Ge thakah fen vadhefaane kamuge birah Addu rayyithun nidhan nukerifa!
image
މީހުން ދިރިއުޅޭ ގެތައް ހުރި ސަރަހައްދު ގިރައި ގެއްލުންވެފައި-- ފޮޓޯ: އައްޑޫ ލައިވް
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ގެތަކަށް ފެން ވަދެފާނެ ކަމުގެ ބިރަށް އައްޑޫ ރައްޔިތުން ނިދަން ނުކެރިފައި!

ރާއްޖޭގެ ގިނަ ރަށްރަށަކީ ރަށް ގިރުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ރަށްރަށެވެ. ހާއްސަކޮށް ދިޔަވަރު ބޮޑުވާ ދުވަސްވަރު އަތިރި މައްޗާއި ކައިރީގައި ހުންނަ ގެތަކަށް އެކަމުގެ އުނދަގޫ ބޮޑުވެ އެވެ. އެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ އެއް ސިޓީ އަކީ މާލޭ ސިޓީއަށް ފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު، އައްޑޫ ސިޓީ އެވެ. އެ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫއަށް ވެސް ރަށް ގިރުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައި ވާއިރު އެކަން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ފުށްޓަރު ސަރަހައްދަށެވެ.
ހިތަދޫ މޫލެކެޑެ ސަރަހައްދުގެ ފުއްޓަރު ގިރަމުން އަންނަތާ މިހާރު އެތައް ދުވަހެއްވެއްޖެ އެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ގިރާއި މިހާރު ވަނީ މީހުން ދިރިއުޅޭ ގެތައް ހުންނަ ސަރަހައްދަށް ވެސް އެކަމުގެ ނުރައްކާ ފޯރާފަ އެވެ. އެގޮތުން ބައެއް ގެތަކާއި ހިސާބަށް ރާޅުގެ އަސަރު ފޯރައި ގެތަކުގެ ކޮންކްރިޓު ގަނޑުގެ އަޑިން ވެލިގަނޑު ވެސް ދަމައިގެންފައި ވެއެވެ. މޫސުން ގޯސް ދުވަސްވަރު އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވާތީ އެމީހުން ދިރިއުޅެމުން އަންނަނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.

އެކަމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އެ ސަރަހައްދުގެ 27 ގެއަކަށެވެ. އެގޮތުން ދިޔަވަރު ބޮޑުވެ، ގެއްލުން ވާނީ ކޮންއިރަކުކަން ނޭނގޭތީ އެމީހުންނަށް ހަމަ ނިދި ނުލިބެ އެވެ. އަބަދުވެސް ތިބެން ޖެހެނީ ހާސްކަމެއްގެ ތެރޭގައެވެ.

- ރަށް ގިރައި މީހުން ދިރިއުޅޭ ސަރަހައްދަށް ގެއްލުންވެފައި. ފޮޓޯ: އައްޑޫލައިވް

އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ، ދިޔަވަރު ބޮޑުވާ ވަގުތެއް ނަމަ ބައެއް ފަހަރު ލޮނުގަނޑު ގެއަށް ވަންނަ ކަމަށެވެ. އެކަމުގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ ސާމާނު އަހަރަކު އެއް ފަހަރު ބަދަލުކުރަން ޖެހޭ ކަން ފާހަގަކޮށް އެމީހާ ވަނީ، އެ ކަމަށް ދާއިމީ ހައްލެއް ލިބޭނީ، އެ 27 ގޭގެ މީހުން އެހެން ސަރަހައްދަށް ބަދަލުކޮށްގެން ކަމަށް ބުނެފަ އެވެ.

