Taxi massala, hallu nuvi bodu kan bodu vumeh!
image
ޓެކްސީއެއް-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
ފައުޒާ މުހައްމަދު
3 ކޮމެންޓް
 

ޓެކްސީ މައްސަލަ، ހައްލު ނުވި ބޮޑު ކަންބޮޑުވުމެއް!

"ދުވަހަކުވެސް ނުލިބޭނެ ބޭނުންވާ ގަޑިއަކު ޓެކްސީއެއް، ބޭނުން ނުވަންޏާ ޓެކްސީތައް އޮންނާނީ ފުންޏަށް،" މިއީ އާއްމު ގޮތެއްގައި އެންމެންގެ ވެސް ޝަކުވާއެކެވެ. މާލޭ މަގުމަތިން ޓެކްސީއެއް ހޯދުމަކީ އަތުން ފައިން ބުރަ މަސައްކަތް ކުރުމާއި އެއްވަރުގެ ކަމެކޭ ހީވާ ފަހަރު ވެސް އާދެ އެވެ.
ޓެކްސީ ދުއްވުމަކީ ވެސް ވިޔަފާރި އެކެވެ. ނަމަވެސް ރާއްޖޭގައި ތަފާތަކީ، ޓެކްސީ ޑްރައިވަރުންނަކީ އެހެން ވިޔަފާރިވެރިންނަށް ވުރެ ނުފޫޒާއި ބާރު ގަދަ ބަޔަކަށްވެފައިވާ ވާހަކަ އެވެ. ސަރުކާރުން ކަނޑައަޅާ އުސޫލުތަކަށް، އެކުލަވާލާފައިވާ ގަވާއިދުތަކަށް ބެލުމެއް ނެތެވެ. ބޭނުން ގޮތަކަށް، ބޭނުން ކަމެއް ކޮށް ނިންމާލަނީ އެވެ.

މިހާރު އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި ވަނީ ޓެކްސީ ޑުރައިވަރުން މާލެ ތެރޭގައި ޓެކްސީ ދަތުރުތައް ކުރުމުގެ ބަދަލުގައި ހަމައެކަނި ހުޅުމާލެ ނުވަތަ ހުޅުލެއަށް ދަތުރުތައް ކުރުމުގެ މައްސަލަ އެވެ. މިއީ ޓެކްސީގައި ދަތުރު ކުރާ ގިނަ ބަޔެއްގެ ޝަކުވާ އަކަށް ވިޔަސް، ޓެކްސީ ޑްރައިވަރުން މިކަން ދޮގު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

"މިހާރު ހަމަ ގިނަ ޓެކްސީތަކުން ކަންތައް ކުރަނީ ހަމަ އެއް ގޮތަކަށް. މާލެ ތަނަކަށް ދާންވީމަ ނުދެވޭނޭ ބުނަނީ. އެކަމަކު ހުޅުމާލެ ދާން ބުނެފިއްޔާ ހޭވައްލާ ތައްޔާރު ހަމަ،" ސީއެންއެމް އަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ކުރިން ދުވަހު އަހަރެން މަންމަ ގޮވައިގެން ހެންވޭރުން މާފަންނުގައި ހުރި ގެއަކަށް ދާންވެގެން ޓެކްސީ އެއް ހޯދީން. ކޮންމެ މީހަކު ވެސް މާފަންނޭ ބުނީމަ ބުނަނީ ނުދެވޭނޭ. އެކަމަކު އަހަރެން ހަމަ ހުއްޓާ އެތަނުން ހުޅުމާލެ ދާން މީހަކު ބުނީމަ އެމީހާ ޓެކްސީއަށް އެރުވީ. މީދެން އެއްވެސް އިންސާފެއް ނޫން ދޯ،" ސީއެންއެމް އަށް ވާހަކަ ދެއްކި އިތުރު މީހަކު ބުންޏެވެ.

މި މައްސަލައިގެ އިތުރުން ޓެކްސީތަކުގައި ހަރުކޮށްފައިވާ ރަތާއި ފެހި ލައިޓުގެ މައްސަލަ ވެސް ބޮޑެވެ. ބޮޑު ހަރަދެއް ކޮށްގެން ޓެކްސީތަކަށް ގެނައި އެ ބަދަލުގެ ބޭނުން ރަނގަޅު ގޮތުގައި ނުކުރެވެންޏާ އެއީ ކީއްކުރަން ކުރި ބޭކާރު ކަމެއް ހެއްޔެވެ؟

ޓެކްސީ މަތީގައި ހަރުކޮށްފަ ހުންނަ ބޯޑުގައި ފެހި ކުލަ ބޮކިން ރަމްޒުކޮށް ދޭނީ ޓެކްސީ ހުސް ކަމަށާއި އެ ޓެކްސީ އަށް ދަތުރެއް ނެގޭނެ ކަމެވެ. އަދި ރަތް ބޮކި ދިއްލާފައި ހުންނަ ނަމަ އެއިން ރަމްޒުކޮށް ދެނީ އެ ޓެކްސީގައި މިހާރު ދަތުރެއް ކުރަމުން އަންނަ ކަމެވެ.

