Taiwan ah hathiyaaru vikkumah America in huhdha dheefi
image
އެމެރިކާ އަދި ޓައިވާންގެ ދިދަ-- ފޮޓޯ: ޝަޓަސްޓޮކް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޗައިނާގެ ގޮވާލުމާ ދެކޮޅަށް ޓައިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި

އެމެރިކާ އަދި ޓައިވާނާ ދެމެދު ވެވޭ 2.2 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުމުގެ އެއްބަސްވުމަކަށް އެމެރިކާ އިން ހުއްދަ ދީފި އެވެ.
ޕެންޓަގަނުން ބުނި ޓައިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ވަނީ ހުއްދަ ދީފަ އެވެ. އެއްބަސްވުމުގައި ވިއްކުމަށް ހަމަޖެހިފައި ވަނީ 108 އަބްރަމްސް ޓޭންކަރާއި 250 ސްޓިންގާ މިސައިލް އަދި އެއާ ގުޅޭ އެހެން ސާމާނުތަކެވެ.

އެމެރިކާއިން ހަތިޔާރު ވިއްކުމަށް އެއްބަސްވެފައި ވަނީ، އެއީ ގެއްލުން ހުރި ކަމެއް ކަމަށް ޗައިނާ އިން ބުނެފައި ވަނިކޮށެވެ. މިދިޔަ މަހު ޗައިނާގެ ހާރިޖީ ވުޒާރާ އިން ވަނީ އެ އެއްބަސްވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން އެމެރިކާއަށް ގޮވާލައިފަ އެވެ.

ޗައިނާ އިން ބުނެފައި ވަނީ ޓައިވާނަކީ ހައްދު ފަހަނާ އަޅާފައިވާ ގައުމެއް ކަމަށެވެ. ގަދަކަމުން ނަމަވެސް ޓައިވާން، ޗައިނާގެ ބާރުވެރިކަމުގެ ދަށަށް ގެންނާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.

ޗައިނާގެ "ވަން ޗައިނާ ޕޮލިސީ" ގެ ދަށުން އެމެރިކާ އިން ގުޅުން ގާއިމުކޮށްފައި ވަނީ ޗައިނާ އާއެކު ކަމަށާއި ޓައިވާނާއެކު ނޫން ކަމަށް ޗައިނާގެ ހާރިޖީ ވަޒީރުގެ ތަރުޖަމާނު ޖެން ޝުއަން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ޕެންޓަގަންގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީ (ޑީއެސްސީއޭ) އިން ވަނީ ހަތިޔާރު ބަދަލު ކުރުމުގެ އެއްބަސްވުމުގެ ސަބަބުން ޗައިނާ އާއި ޓައިވާން ހިމެނޭ ސަރަހައްދުގައި އަސްކަރީ ހަމަނުޖެހުމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ޑީއެސްސީއޭން ވަނީ އެއްބަސްވުން އެމެރިކާގެ ކޮންގްރެސްގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

އެމެރިކާއިން ހަތިޔާރު ބަދަލު ކުރުމުގެ ހުއްދަ ދީފައި ވާތީ ޓައިވާން ގެ ރައީސްގެ އޮފީހުން ވަނީ އެމެރިކާއަށް ޝުކުރު ދަންނަވާފަ އެވެ. އަދި އެކަމުގެ ސަބަބުން ސަލާމަތީ ކަންކަމުގައި ޓައިވާނުން އެމެރިކާއާއެކު ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ޓައިވާނުން ވަނީ ބުނެފަ އެވެ.
ހިޔާލު