FIU ge masakkathah Governor Naseer huras elhuvvi kamuge thuhumathu dhogu koffi
image
ގަވަރުނަރު އަހްމަދު ނަސީރު-- ފޮޓޯ: ޕީއެސްއެމް
2 ކޮމެންޓް
 

ގަވަރުނަރު ނަސީރު އެފްއައިޔޫގެ މަސައްކަތަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތު ދޮގުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން މަނީ ލޯންޑަރިން ހުއްޓުވަން ކުރި މަސައްކަތަށް ގަވަރުނަރު އަހްމަދު ނަސީރު ހުރަސްއެޅުއްވި ކަމަށް ކުރި ތުހުމަތު ދޮގުކޮށްފި އެވެ.
ނަސީރު އެފްއައިޔޫ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ހުރަސް އެޅުއްވި ކަމަށް ވިދާޅުވެ އެފްއައިޔޫ ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަހްމަދު އަޝްރަފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެސިޓީގައި ގަވަރުނަރާ މެދު ފިޔަވަޅު އެޅުމަށް އަޝްރަފް ވަނީ އެދިވަޑައިގެންފަ އެވެ.

އެ ތުހުމަތުތައް ދޮގުކޮށް މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައި ނުވާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީއަށް އެބަ އޮތް ކަމަށެވެ.

"ގާނޫނު ނަމްބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އޮތޯރިޓީގެ ގަވަރުނަރު މަސައްކަތްކުރައްވާފައި ވާނީ އެފްއައިޔޫއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް،" ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެފްއައިޔޫ އަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ގެ ދަށުން އެފަދަ ހަރަކާތްތަކާއި ކުށުން ހޯދާ މުދަލާ ގުޅޭ މައުލޫމާތު ހޯދައި، ދިރާސާކޮށް، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަށް ވާއިރު، އެ ޔުނިޓަކީ ފުރިހަމަ މިނިވަންކަން އޮތް ތަނެކެވެ.

އެ ޔުނިޓްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި އެ ޔުނިޓަކީ އެ ޔުނިޓަށް ލިބޭ މައުލޫމަތުތަކުގެ މައްޗަށް ބިނާކޮށް އެނެލިސިސްގެ މަސައްކަތްކުރާ އަދި ނިންމުންތައް ނިންމުގެ ފުރިހަމަ މިނިވަންކަން ލިބިދީފައިވާ ޔުނިޓެއް ކަމަށް ބުނެފައި ވެއެވެ.

އެފްއައިޔޫގެ ވެރިޔަކަށް އަޝްރަފް ހަމަޖެއްސެވީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ކަމަށާއި އޭނާ އެހެން ސެކްޝަނަކަށް، މަގާމުގެ ގިންތިއަށް ބަދަލު ނާންނަ ގޮތަށް، ބަދަލުކުރަން ނިންމެވީ، މަޤާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާނުގައި ވެއެވެ.

"އެފްއައިޔޫ އަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، މިނިވަންކަމާއެކު، އެޔުނިޓަށް ލިބޭ މަޢުލޫމާތާ ގުޅޭ ގޮތުން ފިޔަވަޅު އަޅައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ޔުނިޓަކަށްވާއިރު، ޝައްކުކުރެވޭ މުޢާމަލާތްކަމަށް ހުށަހެޅިފައިވާ މުޢާމަލާތްތައް ކަމާބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވޭ،" އެމްއެމްއޭ އިން ބުނެފައި ވެއެވެ.

އަދި އަޝްރަފް އެފްއައިޔޫގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޚާއްޞަކޮށް 2018 ވަނަ އަހަރުގެ ތެރޭގައި އެފްއައިޔޫ އަށް ލިބިފައިވާ ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން އަޝްރަފު އިސްވެ ހުންނަވާ އަމަލު ކުރައްވާފައި ވަނީ އެފަދަ މަޢުލޫމާތު ލިބުމުން ޢަމަލުކުރަން އޮންނަ ގޮތާ ޚިލާފަށް ކަމަށް އެމްއެމްއޭ އިން ތުހުމަތުކުރެ އެވެ.

"އެގޮތުން 2018 ޖޫން މަހުގެ ތެރޭގައި، ސިޔާސީ އިސް ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ގުޅިގެން އެފްއައިޔޫ އިން އެކަން ތަޙްޤީޤީ އިދާރާއަކަށް ނުފޮނުވައި ގިނަދުވަސްތަކެއް ކޮށްފައި ވެއެވެ. އަދި މިކަމުގެ ސަބަބުން ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްވިކަން ފާހަގަކުރެވެއެވެ. އެ މުޢާމަލާތާ ގުޅޭ ގޮތުން ފިޔަވަޅެއް ނާޅައި ބާއްވާފައި އޮތްކަން އެނގުނީ، ޢަބްދުﷲ އަޝްރަފު ރާއްޖޭގައި ނެތް ދުވަސްވަރެއްގަ،" ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން ގާނޫނުން ލާޒިމުކޮށްފައިވާ ގޮތަށް އެފްއައިޔޫގެ މަސައްކަތުގެ ރިޕޯޓު ވެސް އަޝްރަފް އެތަނުގައި ހުންނެވިއިރު ހުށަހަޅާފައި ނުވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެއީ އަޝްރަފު ޔުނިޓުގެ ވެރިޔާގެ މަޤާމާ ޙަވާލުވިއިރު ކުރިއަށް ހިނގައިދިޔަ އަހަރާއި، އޭގެ ފަހުން އައި ދެ އަހަރުގެ ރިޕޯޓެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާ ގުޅޭ ފައިސާގެ މުޢާމަލާތްތަކުގެ މަޢުލޫމާތު އެންމެ ފުރަތަމަ އެފްއައިޔޫގެ ތެރެއިން ލިބުނީ އަޝްރަފަށް ކަމަށާއި އެ ރިޕޯޓާއި ހަވާލުވެ ސޮއިކުރެއްވީ އަޝްރަފު ކަމަށް ބުނެފައި ވެއެވެ.

