Bidheyseennah dheysee license dheyn feney tha?
image
ބިދޭސީންތަކެއް-- ފޮޓޯ: އިމިގްރޭޝަން
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

ބިދޭސީންނަށް ދޭސީ "ލައިސަންސް" ދޭން ފެނޭތަ؟

ބިދޭސީންނަކީ ދިވެހި ރާއްޖޭގެ ހުރިހާ ސިނާއަތެއްގައި ވެސް ވަރަށް ބޮޑު އިންސައްތައެއް ހިއްސާކުރާ ބައެކެވެ. އެކަން ދެނެގަތުމަށް މާ ބޮޑު ދިރާސާއެއް ހަދާކަށް ނުޖެހެ އެވެ. އަމިއްލަ ގޭގެ ދޮރުން ބޭރަށް ބޯ ދިއްކޮށްލިޔަސް އެކަން ފެނިގެންދާނެ އެވެ. މަގުމަތިން ނުވަތަ އާންމު ތަންތަނުން މިހާރު ދިވެހިންނަށް ވުރެ ގިނައިން ފެންނަނީ ބިދޭސީންނެވެ. ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތްތަކުގައި ވެސް އުޅެނީ ހަމަ ބިދޭސީންނެވެ. އެންމެ ފަހުގެ އަންދާޒީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގައި 500،000 އެއްހާ މީހުން ދިރިއުޅޭ، ބިދޭސީންގެ އަދަދު 150،000 ހާ ގާތް ކުރެއެވެ. އެއީ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ އެވެ. ގަބޫލުކުރަން ބޭނުން ވިޔަސް ނުވިޔަސް ބިދޭސީންނަކީ މި ''ދިވެހި'' ފަސްގަނޑުގައި މިވަނީ މުހިންމު ބަޔަކަށް ވެފަ އެވެ.
ދިވެހިންގެ ތެރޭގައި ބިދޭސީން ކިތައްމެ ގިނަ ނަމަވެސް، ދިވެހި މުޖުތަމައުއިން ބިދޭސީންނާމެދު ދެކޭ ގޮތް، ނުވަތަ އަމަލުތައް ބަހައްޓާ ގޮތް ދިވެހިންނާއި ވަރަށް ވެސް ތަފާތެވެ. ގިނަ ދިވެހިންގެ އަމަލުތަކުން ހީވަނީ ބިދޭސީންނަކީ ދިވެހިންނަށް ވުރެ ދަށު ދަރަޖައިގެ ބައެއް ނުވަތަ ދިވެހިންނަކީ ބިދޭސީންނަށް ވުރެ މަތީގަ ތިބި ބައެއްހެނެވެ. ހިދުމަތެއް ދޭން ހުންނަ ބިދޭސީ މުވައްޒަފެއްގެ ފަރާތުން ކުށެއް ފެނިއްޖެ ނަމަ އެމީހަކާއި ދިމާލަށް "ބަވާ އަޅާލުން'' މިއީ އާންމު ކަމެކެވެ. ވިޔަފާރި ކުރާ ތަންތަނުގައި ވިޔަސް މަގުމަތީގައި ވިޔަސް ތިބޭ ބިދޭސީންނަށް އެކި ކަހަލަ ޖެއްސުމާއި ފުރައްސާރަ ކުރާތަން ފެނެއެވެ. ވައްކަމާއި ފޭރުމާއި ބިރު ދެއްކުމުގެ ޝިކާރައަކަށް ބިދޭސީން ވަނީ ވެފަ އެވެ. މި ފަދަ ކަންތައްތަކުގެ ނަތީޖާއަކަށްވީ ބިދޭސީން ވެސް "ގަޓް" ވާން ފެށުމެވެ. ބިދޭސީން ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި އެކި ކަހަލަ ކުށްތަކަށް އަރައިގަތުން މިއަދު މަދު ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ މިއީ އާންމު ކަމަށް މާދަމާ ވާނެކަން ޔަގީނެވެ.

