Icom ge furathama aammu adu ehun baavaifi
image
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމުގެ ތެރެއިން-- ފޮޓޯ: އައިކޮމް
0 ކޮމެންޓް
 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފުރަތަމަ ފަހަރަށް އާއްމު އަޑުއެހުމެއް ބާއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގައި އާއްމުކޮށް ހުޅުވައިލައިގެން ބޭއްވި ފުރަތަމަ އާއްމު އަޑުއެހުން އިއްޔެ ބާއްވައިފި އެވެ.
އެ މައްސަލައަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ބޭނުންވި މައުލޫމާތެއް އަމިއްލަ ފަރާތެއް ކަމަށްވާ އައްފާން ޝާފިއީ އަށް ނުލިބިގެން ބަލަން ފެށި މައްސަލަ އެކެވެ.

އެ އަޑުއެހުން ބޭއްވީ އިންފޮމޭޝަން ކޮމިޝަނަރު އެ މައުލޫމާތަށް އެދުމުން ވެސް އީސީން އެ މައުލޫމާތު ދިނުމަށް ދެކޮޅަށް ހެދުމުންނެވެ.

އެހާލަތުގައި މިފަދަ އަޑުއެހުމެއް ބާއްވާން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 59 ވަނަ މާއްދާއިން އިންފޮމޭޝަން ކޮމިޝަނަރަށް ލާޒިމު ކުރެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ، މީގެ ކުރީން ދައުލަތުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ބޭނުންވެގެން ގާނޫނުން ލިބިދޭ ބާރުގެ ދަށުން ހުށަހެޅުއްވުމުން ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް އިންފޮމޭޝަން ކޮމިޝަނަރަށް އެއްބާރުލުންދެއްވައި މައުލޫމާތު ދޫކުރައްވައިފައި ވާތީ އާއްމު އަޑުއެހުމަކަށް ނުގޮސް ހުރިހާ މައްސަލަތަކެއް ވެސް ހައްލު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދުވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ އަޑުއެހުންތަކަށް ޖާގަ އޮތް މިންވަރަކުން އަޑުއަހާން ވަނުމުގެ ފުރުސުތު ހުޅުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ނުދިން މައްސަލާގައި އީސީން ބުނެފައި ވަނީ އަމިއްލަ ފަރާތަކުން އެދިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހޯދަން މަސައްކަތް ކުރަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތެއް ކަމަށެވެ. އެ މައުލޫމާތު ނުދީ ހިފަހައްޓާފައި ވަނީ އެހެންވެ އެވެ.
ހިޔާލު