Sudan ge military aai idhikolhu faraaiythah ehbasvumakah
image
އެއްބަސްވުމުގެ ސަބަބުން ރައްޔިތުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރަނީ--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ބާރުތައް ބަހާލުމަށް ސޫދާންގެ އަސްކަރިއްޔާ އާއި އިދިކޮޅު ފަރާތްތައް އެއްބަސްވުމަކަށް

ބާރުތައް ބަހާލުމަށް ސޫދާންގެ އަސްކަރީ ކައުންސިލާއި އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކާއި ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.
ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ދަށުން އިންތިހާބެއް ބޭއްވެން ދެން ކުރިއަށް އޮތް ތިން އަހަރު ވަންދެން ސޫދާންގެ ވެރިކަން ކުރާނީ ބަދަލުވާ ގޮތަށް، އަސްކަރީ-މަދަނީ މުސްތަގިއްލު ކައުންސިލެއްގެ ދަށުންނެވެ. އެއްބަސްވުމުގައި ވާގޮތުން ފުރަތަމަ 21 މަހު ވެރިކަމުގައި ހުންނާނީ ސޫދާންގެ އަސްކަރީ ކައުންސިލުންނެވެ. އަދި އެއަށްފަހު 18 މަސްވަންދެން ހުންނާނީ ރައްޔިތުންގެ ތެރެއިން ހޮވާލެވޭ އިސް ފަރާތެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގެ މަގުތަކުގައި ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރަން އެ ގައުމުގެ އަސްކަރިއްޔާއަށް ނުކުޅެދިފައި އޮތް ދަނޑިވަޅެއްގައި އާދެވުނު އެއްބަސްވުމުގެ ދަށުން ސޫދާން އިން ގާއިމުކުރާ އަސްކަރީ-މަދަނީ މުސްތަގިއްލު ކައުންސިލުގައި ތިއްބަވާނީ ސޫދާންގެ އަސްކަރިއްޔާގެ ފަސް ބޭފުޅުން އަދި ރައްޔިތުންގެ ތެރެއިން ހޮވާލެވޭ ފަސް މީހުންނެވެ. މީގެ އިތުރުން ދެފަރާތުން އެއްބަސްވާ އެކަކު ހިމެނޭނެއެވެ.

މީގެ އިތުރުން ޖޫން ތިނެއްގެ މުޒާހަރާގައި، އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށްގެން މުޒާހަރާކުރަމުން ދިޔަ ބަޔަކު މަރާލި މައްސަލަ ބެލުމަށް ވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. އަދި އެ މައްސަލަ ބެލުމަށް ހިންގާ ތަހުގީގު އެއީ މިނިވަން ދެފުށް ފެންނަ ތަހުގީގަކަށް ހެދުމަށް ވަނީ އެއްބަސްވެފައެވެ. ޖޫން ތިނެއްގައި ހިނގާ ދިޔަ ކުރިމަތިލުންތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކައުންސިލްގެ ދަށުން އުފައްދާ މުއައްސަސާތައް އުފެއްދުމަށް މަގު ފަހި ވެގެން ދާނެ ކަމަށާއި މިއީ އާ ދައުރެއްގެ ފެށުމަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅުގައި އިސްކޮށް ހަރަކާތްތެރިވާ ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖް ގެ ލީޑަރު އޮމަރް އަލް-ޑެގައިރް ވަނީ ވިދާޅުވެފަ އެވެ.

ސޫދާންގެ އަސްކަރިއްޔާ އާއި އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ކުރިމަތިލުންތަކަށް ނިމުމެއް އައުމުން ސޫދާންގެ ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެ އުފާ ފާޅުކުރަން ފަށާފަ އެވެ. ހުދުމުހުތާރު ވެރިކަމެއް ކުރަމުން އައި އުމަރު އަލް-ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން ވެސް ގިނަ ރައްޔިތުންތަކެއް ދިޔައީ، ބާރުތައް ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

އަސްކަރިޔާ އާއި އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރީ އެފްރިކަން ޔޫނިއަން އާއި އިތިއޯޕިއާއެވެ. މިދިޔަ ހަފުތާގައި ކުރިޔަށް ގެންދިޔަ ބިޔަބޮޑު އެއްވުންތަކާއި ގުޅިގެން އެ ފަރާތްތަކުން ވަނީ މަޝްވަރާތަކުން ހައްލެއް ހޯދުމަށް އަވަސްވެ ގަނެފައެވެ.
ހިޔާލު