދު އޭނާ ހިތާމަކުރެއެވެ. ޔަނާލްގެ މަންމައާއި ބައްޕަގެ ލޯބިން ނިޝާނާގެ ހިތް އުޖާލާވިއެވެ. މުސްކާންއަށްޓަކައި ޔަނާލްގެ ހިތުގައި އޮތް ލޯތްބަކީ ބައްޕައެއްގެ ކިބައިން އަންހެން ދަރިޔަކަށް މިދުނިޔޭގައި ލިބޭނެ އެންމެ އަގުހުރި ޖަވާހިރެވެ. އެވަރުގެ ލޯތްބެއް ނިޝާނާގެ ހަޔާތުގައި އޭނާއަށް އިޙްސާސްކުރެވިފައެއް ނުވެއެވެ. މީހެއްގެ ދުލުން އެވަރުގެ ވާހަކައެއް ދައްކާއަޑެއް ނިޝާނާ އަޑުއަހާފައެއް ނެތެވެ. ޔަނާލްއަށްޓަކައި ޝަރީފުގެ ހިތުގައި އޮތް ގަދަރާއި އިޙްތިރާމަށްޓަކައި ނިޝާނާ މިއަދު ފަޚުރުވެރިވެއެވެ.

"އަހަރެން ހިތައް އަރަނީ، މުސްކާންގެ މަންމައަށްޓަކައި ޔަނާލްގެ ހިތުގައި އެވަނީ ހާދަހައި މާތް ލޯތްބެކޭ.. އަހަރެން އަންތަރީސްވެއްޖެ މިއަދު.. އެވަރުގެ ރީތި ފިރިހެނަކު އެންމެ އަންހެނަކަށްޓަކައި ޒުވާން އުމުރު ޤުރުބާންކޮށްލާނީ ހާދަހައި މާތް ދަރަޖައެއް އެ އަންހެން ކުއްޖާއަށް އޮތީމައޭދޯ.. އަޅެ އަހަރެން ދެކެވެސް އެވަރަށް ލޯބިވެބަލަ! މިދުނިޔޭގައި އަންހެނަކު އެނޫން ކޯންޗަކަށް ފިރިއެއްގެ ކިބައިން އެދޭނީ.. އަހަރެންގެ ދުޢާއަކީ ދުނިޔޭގެ ކޮންމެ ދިމާއެއްގައިވިޔަސް، މުސްކާންގެ މަންމަ ޔަނާލްއަށް ދެއްވުން.. އެދެމީހުންގެ ލޯތްބަށް ހުރަސްއަޅާ ކޮންމެ މީހަކީ، އަނިޔާވެރިއެއް" ނިޝާނާއަށް މިއަދު އެނޫން ވާހަކައެއް ނުދެއްކެއެވެ. ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ.

(ނުނިމޭ)
ހިޔާލު

މުސް

މިވާހަކައިގެ އަނެއްބައި ކޮބާ؟ ތަންކޮޅެއް އަވަހަށް ގެނެސް ދީބަ. މިހާރު އިންތިޒާރު ކޮށް ކޮށް ފޫހި ވަނީ ކޮންމެ ދުވަހަކު އެތައް ފަހަރަކު ބަލަން ވާހަކަ ނިކުމެއްޖެތޯ

މުސްކާން

މިވާހަކަ ނިންމާލީތަ މިވާހަކައިގެ އަނެއްބައި ތަންކޮޅެއް އަވަހަށް ގެނެސްދީބަ

ޢިންތިޒާރު

ކޮބާހޭ އަނެއްބައި

ބަހާ

މިވާހަކައިގެ އަނެއް ބައި އަންނަނީ ކޮންއިރަކުންބާ؟

ބައްބު

ހުސް ހާސަރު