Fenaka in futsal mubaaraatheh iyye fashaifi
image
ފެނަކަ ފުޓްސަލް މުބާރާތުގެ ތެރެއިން-- ފޮޓޯ: ފެނަކަ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފެނަކަ އިން ފުޓްސަލް މުބާރާތެއް ފަށައިފި

ފެނަކަ އަށް ހަތް އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން، ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ހިންގާ ފުޓްސަލް މުބާރާތެއް އިއްޔެ ފަށައިފިއެވެ.
އެ ފުޓްސަލް މުބާރާތަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އިސްނެންގެވުމާއެކު ދެ ދުވަހަށް ކުރިއަށްދާ މުބާރާތެކެވެ.

ސައީދު ޝަރަފުކޮށްދެއްވި އެ މުބާރާތުގައި ހެޑްއޮފީހުގެ 74 މުވައްޒަފުން އަށް ޓީމެއްގެ ގޮތުގައި ބައިވެރިވިއެވެ.

ގުރޫޕް ތަކަކަށް ބަހާލެވިގެން ކުޅޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕަށް އަދި ފެއާޕްލޭ ޓީމަށް ފައިސާ ގެ އިނާމު ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅޫ ހަތަރު ކުޅުންތެރިން ހޮވުމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ހޮވާގޮތަށްވެސް ހަމަޖެހިފައިވެއެވެ.



އިއްޔެ ހެޑް އޮފީސް މުވައްޒަފުންގެ މެދުގައި ފެށުނު އެ މުބާރާތް ފެނަކައިގެ ހުރިހާ ބްރާންޗެއްގެ ބައިވެރިކޮށް އަތޮޅުތަކުގެ ތެރޭގައި ބޭއްވުމަށް ސައީދު ހުށަހަޅުއްވާފައިވާ ކަމަށާއި އެފް.އާރް.ސީ އިން އެކަމަށް ތައްޔާރުވަމުން ގެންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

ފެނަކަ އަކީ ރާއްޖޭގައި 153 ބްރާންޗަކުން ހިދުމަތްދޭ 2000 އަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ދެމެހެއްޓުމަށް އެފަދަ ހަރަކާތްތައް ހިންގުމަކީ ފެނަކަ ރެކްރިއޭޝަން ކުލަބުގެ އަމާޒެއްކަމަށް ފެނަކަ އިން ބުނެފައިވެއެވެ.
ފެނަކަ
ހިޔާލު