Milandhoo sihhee marukazu hospital akah badhalu kuranee
image
މިލަންދޫ ސިއްހީ މަރުކަޒު-- ފޮޓޯ: ކޭއޯ
0 ކޮމެންޓް
 

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިލަންދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ ދަރަޖަ ތިނެއްގެ ހޮސްޕިޓަލެކެވެ.

ޖުމްލަ އަށް އެނދު މިހާރު ހުންނަ އެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހިދުމަތާއި ގައިނީ ހިދުމަތްތައް ވެސް ދެމުން އަންނައިރު އެ ސިއްހީ މަރުކަޒުގައި ތިން ކޮންސަލްޓޭޝަން ރޫމާއި ލޭބާ ރޫމެއް ވެސް ހުރެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެތަން ހޮސްޕިޓަލަކަށް ބަދަލުކުރުމާއެކު ދަރަޖަ އެކެއްގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެގޮތުން އެތަނުން އަލަށް ފަށަން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތާއި ހޭނައްތާ ޑޮކްޓަރުގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރުގެ ހިދުމަތާއި އެތެރެ ހަށީގެ ޑޮކްޓަރުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އޭގެ އިތުރުން، ދަތުގެ ހާއްސަ ފަރުވާ އާއި ޑައިލަސިސްގެ ހިދުމަތާއި ޕިޒިއޮތެރަޕީގެ ހިދުމަތް ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެތަން ހޮސްޕިޓަލަކަށް ބަދަލުކުރެވުމާއެކު ފަސް ވޯޑު ހިމެނޭހެން ޖުމްލަ 35 އެނދު އިތުރުކުރެވޭނެ އެވެ. އަދި ހަ ޕްރައިވެޓް ރޫމް ވެސް ހިމެނޭނެ އެވެ. ހަމައެއާއެކު އެމެޖެންސީ ރޫމަކާއި، މައިނާ އޯޓީ، އައިސީޔޫ، އަދި އެންއައިސީޔޫ އަދި އެކްސްރޭގެ ހިދުމަތާއި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ، އެރަށުގައި ޕަބްލިކް ހެލްތު ހަރުދަނާ ކުރުމަށް ވެކްސިން ރައްކާ ކުރާ ކޮޓަރިއަކާއި ކޮންފަރެންސް ހޯލެެއް ވެސް ގާއިމު ކުރެވޭނެ ކަމަށެވެ.

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރިކަން އިއުލާނުކުރުމުގެ އިތުރުން މިއަދު ވަނީ އަައްޑޫ، ހުޅުމީދޫ ސިއްހީ މަރުކަޒުގައި އެކްސްޓެންޝަން އިމާރާތެއް އެޅުމަށް ވެސް ބަޔަކާ ހަވާލުކޮށްފައެވެ. އެގޮތުން 1.3 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކުރީ ފައިމީ ކޮންސްޓްރަކްޝަނާ އެވެ.

- އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ--

ހަތްދިހަ ފަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ. އަދި ފައިމީ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެެކްޓަރު ފަތުހުﷲ އާދަމެވެ.
ހިޔާލު