MMPRC check thah jamaa kuree gavaaidhaa eh gothah: BML
image
މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އެމްއެމްޕީއާރްސީ ޗެކުތައް ޖަމާކުރީ ގަވާއިދާ އެއް ގޮތަށް، ހިޔާނާތުގައި ބޭންކުގެ ބައިވެރިވުމެއް ނެތް: ބީއެމްއެލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޗެކުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖަމާ ކުރީ ގަވާއިދާއި އެއްގޮތަށް ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭ ގޮތުން، ‏ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން މިއަދު ވަނީ ބީއެމްއެލްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ކޮމިޓީގެ ބައްދަލުވުމުގައި ޝަރީފް ވަނީ ހިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުމެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ޗެކްތަކުގައި ބޯޑުގެ ދެ މެމްބަރަކު ސޮއި ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށް އެމްއެމްޕީއާރުސީގެ ބޯޑު ރިޒޮލިއުޝަނަކުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ޗެކް އެންޑޯސްމަންޓް އުސޫލާ ހިލާފަށް އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ސަބަބު އޮޅުންފިލުވައި ދިނުމަށް ކޮމިޓީގެ މެމްބަރުން ވަނީ ބީއެމްއެލް ގެ ފަރާތުން އެދިވަޑައިގެންފަ އެވެ.

ޝަރީފް ވިދާޅުވީ ޗެކް ތަކާ މެދު ބޭންކުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކާއި ބޭންކުން އަމަލުކުރަން ހުންނަ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށެވެ.

އަދި އެންޑޯސްމަންޓް ވެރިފައި ކުރުމުގައި ބޯޑުގެ ރިޒޮލިއުޝަނަކަށް ބޭންކުން ބަލަން ނުޖެހޭ ކަމަށާއި އެ ރިޒޮލިއުޝަން ބޭނުން ވަނީ ބޭންކުގައި ހުޅުވާފައިވާ އެކައުންޓް އޮޕަރޭޓް ކުރަން އެކަނި ކަަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"ތަކުރާރުކޮށް މި ދަންނަވަނީ ބޯޑު ރިޒޮލިއުޝަނެއް ވެސް އޮންނާކަށް ވެސް ނުޖެހޭ ޖަމާކުރަން. ޗެކް އެންޑޯސް ކުރުމުގެ ޕްރޮސެސްގައި އޮންނަ ގާނޫނުގެ ކުރަން ޖެހޭ ކަމެއް. މިހާރު ކަންތައްތައް ދިމާވި ގޮތުން ރިސްކު އޮތް ކަމަކަށް ވާތީ މިއޮތީ ހުއްޓާލާފައި،" ޝަރީފް ވިދާޅުވި އެވެ.

ޗެކް ޖަމާކުރުމުގައި ބަލަން ޖެހެނީ ޗެކް ދޫކުރި ފަރާތާއި ޖަމާކުރާ ފަރާތުގެ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ އެކަނި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޚިޔާނާތުގެ މައްސަލާގައި ބީއެމްއެލްގެ ޒިންމާ އެފަރާތުން އުފުލާފައިވާ ކަމަށެވެ. އެގޮތުން ޝައްކު އުފެދުނު މުއާމަލާތެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އޭގެ ފަހުން އަމަލު ކުރީ އެފްއައިޔޫގެ އިރުޝާދުގެ ދަށުން ކަމަށާއި އެހިސާބުން އެސްއޯއެފްގެ އެކައުންޓުގެ މުއާމަލާތްތައް ހުއްޓުވި ކަމަށެވެ.

ނަމަވެސް ފަހުން އެފްއައިޔޫ އާއެކު ކުރެވުނު މަޝްވަރާތަކުގައި، އެކައުންޓެއް ހިފެއްޓުމާއި ޓްރާންސްސެކްޝަން ހުއްޓުވުމުގެ ބާރު ބޭންކަށް ލިބިފައި ނުވާ ކަމަށް އެފަރާތުން ބުނި ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެފްއައިޔޫ އިން ބުނި ގޮތުގައި އެ ބާރު ލިބިގެން ވަނީ އެފްއައިޔޫ އަށެވެ. އެހެންކަމުން އެފްއައިޔޫ އިން އެންގުމާ އެއް ގޮތަށް އެކައުންޓްތައް ދޫކޮށްލީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަދި ބީއެމްއެލް އިން ފައިލްކުރި އެސްޓީއާރަކީ ޝައްކު އުފެދޭ ފަދަ މުއާމަލާތެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ކަނޑައަޅާ އެފްއައިޔޫ އިން އެނަލިސިސް ރިޕޯޓެއް ގައި ހިމަނާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގައި ބައެއް މެމްބަރުން ވަނީ ބީއެމްއެއެލުގެ ވާހަކަތަކާއި މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންގެ ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެއްކި ވާހަކަތައް މީގެ ކުރިން ބީއެމްއެލް އިން ވަނީ ދޮގުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ކުރިއަށް ދިޔަ އެވެ.
ހިޔާލު

އަލީފް

އެހެންވީމާ ކަރަޕްސަންވެސް ހިނގާފަވަނީ ގަވާއިދާއި އެއްގޮތައްތާ..