Eid ah mass dhuvas ovvaa jaaga furijje, ticket agu bodu vejje!
image
ހުޅުދުއްފާރުގައި އީދު ފާހަގަ ކުރަނީ--
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

އީދަށް މަސް ދުވަސް އޮއްވާ ޖާގަ ފުރިއްޖެ، ޓިކެޓު އަގުބޮޑުވެއްޖެ!

އީދަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ދުވަހެވެ. އެއިރެއްގައި ދިރިއުޅޭ ރަށުން ބޭރަށް ދާން ގިނަ ބަޔަކު ތައްޔާރީތައް ވާނެ އެވެ. ނަމަވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖާގަ ނުލިބުމާއި ޓިކެޓު އަގުބޮޑުވުމެވެ.
އާދައިގެ ދުވަސްތަކުގައި ދަތުރުކުރާ އަގަށްވުރެ އީދު ނުވަތަ ބޮޑު ޗުއްޓީތަކަށް ހުރިހާ ތަނެއްގައި ވެސް ޓިކެޓު އަގުބޮޑު ކުރާއިރު އެއަގު އެހާ ބޮޑު ކުރަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެކަކަށް ވެސް ނޭނގެ އެވެ.

"ހީވާނީ އީދު ކައިރިވާއިރަށް ރަށްތައް ދަނީ ދުރަށްހެން، އަގުބޮޑުކުރާނެ މީހަކު ހިތްފަޅައިގެންދާ ވަރަށް ވެސް،" ސީއެންއެމް އާ ވާހަކަ ދެއްކި އުމުރުން 25 އަހަރުގެ މުހައްމަދު ވަސީމް ކިޔާ ޒުވާނަކު ބުންޏެވެ.

"500 އަށް މީގެ ކުރިން ދެވޭ ރަށަކަށް އީދު ޗުއްޓިއެއްގައި ދެވޭނީ 800 ރުފިޔާއަށް ވުރެ އަގުބޮޑުކޮށް، އަހަރެން ހިތަށް އަރާ ލޯންޗުތަކުން އެވަރަށް ފައިދާ ނުނެގިއަސް ވާނެއޭ،" އިތުރު މީހަކު ބުންޏެވެ.

ލޯންޗެއްގެ ކައްޕިއެއް ބުނީ އީދާ ދިމާކޮށް ލޯންޗު ދަތުރު ފަތުރުގެ އަގުބޮޑުކުރަނީ ޑިމާންޑު އިތުރުވާތީ ކަމަށެވެ. އަދި އެދުވަަސްވަރު ވަރަށް ބޮޑު ފައިދާއެއް ލިބޭ ކަމަށް ވެސް ކައްޕި ވަނީ ބުނެފަ އެވެ.

"ޑިމާންޑު ބޮޑުވާތީ ހަގީގަތުގައި އަގު ބޮޑު ކުރެވެނީ. އެދުވަސްކޮޅު ކިތަންމެ ބޮޑު އަގެއް ކިޔަސް ދާނެވިއްޔަ،" ކައްޕި ސީއެންއެމް އަށް ކިޔައިދިނެވެ.

އެތައް ބަޔަކު އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް ކިތަންމެ އަގުބޮޑުކޮށް ވެސް ދާން ބޭނުންވާ ތަނަކަށް ދާ މަންޒަރު ވެސް ފެނިގެން ދެއެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަސް އޯގަސްޓު 11 ގައި އަންނަ އިރު، މިހާރު ވެސް ގިނަ ބޯޓު ފަހަރުން ރަށަށް ދާން ޖާގައެއް ނުލިބެ އެވެ.

ބައެއް ތަންތަނުން ހުރިހާ ޖާގައެއް ޕްރީ-ބުކިން ހައްދާ ފައިސާ ވެސް ދީފައިވާއިރު، އެހެން ބައެއް ބޯޓު ފަހަރުން އެންމެ ބޮޑު އަގުދޭ މީހާއަށް ޖާގަ ވިއްކާ ވާހަކަ ވެސް އަޑު އިވެއެވެ.

އީދާ ދިމާކޮށް ބޯޓު ފަހަރަށް އޮންނަ ޑިމާންޑު އާދަޔާ ހިލާފަށް އުފުލިގެން ދިޔުމުގެ ސަބަބުން ދެން ދިމާވަނީ އެހެން މައްސަލަ އެކެވެ. އެއީ އުޅަނދަށް ނުކަތާ ވަރަށް ޕަސަންޖަރުން ލައިގެން ދަތުރު ކުރުމުގެ މައްސަލަ އެވެ.

އެ ދަނޑިވަޅުގައި ޕަސަންޖަރުން ވެސް ބޭނުން ވަނީ އަވަހަށް ރަށަށް ދެވޭނެ ގޮތެކެވެ. އަދި ބޯޓު ފަހަރުން ވެސް ބޭނުން ވަނީ ފައިސާ ހެދެން އޮތް ދަނޑިވަޅުގައި "ޕްރޮފިޓު" ބޮޑުކޮށްލާށެވެ.

ދެބައި މީހުންނަށް ވެސް އެކަމުގެ ސީރިއަސް ކަމާ މެދު ގިނަ ފަހަރަށް ވިސްނާ ނުލެވެ އެވެ. އެކަމަކު މިއީ ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ އީދަކާ ދިމާކޮށް ވެސް ފުލުހުންނާއި ސިފައިން ބުނެ އެވެ.

މިއަހަރުގެ އަޟްހާ އީދު އައުމުގެ މަހެއްހާ ދުވަސް ކުރިން ދޯނިތަކުގެ ޖާގަ ފުރުމުން، އެނގިގެނީ ފަހު ވަގުތު ރަށަށް ދާން ބޭނުން މީހުން ބޮޑު އަގުގައި ޓިކެޓު ގަނެ ބޯޓު ފަހަރަށް އަރަން މަސައްކަތް ކުރާނެ ކަމެވެ.

ޓިކެޓުގެ އަގު ބޮޑުވުމަކީ ބައެއް ފަރާތްތަކަށް މައްސަލައަކަށް ނުވި ނަމަވެސް، އީދުގެ މަޖާ ނަގަން ޗުއްޓީ އަށް ދާއިރު ނުކަތާ ވަރަށް ބޯޓުގައި މީހުން ތިބޭ ތިބުމާ މެދު ޕަސަންޖަރުންނާއި ކައްޕީން ވެސް ވިސްނާލުން ރަނގަޅެވެ.
ދަތުރުފަތުރު އީދު
ހިޔާލު