Whistle-blower bill Majleehah balaigane, committee ah fonuvaifi
image
އެމްއެމްޕީއާރުސީގެ ހިޔާނާތް ބޭންކުގެ ތެރެއިން ފަޅާ އަރުވާލި، ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމް ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ގެންދަނީ--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ވިސްލްބްލޯ ބިލް މަޖިލީހަށް ބަލައިގަނެ، ކޮމެޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް މަޖިލީހަށް ބަލައިގެނެ، އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ އިއްތިފާގުން ނެވެ.

އެބިލް އިތުރަށް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށެވެ.

އެބިލަށް މިއަދުގެ ޖަލްސާގައި ވެސް މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ. އެބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުންވެސް އެބިލަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވިއިރު، ވަރަށް ގިނަ މެމްބަރުން ވަނީ އެމްއެމްޕީއާސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ ނަން ފާހަގަ ކުރައްވާ، އޭނާއަށް ތައުރީފް ކުރައްވާފަ އެވެ.

އެބިލް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، އެބިލް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހު ވިދާޅުވެފައިވަނީ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލެއް ހުށަހެޅުމުގެ ވިސްނުން އައީވެސް އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރުވާލުމާއި ގުޅިގެން ގާސިމް އަބްދުލްކަރީމަށް ދިމާވި ގޮންޖެހުންތަކާއި ގުޅިގެން ކަމަށެވެ.

ބޭންކުން ވަނީ ގާސިމް ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ހައްޔަރުކޮށް، އޭނާގެ މައްޗަށް ޖިނާއީ ދައުވާކޮށް، 8 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރިއިރު، އެމްއެމްޕީއާސީގެ ހިޔާނާތަކީ ދައުލަތުގެ އެންމެ ބޮޑު ހިނާޔާތެވެ.

އެބިލް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި، ޖަރީމާތަކުގެ ވާހަކަ ރައްޔިތުން ނުދައްކާ ތިބީ ވަޒީފާއާއި ޖަލަށް ލާފާނެކަމުގެ ބިރަށްޓަކާ ކަމަށެވެ.

އީވާ ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަމާޒަކީ ވައްކަމާއި ދެކޮޅަށް ތެދުވުން ކަމަށާއި އެއީ އެމްޑީޕީގެ އެޖެންޑަރ 19ގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށާއި ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

"ކުރީގެ ސަރުކާރުން ހިމާޔަތް ދިނީ ވައްކަން ކުރި ފަރާތްތަކަށް. މި ސަރުކާރުން ހިމާޔަތް ދޭނީ ވައްކަން ފަޅާއަރުވާލާ ފަރާތްތަކަށް،" އީވާ ވިދާޅުވެފައި ވެއެވެ.

އީވާ ވިދާޅުވެފައިވަނީ އެ ބިލުގެ މައިގަނޑު މަގުސަދަކީ ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ޕްރޮސީޖާ ކުރާނެ ނިޒާމެއް އެކަށައަޅައި އެކުލަވާލުން ކަމަށާއި، ވައްކަމާއި ދެކޮޅަށް ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ވިސްލްބްލޯ ކުރުމުން މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމާއި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ވިސްލްބްލޯ ގާނޫނެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާލު