Hingee money laundering ge amaluthakehkan BML in vanee ebbasvefai: MP Yaugoob
image
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ --
މުހައްމަދު ފަތުހުﷲ
2 ކޮމެންޓް
 

ހިންގީ މަނީ ލޯންޑާ ކުރުމުގެ އަމަލުތަކެއްކަން ބީއެމްއެލްއިން ވަނީ އެއްބަސްވެފަ: މެމްބަރު ޔައުގޫބު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތެރެއިން، ހިންގާ ފައިވަނީ މަނީ ލޯންޑަރިންގެ އަމަލުތަކެއްކަން އެނގޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސާފުބަހުން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ފައިނޭންސް އެންޑް އޮޑިޓް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މެމްބަރު ޔައުގޫބު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަބަދުވެސް ވިދާލުވަމުން ގެންދަވާ "ޒީރޯ ޓްލަރެންސް"އަށް އެމަނިކުފާނު ވެސް އިހުތިރާމު ކުރެއްވުމަށް ގޮވާލައްވާފަ އެވެ.

ގައުގޫބު އެގޮތަށް ގޮވާލެއްވީ، ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ނަންތަކުގެ ތެރޭގައި، އެމްއެމްޕީއާރުސީގެ އެ ވައްކަމުގައި އެންމެ ބޮޑަށް އެއްބާރުލުންދިން ފަރާތްތަކުގެ ނަންތައް ވެސް ހިމެނޭތީ އެވެ. ޔައުގޫބު ވިދާޅުވީ، އެއީ އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން އިންތިހާބުކުރި އަދި އޭނާވެސް ނިސްބަތްވާ ސަރުކާރުން އެފަދަ ނަންތަކެއް ބީއެމްއެލް ބޯޑަށް ހުށަހެޅުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"މިރާއްޖޭގެ ތާރީހުގައި ހިންގި އެންމެބޮޑު ވައްކަން، އެމްއެމްޕީއާރުސީގެ ތެރެއިން ކުރި ވައްކަން. އެމްއެމްޕީއާރުސީގެ ތެރެއިން ވައްކަން ކޮށްފައިވަނީ، ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އާއި އެމްއެމްއޭ (މޯވްޑިވްސް މަނިޓަރީ އޮތޯރިޓީ)ގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކުކަން އަޅުގަނޑު ފާހަގަ ކުރަން،" ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް، މިދިއަ އަންގާރަ ދުވަހު މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވަރަށް ސާފު ބަހުން ބީއެމްއެލްގެ އިސްވެރިން އިއުތިރާފު ވެފައިވާ ކަަމަށެވެ.

"އެގޮތުން، އިއްޔެ (އަންގާރަ ދުވަހު) މާއްލިއްޔަތު ކޮމެޓީގަވެސް ބީއެމްއެލުން ވަނީ ވަރަށް ސާފު ބަހުން އިއުތިރާފުވެފަ. ތިމަންނަމެންގެ އެހީތެރިކަމާއި އެއްބާރުލުމާއެކުކަން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް، ވައްކަން ކުރެވިގެން ދިޔައީ،" ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ އެމްއެމްޕީއާސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަ ކުރުމަށް ބޭނުންކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް (ސްކޯސް އޮފް ފްލެއާ/ މުހައްމަދު އައްލާމް ލަތީފްގެ ކުންފުނި) ކަމަށެވެ.

"މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާލަފާނަން، އެސްއޯއެފް (ސްކޯސް އޮފް ފްލެއާ/ މުހައްމަދު އައްލާމް ލަތީފްގެ ކުންފުނި) އެކައުންޓަށް ޖަމާކުރި ހުރިހާ ޗެކްތައް ޖަމާކޮށްފައިވަނީ އުސޫލާފަށް ކަމަށްވެސް ބީއެމްއެލުން އިއްޔެ މާލިއްޔަތު ކޮމެޓީގައި ވަނީ އިއުތިރާފުވެފަ. އަދި އެ ޓްރާންސްސެކްޝަންތައް ކުރިއަށް ދިޔައިރު، އެއީ މަނީ ލޯންޑަރިންގެ އަމަލުތަކެއްކަން ފާހަގަ ކުރެވުނު ކަމަށްވެސް ބީއެމްއެލުން ވަނީ ސަރީހަ އިބާރާތުން އެއްބަސްވެފަ،" ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ އެންމެ ބޮޑަށް ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ހިންގަމުންދަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށާއި، އެހެންކަމުން އެކުންފުނިތަކުގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ، އެފަދަ އަމަލެއް ނުހިންގެވުމަށް ގޮވާލައްވާފައިވާ ކަމަށެވެ.

ޔައުގޫބު ވަނީ އެފަދަ ބޮޑެތި ވައްކަމާއި ހިޔާނާތް ހިންގާފައިވާ ބަޔަކު އަނެއްކާ މިސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރަމުންދާތީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާކަން ހާމަކުރައްވާ ތަކުރާރުކުރައްވާފަ އެވެ.
ހިޔާލު

ޜާމިޒު

ދުވާލު އެންމެން ކުރިމަތީގަ ކޮއްލި ވައްކަމަކައް އެކަން ކުރި މީހުނަށް ފިޔަވަޅު އެޅީމަ އެއީ ކުންފުނީގެ ގުޑުވިލް ހަލާކް ވަންޏާމު ދެން ކިހިނެއް މިކަން ހުއްޓުވާނީ.އެތާގަ ތިބި ވައްކަމާ ބައިވެރިވި މީހުނަށް ފިޔަވަޅު އެޅިޔަސް ކުނފުނި އޮންނާނެ ފަހުން ބޭނުންކުރަންވެސް

އަބްދު

ސިޔާސީ ބޭނުމަށްޓަކައި، ދުވަސްވީ ކުންފުއްޔެއްގެ ގުޑްވިލް ހަލާކުކޮށްލައިނީ،... ތި ހުރިހާ ޑްރާމާތަކެއް ނުކުޅުނަށް ފިޔަވަޅު އެޅޭނެ.. ދެންވެސް ބީއެމްއެލް މި ސަރުކާރުންވެސް އަންނަން ހުރި ސަރުކާރުންވެސް ބޭނުން ކުރަން ޖެހޭ އިގްތިޞާދައްޓަކައި