- ރަށް ގިރައި މީހުން ދިރިއުޅޭ ސަރަހައްދަށް ބޮޑު ގެއްލުމެއްވެފައި. ފޮޓޯ: އައްޑޫލައިވް

ބައެއް މީހުން ބުނާ ގޮތުގައި ގޭގެ ވަޅުން ފެންވެރުމެކޭ ޖެހިގެން އޮތް މޫދަށް ގޮސް އެރުމެކޭ މާބޮޑު ތަފާތެއް ނެތެވެ. ސަބަބަކީ އެ ސަރަހައްދުގެ ގެތަކުގެ ވަޅުގެ ފެން ލޮނުވެފައި ވުމެވެ. އެހެންވެ، ދާވެފައި ހުންނަ އަންނައުނު ދޮންނަން ޖެހެނީ ވެސް މިސްކިތު ވަޅުން ގެއަށް ފެން ގެނެސްގެނެވެ. ރަށް ގިރުމުގެ ސަބަބުން މިހާ ބޮޑު ތަކުލީފެއް އެސަރަހައްދުގެ ރައްޔިތުން އުފުލަން ޖެހިފައި ވާއިރު އެކަމުގެ ޝަކުވާ ނުކުރާ ސަރުކާރެއް ނެތެވެ. އެކަމަކު މިހާތަނަށް ހައްލެއް ނުލިބެ އެވެ.

ރަށް ގިރުމުގެ މައްސަލަ އެހާ ބޮޑަށް އެރަށަށް ކުރިމަތިވެފައި ވާއިރު އެ ސަރަހައްދުން ވެލި ނެގުން އާއްމުވެފައި ވުމަކީ ވެސް އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ވެލި ނަގަނިކޮށް ފުލުހުންނަށް ރިޕޯޓުކުރި ނަމަވެސް އެކަމަށް މިއަދާ ހަމައަށް ވެސް އެދެވޭ ހައްލެއް ނުލިބޭ ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ.

އެރަށު ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޔަޝްރިފް، ސީއެންއެމް އަށް ވިދާޅުވީ، އެތަން ވަރަށް ބޮޑަށް ގިރަމުންދާތީ ހިމާޔަތްކުރުމަށް އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޮޑު ހިލަ ޖަހައިގެން އެތަން ހިމާޔަތް ކުރުމުގެ ބަދަލުގައި އެތަނުގައި ބީޗެއް އޮންނާނެހެން އެތަން ހިމާޔަތް ކުރެވޭތޯ ކައުންސިލުން އިސްކަން ދެއްވާނެ ކަމަށް ޔަޝްރިފް ވިދާޅުވި އެވެ.

"ގެތަކުގެ ފާރާ ހިސާބަށް ރާޅު ޖަހައި އެތަނުގައި. އަޅުގަނޑުގެ އަމިއްލަ ހިޔާލުގައި އެ ސަރަހައްދުގެ ގެތައް ރިލޮކޭޓް ކުރަންވީ. އެއީ އިންސާނުން އުޅެން އެކަށީގެންވާ ސަރަހައްދެއް ނޫން. ވަކިން ހާއްސަކޮށް މޫސުން ގޯސް ދުވަސްވަރެއް ނަމަ އެކަމުގެ އުނދަގޫ އެސަރަހައްދުގެ މީހުންނަށް ބޮޑު،" އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަން ފާހަގަކޮށް ޔަޝްރިފް ވިދާޅުވި އެވެ.

އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ތިބީ ރަށް ގިރުމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ދުވަހެއްގެ އިންތިޒާރު ގައެވެ. ސަރުކާރުން އެމީހުންގެ އާދޭސްތައް އަހައި އެކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ އުއްމީދުގަ އެވެ.
ހިޔާލު

ސަލީމް

އައްޑޫ ސިހުރު ބައްޑާ ގިރަންފެށީ..؟

ކާލި

ރާއްޖެ މީހުންކުރާ މޮޔަކަމަކީ މަހާނަމައްޗަވެސް މިލަނީ ގޮޑު ދޮށުން ވެލިނަގާފަ ލޮނު ދޮންވެލި ދެން ރަށް ގިރޭނެ ނުންތޯ ؟

Yoosuf

ކޮބާ އޯގާތެރި ސަރުކާރު ރަނގަޅުވާނެ ހިއްވަރު ކޮއްލާ.