Supreme Court ge fandiyaarunge adhdhadhu 7 ah badhalukuran Majleehun faaskoffi
image
ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަސް ފަނޑިޔާރުން--
1 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެބިލް ދިރާސާ ކުރި ޖުޑިޝަރީ ކޮމެޓީން ނިންމިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އޭގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ނިންމީ 72 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވީ ޖުލައި އެއް ވަނަ ދުވަހު އެވެ.

ބިލުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އުވުނުއިރު، ސުޕްރީމް ކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަކިކުރައްވާފަ އެވެ. އެހެންކަމުން އެބިލްގެ ބޭނުމަކީ އަލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމެވެ.

މިހާރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ ގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި އެ މައްސަލަތައް އެކޮމިޝަނުން ބެލުމަށްފަހު، މިހާރު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރަމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ބިލް ގާނޫނަކަށް ބަދަލުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރެއްވުމުން، އެބިލަށް ގާނޫނީ ބާރު ލިބިގެންނެވެ.
ހިޔާލު

އެޓޮމް

ސްޕްރިމްކޯޓްގެ ސައިޒް ސްޕްރިމްކޯޓަށް އެގިންޖެކަމަށް ހީކުރަން