Fiyavalhu alhaafa hunnaanee Council thakaai nubehey kan kamugai garaaru nereythee: LGA
image
ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި އެލްޖީއޭގެ މެންބަރުން -- ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

ކައުންސިލުތަކާއި ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައި ހުންނާނީ ނުބެހޭ ކަންކަމާއި ބެހޭތީ: އެލްޖީއޭ

ކައުންސިލްތަކާއި ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައި ހުންނާނީ އެމީހުންނާއި ނުބެހޭ ކަންކަމުގައި ގަރާރު ނެރުމުގެ ސަބަބުން ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި މިއަދު އެލްޖީއޭ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ އޮތޯރިޓީގެ ބޯޑު މެންބަރު އާމިރު އަލީ ވިދާޅުވީ ވަކި ކަމެއް އޮންނާނެ ގޮތް ކަމަށް ސަރުކާރުން ކަނޑައަޅާ ކަންކަމުގައި ވެސް ކައުންސިލުތަކުން ދެކޮޅު ހަދާފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ބުނާ ކަންކަމާއި ސީދާ ދެކޮޅަށް ބައެއް ކައުންސިލުތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު އަލީ ވިދާޅުވީ ކައުންސިލުތަކުގައި ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެފައި ދައުލަތް ހިންގަން އެހެން ޕާޓީއެއް އޮތުމުން ދަތިތަކެއް ދިމާވާ ކަމަށެވެ.

" ހަމަ ކައުންސިލަރަކު ތެދުވެލާފައި ކައުންސިލު ލެޓާ ހެޑުގައި މި ނެރެނީ ތި ގަބޫލެއް ނުކުރަމޭ ތިމަންނަމެންނެއް،" އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ބައެއް ކަހަލަ ދުވަސްތައް ސަރުކާރުން ބައެއް ރަށްރަށުގައި ފާހަގަކުރުމަށް ނިންމުމުން އެ ނިންމުންތަކާއި ދެކޮޅަށްވެސް ބައެއް ކައުންސިލުތަކުން މީގެކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އާމިރު ވިދާޅުވީ އެހިސާބަށް ކަންތައްތައް ދިއުމުން އެލްޖީއޭއިން ކައުންސިލުތަކާއި ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ.

އަދި ފިޔަވަޅު އަޅާފައި ހުންނާނީ ކައުންސިލުތަކާއި ނުބެހޭ ކަންކަމުގައި ގަރާރުތައް ނެރުމުން އެ ގަރާރުތައް ބާތިލު ކުރުމަށް އެންގުމުންވެސް އެކަން ކައުންސިލުތަކުން ނުކުރުމުން ކަމަށެވެ.

"އެ ކައުންސިލުގެ މެންޑޭޓުގައި ނުހިމެނޭ ކަމެއްގެ މައްޗަށް އެ ކައުންސިލުން ގަރާރު ނުނެރޭށޭ. ހަމަ ތިބެލާފަ ގަރާރެއް ނެރިދާނެ މިވެނި މިނިސްޓަރަކު ކަމަކު ނުދެޔޭ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކަށް ހުރަސް އަޅައި ސަރުކާރަށް ހިދުމަތްތައް ނުދެވޭ ވަރަށް ކައުންސިލުތަކުން އޭރު ގަރާރު ނެރެމުން ދިޔަ ކަމަށެވެ. އެހެންވެ އެހިސާބަށް ކަންތައް ދިއުމުން ކައުންސިލާ ނުބެހޭ ކަންކަމުގައި ގަރާރު ނުނެރެން ކައުންސިލުތަކަށް އެންގި ކަމަށް އާމިރު ވިދާޅުވިއެވެ.

އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އާމިރު ވިދާޅުވީ ދައުލަތަށް މަސައްކަތް ކުރުމަށް ދަތިވާ ވަރަށް ބައެއް ކައުންސިލުތަކުން މީގެކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެލްޖީއޭ
ހިޔާލު