MMPRC ge hiyaanathaai muvazzafuna gulhumeh neiyy: BML
image
ބީއެމްއެލްގެ އޭޓީއެމްތަކެއް
ސީއެންއެމް
2 ކޮމެންޓް
 

އެމްއެމްޕީއާރުސީގެ ހިޔާނާތާ މުވައްޒަފުންނާ ގުޅުމެއް ނެތް: ބީއެމްއެލް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް މުވައްޒަފެއް ޝާމިލްވާކަމަށް މިހާތަނަށް ހެދި އެއްވެސް އޮޑިޓެއްގައި ފާހަގަ ކުރެވިފައިނުވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން މިހެން ބުނީ އެމްއެމްޕީއާރުސީގެ ހިތާނާތުގެ ފައިސާ އެންމެ ގިނައި ވަދެފައިވާ އެސްއޯއެފްގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގައި ބީއެމްއެލްގެ 38 މުވައްޒަފެއްގެ ބައިވެރިވުން އޮތްކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ބުނުމުން މިރޭ ނެރުނު ބަޔާނެއްގައެވެ.


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ބީއެމްއެލް ޝާމިލްވާ މިންވަރު ބަލަމުން ގެންދާ ކަމަށާއި އެމްއެމްޕީއާރުސީގެ ފައިސާ އެންޑޯސްވެގެން އެހެން އެކައުންޓަކަށް ޖަމާވެފައިވަނީ ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ.

މިމައްސަލާގައި މިހާތަނަށް 38 މުވައްޒަފަކަށް ތުހުމަތުކުރެވިގެން އެމީހުންގެ ބަޔާންތައް ނަގަމުން އަންނަކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.

ބީއެމްއެލުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބޭންކަކީ ގާނުނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ހިންގަމުން އަންނަ ބެންކެއްކަމަށާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރަށް ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައް ވަނީ ބެންކުގައި ގާއިމުކުރެވިފައި ކަމަށާއި މުވައްޒަފުން އަމަލުކުރަމުންދަނީވެސް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބަލައި ޒިންމާދާރުކުރެވޭނެ އިންތިޒާމުތައް އެ ބޭންކުގައި ގާއިމްކުރެވިފައިވާ ކަމުގައެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ހެދި އިންޓާނަލް އޮޑިޓާއި އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށް ގެންދިޔަ އޮޑިޓްތަކުންވެސް އެ ބޭންކުން މިމައްސަލާގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން އެނގޭކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާވަތެއްގެ އަމަލެއްގައި ބެންކުގެ މުވައްޒަފުން ޝާމިލްވާ ކަމަށް ފާހަގަކޮށްފައިނުވާކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކުތައް އެންޑޯސްކޮށް، އެސްއޯއެފްގެ އެކައުންތަށް ޖަމާކުރުމަށް ބެންކަށް ހުށަހެޅުމުން ކަމަށާއި މިގޮތުން މި ޗެކުތައް ޖަމާކުރުމުގައި ބެންކުން އަމަލުކޮށްފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ގާނޫނުނަށް އަމަލުކުރަން ފެށި ފަހުން ބެންކަށް އެންޑޯސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކުތަކަށް ވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކުތައް ވަކި ތަފާތުކުރުމެއް ނެތި ކަމަށާއި އެޗެކްތައް ޖަމާކުރީ ރާއްޖޭގެ އެހެނިހެން ބެންކުތަކުން ވެސް އެންޑޯސްކޮށްފައިވާ ޗެކުތައް ޖަމާކުރާ އުސޫލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގުތަކަށް ކުރިއަށް އޮތް ތަނުގައި ވެސް ބެންކުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ބެންކުން އެދެނީ ވީހާވެސް އަވަހަަކށް ތަހުގީގު ނިންމައި ބެންކުގެ ބައިވެރިވުން މި ޚިޔާނާތުގައިވާ ކަމަށް ދެކެވޭ ވާހަކައަށް ނިމުމެއް އައުން ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
ހިޔާލު

ބީސީ

ބޭންކް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ހިންގަމުން އަންނައިރު ތިޔަ ބޭންކުން ޕައުންޑް އިން މިހާރު ޓީި.ޓީ ނުފޮނުވެނީ ކީއްވެ؟

ޙާމިދުސޭޓު

މިކަމުގަ ޔާމީނާއި ބީއެމްއެލް ތަފާތެއްނެތް. އެކަކުވެސް ވައްކަން ކޮށްފަ ތިމަންނަ ވައްކަން ކުރީމެކޭނުބުނާނެ. ސަރުކާރުގެ ވަކި އޮފީހަކަށް އޮތްޗެކެއް އެހެންމީހެއްގެ އެކައުންޓަށް ޖަމާކޮށްފަ ވުމުން އެބައިނގޭ ބޭންކުން މ ވައްކަމުގަ ބައިވެރިވެފައިވާކަން. އެކަންފަޅާއެރީމަ ބައިނަލްއަގުވާމީދުނިޔޭގަ އަގުވެއްޓޭނެ.