ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓްގައި ހިނގަމުންދާ ޝަރީއަތުގައި މިއަދު ފެނިގެން ދިޔައީ ރައީސް ޔާމީނުގެ ސާބިތުކަން ކަމުގައި، ޕީއެންސީގެ ރައީސް އަބުދުއްރަހީމް ޢަބުދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީވީން ލައިވްކުރި ޝަރީއަތާއި ހުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ޝަރީއަތުން އެނގިގެންދިޔަ ކަމަކީ ރައީސް ޔާމީންގެ ސާބިތުކަން ކަމުގައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތަކީ ސިޔާސީ ގޮތުން ހިންގާ ޝަރީއަތެއްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލުންވެސް ތިއްބަވަނިކޮށް ރައީސް ޔާމީން އަމިއްލަފުޅަށް ދިފާއުގައި ވާހަކަފުޅު ދެއްކެވުމަކީ ރައީސް ޔާމީންގެ ސާބިތުކަން ފެނިގެންދިޔަ ކަމެއްކަމުގައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތަކީ މިސަރުކާރުގެ ތެރޭގައިހުރި މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ހިންގާ ޝަރީއަތެއްކަމަށާއި މިއީ ސިޔާސީގޮތުން ރައީސް ޔާމީން ހުއްޓުވުމަށް ހިންގާ ޝަރީއަތެއްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.