"އެހެން ނަމަވެސް އެފްއައިޔޫގެ ކުރީގެ ހެޑް އާތިފު ޝުކޫރު އެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އެފްއައިޔޫގެ އެންމެ އިސްވެރިއަކަށް ހުންނަވައި އެމްއެމްޕީއާރުސީގެ ރިޕޯޓްތަކާއި ބެހޭ ގޮތުން ފިޔަވަޅުއެޅުމުގެ ފުރުސަތު އަބްދުﷲ އަޝްރަފަށް ލިބިވަޑައިގެން ނަމަވެސް، އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއްނުވޭ،" އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްޕީއާރްސީން ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ، އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތަކަށް ޖަމާވަމުން ދިޔައިރު އެކަމުގައި ޝައްކު ކުރެވޭތީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން އެފްއައިޔޫ އަށް އޭރު އަންގާފަ އެވެ.

އޭރު އެފްއައިޔޫ އިން އެކަން ދިރާސާ ކުރުމަށްފަހު ތައްޔާރު ކުރި ރިޕޯޓުގައި ވެސް ބުނެފައި ވަނީ 2014 އިން ފެށިގެން އެސްއޯއެފްގެ އެކައުންޓުތަކުން ހިނގި މުއާމަލާތްތަކާ މެދު ޝައްކު ކުރެވޭ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ފޮނުވާފައެއް ނުވެ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ނުވާތީ އޭސީސީން ކުރި ތަހުގީގަށްފަހު ނިންމާފައި ވަނީ އެމްއެމްއޭ އިން އިހުމާލުވުމުން އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފާ ދެކޮޅަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އާތިފް ވިދާޅުވެފައި ވަނީ "ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ގެ ވެރިޔާގެ ގޮތުގައި އަޅުގަނޑު ހޭދަ ކުރި ހަތް މަސް ދުވަހަށް ފުރިހަމަ އަށް ޖަވާބުދާރީވާން އަޅުގަނޑު މިހިރީ ތައްޔާރަށް" ކަމަށެވެ. އޭރު މަގާމުން އިސްތިއުފާ ދެއްވީ، ގާނޫނާ ހިލާފަށް ހިންގަމުން ދިޔަ ކަންކަން ހުއްޓުވުމުގެ ބާރު ނުލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާތިފް 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމާއެކު އެފްއައިޔޫގައި ދެން ހުންނެވީ އަޝްރަފެވެ. އެމްއެމްއޭ އިން އިހުމާލުވި މައްސަލައިގެ ތަހުގީގު ނިމުމާއެކު އޭނާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް މިދިޔަ ސެޕްޓެމްބަރު މަހު ގިނަ އަދަދެއްގެ ފައިސާ ވަދެ އަދި އެ ނެގުމުން އެއީ މަނީ ލޯންޑަރިންގެ މުއާމަލާތެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން މަސައްކަތް ކުރުމުން ގަވަރުނަރު އެކަމަށް ހުރަސް އެޅުއްވި ކަމަށެވެ.

ހިޔާލު

ބަހަނާ

ހަމަ ހުސް ފަސްއަޅާން ދައްކާ ބަހަނާ ވާހަކަ. ގިނަ އަނގަ ތެޅިވަރަކަށް ވާނީ ބަރަހަނާ. ތި ބަޔާން ކިޔާލީމަ އެނގޭ ޓްރީވިއަލް ޑީޓެއިލްސް ނަގައިގެން މީހަކު ޑިސް ކްރެޑިޓް ކުރަން އުޅޭކަން. ޑެސްޕަރޭޓް ޑެސްޕޮޓް. ފޭލިޔަރ. ނޯ އިންޓެގްރިޓީ. މި ޖަހާލަ ދެއްޗޭ އިންގެ!

އެމްއެއޭ

ހަމަ ފައިސާކޮޅެއްދީނީމަ ވާނުވާގަ އޮތްގޮތަށް ބަޔާން ޖަހާލީތާދޯ. މިހާރު އާތިފްގެ ވާހަކައެއްނޫނޭ.. ތިބަޔާނާ ގުޅިގެން އަޝްރަފަށް ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހޭނެ. އަދި ނަސީރު ދެއްކިވާހަކައިގެ ހަގީގަތް ހޯދަން ތަނުގެ އިސް މުވައްޒަފުންނާ ސުވާލު ކުރަންވީނު. މިހާ ބޮޑެތި ކަންކަމުގައި ތަނުގައ އޮންނަ ބޯޑަށް ހުށަނާޅާ އަދި ރުހުން ނުލިބި ކުއްލިއަކަށް ބަޔާން ނެރެވޭތަ؟ އަތި ތުހުމަތު ތަކެއް މީހަކު ކުރަމުންދާއިރު. ކޮބާތަ ޒިންމާދާރު ނޫސްވެރިކަން؟؟