Majeedhee Magu ge dhe faraathhuga thibey bidheyseen, hahlu hoadhan nukulhedhifai!
image
މަގުމަތީގައި ބިދޭސީންތަކެއް-- ފޮޓޯ: އަވަސް
ސާޔާ އަހްމަދު
5 ކޮމެންޓް
 

މަޖީދީ މަގުގެ ދެ ފަރާތުގައި ތިބޭ ބިދޭސީން، ހައްލު ހޯދަން ނުކުޅެދިފައި!

ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހެނދުނު ގަޑީގައި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ތަކުރާރުކޮށް ފެންނަ މަންޒަރެއް އޮވެ އެވެ. މަޖީދީ މަގުގެ ދެ ފަޅީގައި ޕޭމަންޓު މަތީ އިށީނދެގެން ނުވަތަ އަތް ހޫރާލައިގެން ކޮޅަށް މަޑުކޮށްލައިގެން ތިބޭ ފިރިހެނުން ތަކެކެވެ. އެއީ ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭސީންގެ ތެރެއިން ބަޔެކެވެ.
އެމީހުން އެތަނުގައި ތިބޭ މަންޒަރު ކޮންމެ ދުވަހަކު ވެސް ފެންނާތީ އެމީހުންގެ ވާހަކަ އޮޅުންފިލުވާލަން ޝައުގުވެރިވި އެވެ. ގާތްކޮށްލާ ރަނގަޅަށް ބަލައިލި އިރު، މިއީ އެއް ބަޔަކު ބުނާ ގޮތުން ނަމަ ގަވާއިދާ ހިލާފަށް، ވަގަށް އުޅޭ ބިދޭސީންނެވެ. އެކަމަކު އަނެއް ބަޔެއްގެ ނަޒަރުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ ބިދޭސީންނެވެ.

މިދިޔަ ޖެނުއަރީ މަހު އިމިގްރޭޝަނުން ބުނި ގޮތުގައި ރާއްޖޭގައި ޖުމްލަ 144،607 ބިދޭސީން އުޅޭ ކަމަށް ލަފާ ކުރެވޭއިރު، އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ މީހުންނަކީ ގަވާއިދާ ހިލާފަށް ނުވަތަ ވިސާ ނެތި އުޅޭ މީހުންނެވެ. މި އަދަދަކީ ވެސް ޔަގީން އަދަދެއް ނޫނެވެ. ދައުލަތުގެ އެކި އިދާރާތަކުން އަންދާޒާ ކުރާ އަދަދު ތަފާތެވެ.

މިމަހުގެ ކުރީކޮޅު އިކޮނޮމިކް މިނިސްޓްރީން ސީއެންއެމް އަށް މައުލޫމާތު ދިން ގޮތުގައި ރާއްޖޭގައި 250،000 ބިދޭސީން އުޅޭ ކަމަށް އަންދާޒާ ކުރެވެ އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ނުވަތަ ވިސާ ނެތި އުޅެނީ ކިހާ އަދަދެއްގެ މީހުންކަން ޔަގީންކޮށް ބުނެދޭކަށް އިކޮނޮމިކް މިނިސްޓްރީ އަކަށް ނޭނގުނެވެ.

މިއީ ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ ދެބައި ކުޅަ އެއްބައި އަދަދެކެވެ. މިދިޔަ ހަފްތާގައި ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ އާބާދީ 533،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 30 އިންސައްތަ ވާނީ ބިދޭސީންނަށެވެ.

ރާއްޖޭގައި އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ޖުމްލަ އާބާދީއަކީ 402,071 އެވެ. އެއީ 338,434 ދިވެހިންނާއި 63,637 ބިދޭސީންނެވެ. އެކަމަކު އެފަހަރު ވެސް ބިދޭސީންގެ އާބާދީ ގުނާފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނުހިމަނަ އެވެ.

