Yameen ge money laundering shareeaiy: Fenunu manzaraai ivunu adu thah
image
ރައީސް ޔާމީން ޝަރީއަތަށް ވަޑައިގަންނަވަނީ-- ފޮޓޯ:މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޔާމީންގެ މަނީ ލޯންޑަރިން ޝަރީއަތް: ފެނުނު މަންޒަރާއި އިވުނު އަޑުތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖެ ދުށް އެންމެ ނުފޫޒު ގަދަ އެއް ލީޑަރު ކަމާއި މެދު ޝައްކެއް ނެތެވެ. އެމަނިކުފާނުގެ ވަރުގަދަ ނުފޫޒުން އެތައް ސިޔާސީ ބަޔަކަށް ބޭއިންސާފުން ޝަރީއަތްކޮށް، ޖަލަށްލި ކަމުގެ ތުހުމަތު ކުރެވެ އެވެ. އެންމެ ފަހުން އާދީއްތަ ދުވަހުގެ މެންދުރު މާލޭގެ ކްރިމިނަލް ކޯޓާއި، ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލުތަކުން ފެނުނީ އެމަނިކުފާނު އިންސާފުގެ ކުރި މައްޗަށް ހާޒިރުކޮށްފައި ހުންނެވި މަންޒަރެވެ.
މަޑު ނޫކުލައިގެ ރޮނގު ދެމި އަތްދިގު ގަމީހެއް ތުރުކުރައްވައިގެން ކޯޓަށް އެމަނިކުފާނު ވަޑައިގެންނެވީ ތާރީހުގައި ނަން ފެވެމުންނެވެ. އެއީ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތަކީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޓީވީން ވަގުތުން ދުރަށް ދެއްކި ޝަރީއަތުގެ މަޖިލީހަށް ވާތީ އެވެ. ކޯޓަށް ވަޑައިގެންނެވުމަށް ގެއިން ނިކުންނެވުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން ހިތްވަރު ދެއްވުމަށް ޖަމާވެފައި އޮތް މަންޒަރު ފެނުނެވެ.

އެކަމަކު އެހެން ސިޔާސީ ބޭފުޅުންގެ ޝަރީއަތްތަކާއި ހިލާފަށް ޔާމީނުގެ މައްސަލައިގައި ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެސް ބަޔަކު އެއްވި މަންޒަރެއް ނުފެނުނެވެ. އެއާ ހިލާފަށް ފެނުނީ މަގުގެ އެއް ފަރާތުގައި ކެމެރާތައް ބަރިއަކަށް އަތުރާލައިގެން ތިބި ނޫސްވެރިންނާއި ކެމެރާމަނުންނެވެ. އެމީހުން ކެތް މަދުވެފައި ތިއްބާ، ކެމެރާތަކަށް ނުފެންނާނެ ގޮތަށް ޔާމީން ކާރުން ފައިބައިވަޑައިގެން، ކޯޓަށް ވަދެވަޑައިގެންނެވި އެވެ.

ކްރިމިނަލް ކޯޓުގައި ތާވަލު ކުރާ މައްސަލަތައް ފެށުމަށް އާއްމުކޮށް ވަރަށް ގިނައިރުވި ނަމަވެސް، މި މައްސަލަ ފަށާކަށް މާ ގިނައިރެއް ނުވި އެވެ. އެންމެ ފުރަތަމަ ކޯޓު ރޫމަށް ވެއްދީ ދައުލަތުގެ ވަކީލުންނެވެ. އެއަށްފަހު ނޫސްވެރިންނާއި އާއްމުންގެ މީހުންނެވެ. އެންމެ ފަހުން ތިން ވަކީލުންގެ ދިފާއީ ޓީމަކާއެކު ކޯޓު ރޫމަށް ވަދެވަޑައިގެންނެވީ ޔާމީނެވެ. މާ ލަސްތަކެއް ނުވެ، ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ކޯޓު ރޫމަށް ވަދެވަޑައިގެންނެވި އެވެ.

ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ މައްސަލަ ފެށިއިރު އެމަނިކުފާނު ގޮނޑިކޮޅުގައި އިންނެވީ ވަރަށް ހަމަޖެހިލައިގެންނެވެ. ދިފާއީ ވަކީލުންގެ ޓީމުން ފަހަރަކު ހުށަހެޅުމެއް ހުށަހަޅަމުން ދިޔައިރު ވެސް މަޑުން އިންނެވުމަށް ފަހު ވާހަކަދެއްކެވުމުގެ ފުރުސަތަކަށް އެމަނިކުފާނު އެދިވަޑައިގެންނެވީ އެސްއޯއެފްގެ އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ ކޮން ފައިސާއެއްތޯ ހައިލަމް ސުވާލު ކުރެއްވުމުންނެވެ.

"އެސްއޯއެފާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވާހަކަދެއްކެވީ އާއްމުކޮށް ވެސް ވާހަކަދައްކަވާ ހަރު ރާގުގަ އެވެ. ބައެއް ފަހަރު ގާޒީ ހައިލަމް ވިދާޅުވާން ބޭނުންވާ އެއްޗެއް ވިދާޅުނުވެވިގެން އުޅުނުހެން ވެސް ހީވި އެވެ.