"ބޭކާރު ލައިޓެއް ޓެކްސީގައި ހަރުކޮށްފައި ހުންނަނީ. ފެހި ބޮކި ދިއްލާފައި ހުންނަ އިރުވެސް ޓެކްސީގައި މީހުން ތިބޭނެ ފުރިފައި. ދެން ޓެކްސީ މަޑު ކުރޭތޯ އަތް ދިއްކުރާ އިރަށް އަވަހަށް ފެހި ބޮކި ރަތް ކޮށްލާނެ. ވަރަށް ރުޅި އާދޭ އެގަޑީގައި،" ސީއެންއެމް އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭގެ އިތުރުން ޓެކްސީ ގައި ޕެސެންޖަރެއް އިންދާ އެމީހާގެ ހުއްދައާ ނުލާ އިތުރު މީހުން އަރުވާ މައްސަލަ ވެސް ބޮޑެވެ. ހަމަ އެހެންމެ ބައެއް ޓެކްސީތަކަކީ ވަރަށް ކުރީގެ ޓެކްސީތަކެވެ. އެގޮތުން އެ ޓެކްސީތަކުގައި ސާފު ތާހިރުކަން ނުހުންނައިރު، އޭސީ ފަދަ ތަކެތި ހަލާކުވެފައި ހުރުމުން ވެސް ދަތުރު ކުރާ މީހުންނަށް އުނދަގޫ ވެއެވެ.

"އެއް ފަހަރަކު މަންމަ ގޮވައިގެން މާލެ އަންނަން ހުޅުމާލެއިން އެރި ޓެކްސީއެއް. އޭސީގަނޑު ހަލާކުވެފައި. އެހާ ނުބައި ވަސް ދުވާ. ބްރިޖާ ހަމައަށް އޭގައި ދެވުނުއިރު ހިތަށް އެރި ފައިބަންވީއޭ. ދެން ބްރިޖު ހުރަސްކޮށް ގެއާ ހަމައަށް ދެވުނު އިރު ކިރިޔަ ކިރިޔާ ހޮޑު ނުލެވި އިނީ،" އިތުރު މީހަކު ބުންޏެވެ.

މިކަންކަމުގެ އިތުރުން ރާއްޖޭގައި ޓެކްސީ ޑްރައިވަރުންގެ އަދަބު އަހުލާގާއި ގުޅޭ ގޮތުން ވެސް ބައެއް ފަހަރު ޕަސަންޖަރުން ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. ޓެކްސީ ދަތުރެއް ނިމެންދެން އެކި ކަންކަމުގައި ޑްރައިވަރުން ޝަކުވާ ކުރުމާއި، ރީތި ބަހުން ވާހަކަ ނުދެއްކުން ފަދަ މައްސަލަތައް ދިމާވެ އެވެ.

މިފަދަ އެތައް މައްސަލައެއް ޓެކްސީ ޑްރައިވަރުންނާ މެދު ފާހަގަވާއިރު، މިއީ ޓެކްސީ ދުއްވާ ހުރިހާ އެންމެންގެ ގޮތް ކަމަށް ދެކުން ގޯހެވެ. ޓެކްސީ ޑްރައިވަރުންގެ ތެރޭގައި ވެސް ގަވާއިދާއި އުސޫލަށް ކަމޭ ހިތާ، އަދަބުވެރިކަމާއެކު ޕަސަންޖަރުން ގޮވައިގެން ދަތުރު ޑްރައިވަރުން އުޅެ އެވެ.

އާއްމުންގެ ޝަކުވާތަކަށް ހައްލު ލިބޭނީ ކޮން އިރަކުން؟

ޓެކްސީ މައްސަލައިގައި އާޢްމުންގެ ޝަކުވާ އެހާ ބޮޑުއިރު، ދުވަހަކު ހައްލު ލިބޭ މަންޒަރެއް ނުފެނެ އެވެ. ކޮންމެ ސަރުކާރަކުން ވެސް މޮޅެތި ބަދަލުތައް ގެންނަން ވާހަކަދައްކަ އެވެ. އެކަމަކު އަމަލުން އެކަން ދައްކަން ވީމާ ދުވަހަކު އެކަމެއްވާ ދުވަހެއް ނާދެ އެވެ.