"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހން އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ. މިކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް،" އެ ހަފްލާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ހެނދުނު ގަޑީގައި މަޖީދީ މަގުގެ ދެ ފަޅީގައި މަޑުކޮށްލައިގެން ތިބޭ ބިދޭސީންގެ ކަންކަން ސާފު ކުރުމުން ރައީސް ވިދާޅުވި ވާހަކައިގެ މުހިއްމުކަން ދޭހަވި އެވެ. އެމީހުން އެތަނުގައި މަޑުކޮށްގެން ތިބެނީ، ވިސާ އޮތަސް އަދި ނެތަސް، މަސައްކަތެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ވިސާއާއެކު ގަވާއިދާ އެއް ގޮތަށް ރާއްޖެ އެތެރެވުމަށް ފަހު ރެކްރޫޓްމަންޓު އޭޖެންސީން ލަނޑު ދިނުމުން ނުވަތަ ވަޒީފާ ދިން ފަރާތުން ގަދަކަމުން ޕާސްޕޯޓު ހިފަހައްޓާ، މުސާރަ ނުދިނުމުން، ގޮތެއް ނެތިގެން މަގުމަތިވާ މީހުންނެވެ.

އެމީހުން ހެނދުނު ގަޑީގައި މަގުމަތީގައި އެ ތިބެނީ އެދުވަހަށް ފައިސާ ލިބޭނެ ކޮންމެވެސް މަސައްކަތެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. އެފަދަ އެތައް ހާސް ބިދޭސީންނާއި، ވިސާ އޮވެގެން ގަވާއިދާ އެއް ގޮތަށް މަސައްކަތް ކުރާ ބިދޭސީން ދަނީ ކޮންމެ އަހަރަކު ވެސް ބޮޑެތި އަދަދުތަކުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވަމުންނެވެ.

ވޯލްޑް ބޭންކުން 2016 ވަނަ އަހަރު އަންދާޒާ ކުރި ގޮތުގައި ކޮންމެ އަހަރަކު ވެސް ބިދޭސީން ރާއްޖޭން ބޭރަށް 379 މިލިއަން ޑޮލަރު ފޮނުވަ އެވެ. ގައުމުގައި ވަޒީފާ ނެތުމުން ރަނގަޅު އާމްދަނީއެއް ހޯދަން އެމީހުން ރާއްޖެ އަންނަނީ ވެސް ބޮޑު ފީއެއް ރެކްރޫޓްމަންޓު އޭޖެންސީތަކަށް ދައްކައިގެންނެވެ.

އެގޮތުން 2500 އާއި 4000 ޑޮލަރާ ދެމެދުގެ އަދަދެއް ކޮންމެ ބިދޭސީއަކު ވެސް ރާއްޖެ އައުމުގެ ކުރިން ރެކްރޫޓްމަންޓު އޭޖެންސީތަކަށް ދައްކާ ކަމަށް 2011 ވަނަ އަހަރު ސަރުކާރުން ކުރި ދިރާސާ ރިޕޯޓެއްގައި ވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމަށް ފަހު ރާއްޖޭގައި ދެވަނައަށް އެންމެ ނަފާ ބޮޑު ސިނާއަތަކީ އެއީ އެވެ.

އިންސާނީ ވަގުފާރީގެ ސިނާއަތެވެ. ބިދޭސީންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ރާއްޖެ ގެނެސް، މަގުމަތިކޮށްލުމުގެ ނުބައި ވިޔަފާރިއަކީ އަހަރަކު 123 މިލިއަން ޑޮލަރުގެ ފައިދާވާ އިންޑަސްޓްރީއެއްގެ ގޮތުގައި އޭރުގެ ސަރުކާރުން ހެދި ޓްރެފިކިން އިން ޕާސަންސް ރިޕޯޓުން ދެއްކި އެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު ވުޖޫދަށް އައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިކަމަކީ ގާނޫނީ ކުށެކެވެ. އަދި "އެކްސްޕްލޮއިޓޭޝަން" ނުވަތަ ނަހަމަ ގޮތުގައި މީހުންގެ ބޭނުން ގަދަކަމުން ހިފުމަކީ ވެސް އެ ގާނޫނުން މަނާ ކަމެކެވެ. އެ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތައް ވެސް ކަނޑައަޅާފައި ވެއެވެ.

އެފަދަ މައްސަލައެއްގައި އެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބަޔަކަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. އެ ހުކުމް އައީ ބަންގްލަދޭޝުގެ ތިން ރައްޔިތުންގެ މައްޗަށެވެ. އެކަމަކު ފާއިތުވި ދެ އަހަރު ވެސް އެފަދަ މައްސަލައެއްގައި ކުށް ސާބިތުވެފައެއް ނުވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ވެސް ނެރޭ ޓްރެފިކިން އިން ޕާސަންސް ރިޕޯޓު 2019 ގައި ވަނީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމާއި، ދައުވާ އުފުލުމާއި، ޝަރީއަތް ހިންގުން ރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތަށް ނުހިނގާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ޕާސްޕޯޓު ނުވަތަ ވިސާ ނެތުމުން "އަންޑޮކިޔުމެންޓެޑް" ބިދޭސީންގެ ގޮތުގައި އުޅޭ މީހުންނަށް "ލީގަލް ސްޓޭޓަށް" ވަނުމަށް ނުވަތަ ވިސާއާއެކު ރާއްޖޭގައި މަސައްކަތް ކުރުމަށް ފުރުސަތު ދިނުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.

