SOF ge muaamalaaiy thah nuhuttuvee MMA ge verin ge sababun
image
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)-- ފޮޓޯ: ސަން
0 ކޮމެންޓް
 

އެސްއޯއެފްގެ މުއާމަލާތްތައް ނުހުއްޓުވީ އެމްއެމްއޭގެ ވެރިންގެ ސަބަބުން ސަބަބުން: ބީއެމްއެލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެންޑޯޒްކޮށްފައިވާ ޗެކުތަކެއް އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރީ މަރުކަޒީ ބޭންކުގެ މާލީ ކަންކަން ތަހުގީގު ކުރާ އިސްވެރިން ދެއްވި ލަފާގެ ސަބަބުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ބީއެމްއެލްގެ އިސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެސްއޯއެފުން ބޮޑެތި އަދަދުތަކުން ކުރަމުން ދިޔަ މުއާމަލާތްތަކާއި މެދު ޝައްކު އުފެދި، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު" (އެސްޓީއާރް) ފޮނުވި ކަމަށެވެ.

އެކަން ރިޕޯޓު ކުރުމުގެ ގޮތުން ޝައްކު ކުރެވޭ ކަންކަން ހުރުމުން އެސްއޯއެފުގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށާއި، އެކަމަކު އެގޮތަށް އެކައުންޓު ފްރީޒު ކުރުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް އެފްއައިޔޫ އާއެކު ފޯނުން ކުރި މަޝްވަރާތަކުގައި އެފްއައިޔޫގެ ވެރިން ފާހަގަކުރި ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެގޮތަށް އެންގެވި އެފްއައިޔޫގެ ވެރިންގެ ނަންތައް ހާމަކުރެއްވުމަށް މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ޝަރީފު (މަވޯޓާ) އެދިވަޑައިގެންނެވުމުން ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ފާހަގަކުރެއްވީ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާއި އެފްއައިޔޫގެ ވެރިޔާ އާތިފް ޝަކުރޫގެ ނަމެވެ.

ޔާމީން ވިދާޅުވީ ބޭންކުން އެފްއައިޔޫ އަށް އެސްޓީއާރް ފޮނުވިއިރު އެފްއައިޔޫއާ ހަވާލުވެ ހުންނެވީ ނީޒާ ކަމަށާއި އެ މުއާމަލާތްތައް ކުރިއަށް ގެންދަން އެންގެވީ އޭނާ ކަމަށެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި ޝަކޫރު ވެސް އެނބުރި ވަޑައިގެން، އެ މުއާމަލާތަކަށް ފުރުސަތު ދިނުމަށް އެންގެވި ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ހެކީގެ ގޮތުގައި އެމްއެމްއޭއާ ފޯނުން ކުރި މަޝްވަރާތަކުގެ ޔައުމިއްޔާ ހުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެސްއޯއެފުގެ މުއާމަލާތްތަކަށް ފުރުސަތު ދިނުމަށް އެފްއައިޔޫން އެންގި ފަހުން ވެސް، އެ އެކައުންޓުތަކުގެ ކަންކަން އެފްއައިޔޫ އަށް ބަރާބަރަށް ރިޕޯޓު ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނީޒާ އަކީ ގަވަރުނަރުކަމަށް އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވުމަށް ފަހު ރައީސް އަބްދުﷲ ޔާމީނު އޭނާގެ ނަން އަނބުރާ ގެންދިޔުމާއި ގުޅިގެން ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

އޭގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދާދި ފަހުން ވަނީ އެމްއެމްއޭ އިން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އިހުމާލުވުމުން، އާތިފާ ދެކޮޅަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. އާތިފުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވަ އެވެ.

ފަޅު ރަށްތަކާއި ފަޅުތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށް ފަހު ދައުލަތަށް ލިބެން ޖެހޭ ފައިސާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އެސްއޯއެފް ކުންފުނީގެ އެކައުންޓުތަކުން އެކި މީހުންގެ އެކައުންޓަށް ޖަމާކުރި މައްސަލައިގެ ތަހުގީގު އަދިވެސް އެއްކޮށް ނުނިމެވެ.

ބީއެމްއެލް އިން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފް އެކައުންޓަށް ޖަމާކުރީ އެމްއެމްޕީއާރްސީން އެ ޗެކުތައް އެންޑޯޒްކޮށްފައި ހުރުމުން ކަމަށެވެ. ބީއެމްއެލް އިން ބުނީ އެގޮތަށް އަމަލު ކުރީ ބޭންކުގެ އުސޫލުތަކުގައި އެގޮތަށް ވާތީ ކަމަށެވެ.

އެކަމުގެ ތެރޭގައި ދައުލަތަށް ލިބެން ޖެހޭ 90 މިލިއަން ޑޮލަރު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އޭގެން އެއްވެސް ފައިސާއެއް އަދިވެސް ދައުލަތަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ވަނީ މިހަފްތާގައި އޮތް މަޖިލިސް ކޮމިޓީއެއްގައި ބުނެފަ އެވެ.
ހިޔާލު