ސިނަމާލެ ބްރިޖު ހުޅުވުމާއެކު ޓެކްސީތަކުން އެކި ރޭޓުތަކުގައި އަގު ބޮޑުކޮށް ދަތުރު ކުރާ މައްސަލަ ފެންމަތިވި އެވެ. އެކަމުގައި އާއްމުންގެ ކަންބޮޑުވުން ފާޅު ކުރަން ފެށުމުން، ހައްލެއް ހޯދަން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑު ޕަބްލިކް ފޯރަމެއް ވެސް ބޭއްވި އެވެ.

އެކަމަކު އެ ފޯރަމެއް ބާއްވައިގެން އަދި އަމަލުން ނަތީޖާއެއް ނިކުތް ތަނެއް ނުފެނެ އެވެ. އަބަދުވެސް ބުނަނީ ޓެކްސީ ދަތުރު ކުރެވޭނެ ރޭޓު ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަ އެވެ. ޓެކްސީ އެޕް ވަރަށް އަވަހަށް ލޯންޗު ކުރާނެ ވާހަކަ އެވެ. ނޫނީ ޓެކްސީ ޑްރައިވަރުން ރެގިއުލޭޓް ކުރަން ފަށާނެ ވާހަކަ އެވެ.

އެންމެ ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ސީއެންއެމް އަށް މައުލޫމާތު ދިން ގޮތުގައި މި ފެށޭ އޯގަސްޓް މަހުގެ ތެރޭގައި ޓެކްސީ އެޕް ބޭނުން ކުރަން ފަށާނެ އެވެ. އެއާއެކު ޓެކްސީ ދަތުރުތަކަށް ކަނޑައަޅާ ރޭޓު ވެސް އާއްމު ކުރާނެ އެވެ. އުފެދޭ ސުވާލަކީ ދެން މި ކަނޑައަޅަން އުޅޭ އުސޫލުތަކަށް ޑްރައިވަރުން ތަބާވާނެ ބާވަ އެވެ؟ ނުވަތަ ޓެކްސީ ބޯޑު ދިއްލުމުގައި މިހާރު މި އަމަލު ކުރާ ގޮތަށް، ޑްރައިވަރުން ހިތުހުރި ނިޒާމަކުން ކަން ކުރަން ދޫކޮށްލާފައި ތިބޭނީ ތޯ އެވެ؟
ހިޔާލު

ސައިނީ

ތިކަމެއް ނުވާނެ ޓެކްސީ ޓްރައިވަރުން މީ ވަކި ސިޔާސީ ޕާޓީއެއް

ލަކޫ

މިކަން ހައްލުވާނީ ޓެކްސީ ޑުރައިވަރުން ތަމްރީނުކުރާ ޓުރޭނިން ސެންޓަރެއް ހަދާ ޓެކުސީ ކުރާމީހުނަށް ހާއްސަ ށޯޓް ކޯސްތަކާއި ލޯންގް ޓާމް ކޯސް އާއި ޓުރޭނިން ޕޮރޮގުރާމް ހިންގައިގެން ، މުޅިން އަލަށް ޓެކްސީ ދުއްވާ މީހުނަށް 3 މަސްދުވަހުގެ ކޯސް ރަގަޅުވާނެ މިކޯސް ތަކުގައި ހުރިހާ އެއްޗެއް ކިޔަވާ ދޭންވާނެ !

ކަންއޮތްގޮތް

ކޮމެންޓު ޖަހާނެބާ؟
ސިޔާސީ ފިކުރަކަށް ތަބަޢަނުވާ، ސަޕޯޓުކޮށް ކެންޕޭނުނުކުރާ ސެންޓަރެއް މަދުވާނެއެވެ. އެކަމަކު އެމީހުންގެ ކޮމިޔުނިޓީ ވަރަށް ބަދަހިވާނެއެވެ. ސިޔާސީފިކުރުގައި ޚިޔާލު ތަފާތުވީނަމަވެސް، އެމީހުންގެ ވިޔަފާރިއާއި ކަމެއްއަމާޒުވާނަމަ، ތަފާތުފިކުރުތައް އެއްގަލަކަށްއަރައި، އެއަންނަ ޙަމަލާއަކަށް ތައްޔާރުވާނެއެވެ. އަދި އެއްބަސްވާ އެއްބަސްވުމުގައި އެކުގައި ހިފާނެއެވެ. އެހެންވީމަ، އެމުޖުތަމަޢަކީ ވަރަށްވެސް ބާރުގަދަބަޔަކަށް އަބަދުވެސްއޮންނަނީ ވެފައެވެ. އެހެންވީމަ އެމީހުންގެ ބާރު ގަދަވަނީއެވެ. ނުފޫޒު ގަދަވަނީއެވެ.