Australia ge dharivaru deport kuree jaasoos kuraathee: North Korea
image
ސިގްލީ، ބެއިޖިން އެއާޕޯޓް ގައި-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އޮސްޓްރޭލިއާގެ ދަރިވަރު ޑީޕޯޓްކުރީ ޖާސޫސް ކުރާތީ: އުތުރު ކޮރެއާ

އުތުރު ކޮރެއާގައި ތައުލީމު ހާސިލް ކުރަމުން ދިޔަ އޮސްޓްރޭލިއާގެ ދަރިވަރު، އެލެކް ސިގްލީ ހައްޔަރުކޮށް، ޑީޕޯޓްކޮށްލީ ޖާސޫސް ކުރުމުގެ ތުހުމަތުގައި ކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.
އުތުރު ކޮރެއާ އިން އުމުރުން 29 އަހަރުގެ ސިގްލީ ހައްޔަރުކޮށްފައި ވަނީ ނިމިދިޔަ ޖޫން މަހު އެވެ. ނަމަވެސް ބުރާސްފަތި ދުވަހު އޭނާ މިނިވަންކޮށް ވަނީ ގައުމުން ބޭރުކޮށްފަ އެވެ.

ނޯތް ކޮރިއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފައި ވަނީ ސިގްލީ ހައްޔަރުކޮށްފައި ވަނީ އިންޓަނެޓް މެދުވެރިކޮށް އުތުރު ކޮރެއާގެ ސަރުކާރާ ދެކޮޅުވެރި ހަބަރާއި މައުލޫމާތު ފަތުރަމުން ދަނިކޮށް ޖޫން 25 ގައި ކަމަށެވެ.

ކޭސީއެންއޭ އިން ބުނެފައި ވަނީ އޭނާއާ ބެހޭ ގޮތުން ކުރި ތަހުގީގުން، އެގައުމުގެ ސަރުކާރާ ގުޅޭ ގޮތުން ސިގްލީ އެންކޭ ނިއުސް ކިޔާ ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ހަބަރުތަކާއި އެއްކޮށްފައިވާ ފޮޓޯ އާއި މައުލޫމާތު ފެނިފައިވާ ކަމަށެވެ. އަދި އޭނާ އެކަންތައް ކުރަމުން ދިޔައީ ދަރިވަރެއްގެ ނަމުގައި އުތުރު ކޮރެއާގައި ދިރިއުޅެމުން ކަމަށް ކޭސީއެންއޭ އިން ވަނީ ބުނެފަ އެވެ.

އުތުރު ކޮރެއާގެ ސަރުކާރާއި ސިޔާސަތުތަކުގެ މައުލޫމާތު އެއްކޮށް އެ މައުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށްދިން ކަމަށް ސިގްލީ އެއްބަސްވި ކަމަށާއި އުތުރު ކޮރެއާގެ ސަރުކާރާއި ދެކޮޅަށް ކުރެވުނު އަމަލުތަކަށް އޭނާ ތަކުރާރުކޮށް މައާފަށް އެދިފައިވާ ކަމަށް ވެސް ކޭސީއެންއޭ އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކޭސީއެންއޭ އިން ބުނެފައި ވަނީ ޖުލައި ހަތަރު ވަނަ ދުވަހު ސިގްލީ ޑީޕޯޓްކޮށްލާފައި ވަނީ އިންސާނިއްޔަތު ގޮތަކަށް އަމަލު ކުރަން ކަމަށެވެ.

ސިގްލީ އަކީ އުތުރު ކޮރެއާގެ ކިމް ޓޫ ސަންގް ޔުނިވާސިޓީ ގައި ތައުލީމު ހާސިލް ކުރަމުން ދިޔަ ދަރިވަރެކެވެ. އޭނާ އަކީ ކޮރިއާ ބަހަށް ފަރިތަ މީހެކެވެ.
ހިޔާލު