Rishvathuge ge thuhmathu thah South Africa ge kureege raees dhogukurahvaifi
image
ޖޭކަބް ޒުމާ އާ ދެކޮޅަށް ކުރެވޭ ރިޝްވަތުގެ ތުހުއްމަތުތައް އޭނާ ދޮގުކޮށްފި އެވެ.
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ރިޝްވަތުގެ ތުހުއްމަތުތައް ދެކުނު އެފްރިކާގެ ކުރީގެ ރައީސް ދޮގުކުރައްވައިފި

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކަބް ޒުމާ އާ ދެކޮޅަށް ކުރާ ރިޝްވަތުގެ ތުހުއްމަތުތައް ދޮގުކުރައްވައިފި އެވެ.
ޒުމާ އާ ބެހޭގޮތުން ހިންގާ ޝަރުއީ ތަހުގީގަކަށް ހާޒިރުވެ ވިދާޅުވީ، ރިޝްވަތުގެ ތުހުއްމަތުތަކަކީ ސިޔާސީ ދާއިރާ އިން ދުރުކުރުމަށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ.

ޒުމާ އާ ދެކޮޅަށް ކުރެވޭ ތުހުއްމަތު ތަކުގައި ފުރަތަމަ ފަހަރަށް ތަހުގީގަށް ހާޒިރު ކުރި އިރު، ޒުމާ އަށް ތާއީދު ކުރާ މީހުން ވަނީ އިމާރާތުގެ ބޭރުގައި އޭނާ އަށް ތަރުހީބު ދީފަ އެވެ.

ޒުމާ އާ ދެކޮޅަށް ކުރެވެނީ ޒުމާގެ ވެރިކަމުގައި އެފްރިކާގެ މަޝްހޫރު ގުޕްތާ އާއިލާއިން ޒޫމާއަށް ރިޝްވަތު ދީގެން ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމުގެ ތުހުއްމަތެވެ. އެގޮތުން ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ މަޝްރޫއުތަކުގެ ބިޑް ކާމިޔާބުކުރުމަށް ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމުގައި ތުހުއްމަތުގައި ވެއެވެ.

ނަމަވެސް ޒުމާ ވަނީ މި ތުހުއްމަތުތައް ދޮގު ކޮށްފައެވެ.

"(ބަޔަކު މިވަނީ) އަހަރެންގެ އަނބުރު ނަގާލާފަ. ރިޝްވަތުގެ ރަސްގެފާނުގެ ގޮތުގަ" ޝަރުއީ ތަހުގީގުގައި ވާހަކަ ދައްކަވަމުން ޒުމާ ވިދާޅުވި އެވެ.

ޒުމާ ވިދާޅުވި ގޮތުގައި ދެކުނު އެފްރިކާއަށް އިގްތިސޯދީ އަދި ސިޔާސީ ބަދަލުތައް ގެންނަން މަސައްކަތްކުރި ނަމަވެސް އޭނާގެ ނަން ހަޑިކޮށްލުމަށް އެމެރިކާ އާއި އިނގެރޭސި ވިލާތުން ދަނީ މަސައްކަތްކުރަމުންނެވެ.

އަދި ތުހުއްމަތު ތަކަކީ ވަރަށް ރޭވުން ތެރިކަމާއެކު އޭނާ އާ ދެކޮޅަށް އެގައުމުތަކުން ރާވާފައިވާ ރޭވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރިޝްވަތުގެ ތުހުއްމަތުތަކުގައި ސަރުކާރުގެ ކުރީގެ ވަޒީރަކީވެސް އެރޭވުމުގެ ބައިވެރިއެއްކަމަށް ޒުމާ ވިދާޅުވި އެވެ.

ގުޕްތާ އާއިލާ އަކީ އެކުވެރި ބައެއްކަމަށާއި އެ އާއިލާ އާއެކު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް ޒުމާ ވިދާޅުވި އެވެ.

ޒުމާ އަކީ މީގެ ކުރިން އެފްރިކަން ނޭޝަނަލް ކޮންގެރެސް ގައި އިންޓެލިޖެންސް ޗީފް ގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޒުމާ ދެކުނު އެފްރިކާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް މަޖުބޫރުވީ އުމުރުން 77 އަހަރުގަ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ.


ޒުމާގެ ވެރިކަމަށް ފަހު ވެރިކަމާއި ހަވާލުވީ އޭރުގެ ނައިބު ރައީސް ސައިރިލް ރަމަފޮސާ އެވެ. ރަމަފޮސާ ވަނީ ދެކުނު އެފްރިކާގެ ކޮރަޕްޝަންގެ މައްސަލަތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެފައެވެ.

ރަމަފޮސާ ވިދާޅުވީ ޒުމާ ގެ ވެރިކަމުގެ ނުވަ އަހަރަކީ "ބެކާރުވި" އަހަރުތަކެއް ކަމަށެވެ.
ހިޔާލު