IOIG 2023 Raajjeyga beyvumuge bid ah thaaeedhu hoadhanee
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމުގެ ބިޑަށް ތާއީދު ހޯދަން ދެ މިނިސްޓަރު ސީޝެލްސް އަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރާ ބިޑަށް ތާއީދު ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ސީޝެލްސް އަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ޝާހިދު އެ ދަތުރު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. ޝާހިދާއެކު މަހްލޫފު ބައިވެރިވެވަޑައިގަންނަވާއިރު، ޔޫތު މިނިސްޓްރީން ދަނީ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ދަތުރުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯ އާ ބައްދަލުކުރައްވާ، ރައީސް ސޯލިހުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ސީޝެލްސް ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާ، ސީޝެލްސް އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާނެ އެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބުވުން ގާތް ކަމަށް އެ ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް މިދިޔަ ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އިތުރުން ކޮމޮރޯސް އަދި މަޑަގަސްކާ އިން 2023 ވަނަ އަހަރު ގޭމްސް ބާއްވަން ބިޑު ކޮށްފާވާއިރު ގައުމެއް ކަނޑައަޅަން ހިޔާލު ކުރަނީ މޮރިޝަސްގައި މި މަހުގެ 19 ވަނަ ދުވަހު ފަށާ އައިއޯއިޖީގެ ނިންމުމުގެ ރަސްމިއްޔާތާ ގާތްކޮށް ކަމަށް ގޯޕާލް ވިދާޅުވި އެވެ.
ހިޔާލު