Raees Nasheedh ah China Safeeru Rahdhu Dhevvaifi!
image
ރިޔާސީ އިންތިހާބަށް ފަހު ޗައިނާ ސަފީރު ރައީސް ނަޝީދާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
2 ކޮމެންޓް
 

ރައީސް ނަޝީދަށް ޗައިނާ ސަފީރު ރައްދު ދެއްވައިފި!

ރާއްޖޭން ޗައިނާ އަށް 3.4 ބިލިޔަން ޑޮލަރު (52.4 ބިލިޔަން ރުފިޔާ) އިން ދަރާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް އެކަން ދޮގުކުރައްވައިފި އެވެ.
އިންޑިއާ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ރައީސް ނަޝީދު ރާއްޖޭން ޗައިނާ އަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކީ، ހަގީގަތް ނޫން ކަމަށް ސަފީރު ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދުގެ އެ ވާހަކަފުޅުގައި އެއްވެސް އަސްލެއް ނެތް ކަމަށާއި، އެ ވާހަކަ އަޑުއެއްސެވީ ހައިރާން ކަމާއި އެކުގައި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

އިންޑިއާ އާ ގާތް ގުޅުމެއް ބާއްވާ ރައީސް ނަޝީދު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މީގެ ކުރިން ވެސް ޗައިނާ ސަފީރު ވަނީ އެކި ފަހަރު މަތިން ރައްދު ދެއްވާފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބަށް ފަހު، ސަފީރު ޒަންގް ވަނީ އެމްޑީޕީ އޮފީހަށް ވަޑައިގެން، ރައީސް ނަޝީދާ ބައްދަލު ވެސް ކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ސަފީރު ވަނީ ރާއްޖޭން ޗައިނާ އަށް ދަރާފައިވާ ވަރު، ރައީސް ނަޝީދަށް ސާފު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިފަހަރުގެ ވެސް ސަފީރު ވަނީ ރައީސް ނަޝީދަކީ ކަންތައްތައް ނުދަންނަ ބޭފުޅެއް ނުވަތަ މި ކަމުގައި އެހެން ކޮންމެވެސް އޮޅުމެއް އުޅޭ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަނީ ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 49.6 ބިލިޔަން ޑޮލަރުގައި ކަމަށާއި، އޭގެ ތެރެއިން ޗައިނާ އަށް ދަރާފައިވަނީ 1.5 ބިލިޔަން ޑޮލަރު ކަމަށް ސަފީރު ވިދާޅުވެ އެވެ.

ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް، ޗައިނާގެ ދަރަނި އެއަށްވުރެ މާ މަތިވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ޗައިނާގެ ދަރަނި ބޮޑުވުމުން، އަންނަ އަހަރުން ފެށިގެން ބަޖެޓުގެ 15 ޕަސެންޓް އެ ދަރަނި އަދާކުރަން ކަނޑައަޅަން ޖެހޭކަމަށް ވެސް އިންޑިއާ ތިންކްޓޭންކުގައި ވިދާޅުވެފަ އެވެ.
ހިޔާލު

ޗައިނާ

މިސޮރު މިއުޅެނީ ލާރި ގަޑެއް ބަނޑު ނާޅާލެވިގެންހެން ވަރަށް ބޮޑަށް އެބަހީވޭ.

އެދުރުބެ

އަންނި މިކުރާ ކަމަކީ ގަސްދުގައި ބަޔަކު ނުފޫޒް ގަދަ ގައމެއް ރުޅިއަރުވާލުން ކަމަށް ފެންނަނީ. މީގެ އަގު އަންނި އަދާކުރަން ޖެހޭ ދުވަހެއް އަވަސް މުސްތަގްބަލެއްގައި ދިވެހިނަށް ފެންނާނެ ދުވަހެއް އައުން އެދި ދުއާ ކުރަން. އާމީން.