Dhaandhoo court ge is gaazee aa behey hatharu shakuvaa eh balanee
image
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް--ފޮޓޯ:ފޯސްކޮޔާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދާންދޫ ކޯޓްގެ އިސް ގާޒީއާ ބެހޭ ހަތަރު ޝަކުވާއެއް ބެލުމަށް ޖޭއެސްސީން ނިންމައިފި

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓާ ބެހޭގޮތުން ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ދާންދޫ ކޯޓުގެ އިސް ގާޒީ ލުއައްޔު އިބްރާހީމާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކެއް ބެލުމަށް ޖޭއެސްސީން ނިންމީ މިއަދު އޮތް އެ ކޮމިޝަނުގެ 46 ވަނަ ބައްދަލުވުމުގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ލުއައްޔު އާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީގެ އިތުރުން ހަތަރު މެމްބަރަކު އެ ކޮމިޓީގައި ހިމެނެއެވެ. އޭގެތެރޭގައި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން، ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ދަށުކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅު ހިމެނެ އެވެ.

ލުއައްޔު އާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮތް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ބައްދަލުވުމުގައި ލުއައްޔުއާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށް ނިންމުމުގެ އިތުރުން އެހެން ފަނޑިޔާރަކާއި ބެހޭގޮތުން ހުށަހަޅާފައިވާ ދެ ޝަކުވާއެއް ނުބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
ހިޔާލު