Libya ah dhin hamalaa ge thuhumathu UAE ah
image
ބުދަ ދުވަހު ދިން ހަމަލާގައި ވީ ގެއްލުން-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ލީބިޔާ އަށް ދިން ހަމަލާގެ ތުހުމަތު ޔޫއޭއީ އަށް

ބުދަ ދުވަހު ލީބިޔާގައި ބިދޭސީން ބަހައްޓާ މަރުކަޒަށް ދިން ވައިގެ ހަމަލާ އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަމަލެއް ކަމަށް ލީބިޔާއިން ބުނެފިއެވެ.
ލީބިޔާގެ ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް ގެ އިންޓީރިއާ މިނިސްޓަރު ފާތި ބަޝާގާ ވަނީީ 53 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވީ މިހަމަލާއަކީ އެމެރިކާގެ އެފް ސިކްސްޓީން ޖެޓެއް ބޭނުންކޮށްގެން ޔޫއޭއީން ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭނާ ވިދާޅުވީ ބުދަ ދުވަހުގެ ހަމަލާގެ އަޑު އިވުނު ޕައިލެޓުންނާއި ޓެކްނީޝަނުން އެއީ އެފް ސިކްސްޓީން ޖެޓެއްގެ އަޑުކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ޔޫއޭއީން ވަނީ 2014 ވަނަ އަހަރު ލީބިޔާގެ ޓްރިޕޮލިއަށް ބޮން އަޅާ އެގައުމުގެ ދާހިލީ ހަނގުރާމާގެ ތެރެއަށް ވަދެފައި ކަމަށް ވެސް ބަޝާގާ ވިދާޅުވި އެވެ.

އަދި ހަމަ އެއަހަރު ޕެންޓަގަނުން ވެސް ވަނީ މިސްރު އަދި ޔޫއޭއީން ސިއްރު ވައިގެ ހަމަލާތަކެއް އުތުރު އެފްރިކާ ސަރަހައްދުތަކަށްދޭ ކަމުގެ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް އެ ދެގައުމުން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ލީބިޔާގެ ހަނގުރާމަ އާއި ލީބިޔާ ނޭޝަނަލް އާމީ (އެލްއެންއޭ) ގެ ލީޑަރު ޖެނެރަލް ހަލީފާ ހަފްތަރުގެ އަމަލުތައް މިސްރާއި ޔޫއޭއީން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެލްއެންއޭ އިން ވަނީ ފާއިތުވި ދެމަސް ދުވަހު ޓްރިޕޮލިއަށް އެކި ކަހަލަ ހަމަލާތައް ދީފައެވެ. ނަމަވެސް ނަމަވެސް މައިގްރެންޓް ސެންޓަރަށް ދިން ހަމަލާގެ ޒިންމާ އެލްއެންއޭ އިން ނަގާފައެއް ނުވެއެވެ.

ބަޝާގާ ވިދާޅުވީ ބުދަ ދުވަހު ހަމަލާ ދިން ޖެޓް ދަތުރު ކުރި މަގު ތަހުގީކުރަމުން ދާކަމަށެވެ. ބެލެވޭ ގޮތުގައި ޖެޓް ލީބިއާގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ ހަލީފާ ހަފްތަރު ގެ ކޮންޓްރޯލް ދަށުގައި އޮތް އިރުމަތީ ފަރާތުންނެވެ.

އދ. އިން މިހަމަލާ އާއި ގުޅޭ ގޮތުން ބުނެފައިވަނީ އޭގެން ސަލާމްތވުމަށް މަސައްކަތްކުރި ބައެއް ރެފުޖީން ގަޔަށް ލީބިޔާގެ ގާޑުން ބަޑި ޖަހާ މަރާލިކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވާ ކަމަށެވެ. އަދި ބުދަ ދުވަހު ދެހަމަލާއެއް ދީފައިވާ ކަމަށާއި، އެއް ހަމަލާ ދިނީ ހުސް ގަރާޖަކަށް ކަމަށާއި އަނެއް ހަމަލާ ދިނީ 120 ބިދޭސީން ދިރިއުޅޭ ސެންޓަރަށް ކަމަށް ވަނީ ބުނެފައެވެ.
ހަނގުރާމަ ލީބިޔާ
ހިޔާލު