ދިފާއުގައި ނެންގެވި ނުކުތާތައް

އެންމެ ބޮޑު ވާހަކައެއްގެ ގޮތުގައި ޔާމީނު ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފައިސާ ނޫން އެހެން ފައިސާތަކެއް އެމަނިކުފާނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދުވި އެއްބަސްވުމުގެ ދަށުން ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ގާނޫނާއި ހިލާނުވުމުގެ ގޮތުން ކަމަށް ވިދާޅުވި ވާހަކަ އެވެ.

"އިސްލާމިކް ބޭންކްގެ އެކައުންޓުން އެ ފައިސާ ދޭން އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރަނީ އެއީ ތަހުގީގު ކުރެވެމުންދާ ފައިސާ އެކުލެވޭ އެކައުންޓަކަށްވާތީ އެ އެކައުންޓުން ފައިސާ ވިތުޑްރޯ ކޮށްފިި ކަމަށް ވަންޏާ އަނެއްކާވެސް އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތެއް ކުރީ ކަމަށް ބެލެވިދާނެ. އެހެންވެ އެ އެކައުންޓުން އަޅުގަނޑު ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ލައިފި ކަމަށް ވަންޏާ އެއީ އެތަނަށް ވަދެފައި ހުރި ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރީ ކަމަށް ބެލެވިދާނެ،" ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ ދައުވާގައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޔާމީނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން، އެ ފައިސާ އޭސީސީއަކުވި އެއްބަސްވުމާއި އެއް ގޮތަށް އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އަންގާފައި ވަނިކޮށް، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ލިބުނު ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށެވެ.

"ފައިސާ އަކީ ފައިސާ. ދައުލަތަށް ބޭނުންވަނީ އެއް މިލިއަން ޑޮލަރު. ދައުލަތަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ދައުލަތުން އެދުނު ގޮތަށް އެހެރީ އެގްރީމެންޓެއްގެ ދަށުން އެއް މިލިއަން ޑޮލަރު ބަހައްޓައި ދީފައި. ގާނޫނަކީ ރައްކާތެރިކަން ދޭ އެއްޗަކަށް ވާންވާނީ މައުސޫމް މީހުންނަށް،" އޭސީސީއާއެކު ވެފައިވާ އެސްކްރޯ އެއްބަސްވުމާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވަނީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށް އެއްވެސް ތަނަކުން ކަނޑައަޅާފައި ނުވާ ކަމަށާއި، އެ ފައިސާތައް އަނބުރާ ދިނުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން "އަނގަބަހުން ވެސް އަންގާފައި" ނުވާ ކަމަށެވެ. އޭގެ އިތުރުން ޝަރީއަތް ފެށުމުގެ ކުރިން ދިފާއުން ހުށަހެޅި ފަސް ހުށަހެޅުން ވެސް ބަލައިނުގަތުމަށް މިއަދު ވަނީ ނިންމާފަ އެވެ.

އެ ހުށަހެޅުންތަކަކީ:

ދައުވާގައި ކުށުގެ އުންސުރުތައް ފުރިހަމަނުވާ ކަމަށް ބުނާ ހުށަހެޅުން

ކޮރަޕްޝަންގެ ކުށް އެއްވެސް ގާނޫނެއްގައި ތަފްސީލުކޮށް ނެތް ކަމަށް ބުނާ ހުށަހެޅުން

ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ދައުވާކުރި ކަމަށް ބުނާ ހުށަހެޅުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލިޔުމެއް ނެތި ތަހުގީގު ކުރި ކަމަށް ބުނާ ހުށަހެޅުން

ދައުލަތުގެ ދެ ހެކިން، ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނާ ހުށަހެޅުން

ދައުލަތުން ވެސް ވަނީ މުޅިން އާ ދެ ހެއްކެއް ކޯޓަށް ހުށަހަޅާފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހުން ކުރިން ހޯދަން އިއުލާންކުރި އެސްއޯއެފް ކުންފުންޏާ ގުޅުން އޮތް މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ އެވެ. ހައިލަމް ނިންމެވީ އެ ދެ ހެކިން ވެސް ބަލައިނުގަތުމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ހައިލަމް ވިދާޅުވީ ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަސް ލިބޭނެ ކަމަށެވެ. ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގުމަށް އޯގަސްޓް 4 ގައި އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރެއްވި އެވެ. ދައުލަތުގެ ހެކިވެރިންނަކީ ހަސަން ލުތުފީ، މުއައްވިޒު ރަޝީދު، މުހައްމަދު ވަސީމް އިސްމާއިލް، އަހްމަދު އަދީބު، މޫސާ ޒަމީރު، މުހައްމަދު ލުވޭޒް، މުހައްމަދު ޝަރީފު އަދި އަބްދުﷲ ޒިޔާތު އެވެ. އޭގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއް ވެސް ދައުލަތުން ހުށަހަޅާފައި ވެއެވެ.
ހިޔާލު