އެފަދަ ޕްރޮގްރާމެއް ވެގެން ދާނީ މިހާރު ހިއުމަން ޓްރެފިކިން ގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އޮތް ފަރުވާ އަކަށެވެ. އެކަމަކު ހަމައެކަނި އެމީހުން "ލީގަލް ސްޓޭޓަށް" ވައްދައިގެން މި މައްސަލަ ހައްލު ވާނެ ކަމަށް ދެކުން ގޯހެވެ. އޭގެ އެންމެ އަޑީގައިވާ ފަރާތްތައް ހޯދައި، ފިޔަވަޅު ނޭޅޭ ނަމަ މައްސަލަ ދާނީ ގޯހުން ގޯހަށެވެ.

ކޮންމެ ދުވަހަކު މަޖީދީ މަގުގެ ދެ ފަރާތުން އެ ފެންނަ ބިދޭސީންނާ މެދު ބަޔަކު ބޭއިންސާފުން އަމަލުކޮށްފައިވާ ނަމަ އެމީހުންނަށް އިންސާފު ހޯދައިދީ، ދެވަނަ ފުރުސަތު ދިނުން ރަނގަޅެވެ. އެކަމަކު އެގޮތަށް ތިބޭ ބިދޭސީން ކުރިއަށް އޮތް ތަނުގައި މަދު ކުރެވޭނީ މައްސަލައިގެ އެންމެ އަޑިއަށް ފީނައި، ހިއުމަން ޓްރެފިކިން އާއި ކޮރަޕްޝަނާ ގުޅޭ ހިސާބުން މައްސަލަ ހައްލުކޮށްގެންނެވެ.
ހިޔާލު

ޞދޖދކރކ

މަގުގެ ދެފަރާތުގައި ތިއްބާ އިތުރު ސުވާލުކުރުމެއް ނެތި ގައުމުން ބޭރުކޮށްބަލަ. ދެވަނަ ދުވަހަކު ނުތިބޭނެ

އަލީސް

ދެފަރާތުގައި ނުތިބެ މެދަަށް އެރީމާ ތިކަން ހައްލުވާނެ . އެދުވަސް އަދި އަންނާނެ

ޙަބީބު

ކޮންމެމީހަކު ވެރިކަމައްއަރާ ފޮނިވާހަކަ ނުދައްކަ ހުރިހާ ބިދޭސީން ފޮނުވާލަބަލަ އޭގެ ފަހުން އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމައްފަހު ދައުލަތައް އާމްދަނީ ލިބޭގޮތައް ވަކިދާއިރާތަކަކައް ނޫނީ ބިދޭސީން ނުގެނެވޭގޮތައް ބައްޓަންކޮއްބަލަ

މަގޭމޫސަ

އަހަންނަށް މިނިސްޓަރު ކަން އޮތޯތިރީޓީ އާއި އެކު 6 މަސްދުވަހަށް ދީބަލަ. އެމުއްދަތުގައި ހައްލު ކޮށްފަ އިސްތިއުފާ ދޭނަން. ބޯޑަރ ކޮންޓްރޯލް ކުރުމުގައި ލޮލަކަށް ބޮލަކަށް ނުބަލާ ގާނޫނު ތަންފީޒު ކޮށް ގާނޫނާއި ގަވާއިދާއި ޚިލާފުވީމާ ދައުލަތުގައި "ބާރު" ހުންނަކަން ސާބިތުކޮށްދިނީމަ ތިކަންތައް ހައްލުވާނެއެވެ.

ޢާޢީސް

ބޮޑުއުދަގުލެއް ކޮންމެ ދުވަހަކު ހެދުން އޮފިީހަށް އަންނަ ގަޑީގައި މަގުފުރަގެން ދެކޮލުގައި ތިބޭ ބައިވަރުގަޑެއްމީ....ވަރައްހައްލުކުރާތަންފެނޭ މަޖީދީ މަގުބަލާލިމާ.