ކޮންމެއަކަސް މިހުރިހާ ކަމެއް މިހެން އޮއްވާ ދިވެހިންގެ މެދުގައި މިވަނީ އަނެއްކާ ވެސް ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފަ އެވެ. މިފަހަރު ބޮޑު ކަމަކަށް ވެގެން މިއުޅެނީ ބިދޭސީންނަށް ދޭސީ "ލައިސަންސް" ދިނުމާ ބެހޭ ގޮތުންނެވެ. ބޭރު އެކި ގައުމުތަކުގެ މީހުން މިހާރު ވެސް ރާއްޖޭގެ ރައްޔިތުންގެ ގޮތުގައި އުޅެއެވެ. ރައްޔިތުކަން މީހުން އާންމުކޮށް ބަދަލުކުރަނީ ރާއްޖޭގެ މީހަކާއި ކައިވެނިކުރާ ހިސާބުންނެވެ. ނަމަވެސް އެކަން ކުރުމުގެ ހުއްދަ ސަރުކާރުން ދިނުމުގައި ވެސް ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމުގައި އާންމުން ތުހުމަތު ކުރެ އެވެ. އެންމެ ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ މައިގަނޑު އަސާސަކަށްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ޓްވީޓެކެވެ. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ދިރިއުޅޭތާ އެތައް އަހަރެއްވެފައިވާ ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމަކީ ކޮން ކަހަލަ ކަމެއްތޯ ސުވާލު އުފައްދާފަ އެވެ. އާޒިމްގެ ޓްވީޓާއެކު ހިޔާލު ތަފާތުވުންތަކުގެ ބޮޑު ބަންޑެއްޔެއް ދިވެހިން އޮއްސާލި އެވެ. ހިޔާލު ތަފާތުވެ ބައިބައިވުން އުފެދުނީ މައިގަނޑު ގޮތެއްގައި ދެ ގޮތަކަށް ދެކޭ މީހުން އުޅޭ ތީއެވެ. އެއްބަޔަކު އެއީ ރަނގަޅު ކަމެއްކަމަށް ބުނަމުން ދިޔައިރު އަނެއް ބަޔަކަށް އެކަންވީ ގައުމަށް ވެވޭ ހިޔާނާތަކަށެވެ.

ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމާ ދެކޮޅަށް ތިބި ގިނަ ދިވެހިން އެކަމާ ދެކޮޅު ހަދަނީ ދިވެހިންގެ އަމިއްލަ ވަންތަކަން ނުވަތަ "ދިވެހި ލޭ" ގެއްލިދާނެ ކަމުގެ ބިރަށްޓަކައެވެ. މީގެ އިތުރުން ރާއްޖެ ތޮއްޖެހުމުން ދާތީ އެވެ. ތެދެކެވެ. ދިވެހިންނަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ބަލާއިރު ތަފާތު ސަގާފަތަކާއި އާދަކާދައެއް އޮތް ތަނެކެވެ. އަމިއްލަވަންތަ ކަންތައްތަކެއް އެބަ ހުއްޓެވެ. ވާހަކަ ދައްކަނީ އަމިއްލަ ބަހުރުވައަކުންނެވެ. އަމިއްލަ ކާނާތަކެއް ހުރެއެވެ. ދިވެހިން ދިވެހިންނަށް ވަނީ މިފަދަ ސަބަބުތަކަށްޓަކެވެ. އެހެން ގައުމެއްގެ ރައްޔިތަކަށް ދިވެއްސެއްގެ މަގާމު ދޭން ބޭނުން ނުވަނީ މި ސަބަބަށްޓަކައި އެވެ. ނަމަވެސް މިބުނާ ދިވެހިވަންތަ ބައެއް ދިވެހިން މައްސަލައަށް ދީފައިވަނީ ލަދުވެތި ރައްދުތަކެކެވެ. ނުރުހުން ފާޅުކުރަމުން ދިޔައީ މާބޮޑު އަސާސެއް ނެތި އެވެ. ބުއްދީގެ ހަމައިން ވިސްނާ ވިސްނުންތަކުގެ ބަދަލުގައި ފެނިގެން ދިޔައީ ރުޅިވެރިމުގެ ހިޔާލުތަކެވެ. އެއްބަޔަކު އާޒިމަށް މަލާމާތްކުރަމުން ދިޔައިރު އަނެއް ބަޔަކު އާޒިމް އަމިއްލަ އަށް އެހެން ގައުމަކަށް ބަދަލުވުމަށް އެދެމުން ދިޔަ އެވެ. އެއީ އެ ބޭފުޅުން އެ ބުނުއްވާ "ދިވެހި އަމިއްލަ ވަންތަކަން" ނަމަ ދިވެއްސަކަށް ވުމުގައި ވާ ފަހުރަކީ ކޮބާތޯއެވެ؟

ޝައްކެއްވެސް ނެތެވެ. ރާއްޖެއިން ބިދޭސީން މަދުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ގައުމު ތޮއްޖެހެމުން ދާތީ އެވެ. ތަފާތު ފިކުރާއި ވިސްނުމާއި ސަގާފަތްތައް އެއްވާން ފެށުމުން ހަމަނުޖެހުންތައް އުފެދޭތީ އެވެ. މީގެ އިތުރުން ބިދޭސީން ރާއްޖޭގައި ދިރިއުޅެމުންދާ ދަތި ދިރިއުޅުމުގެ ސަބަބުން ވެސް މެއެވެ. ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށެވެ. ނަމަވެސް ބިދޭސީން ރާއްޖެއަށް ގެންނަން ޖެހުނީ ކީއްވެތޯ އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހެއެވެ. އެމީހުން ރާއްޖެއަށް ގެންނަން ފެށީ ނޯކަރީންގެ އުސޫލުންނެވެ. ކޮންމެ ދުވަހަކު ގޭގައި ކުރަން ޖެހޭ ކަންތައްތައް ކުރުވުމަށެވެ. ކުނި ކަހާ ސާފުކޮށް ކުނި ކޮޅު އުކާލުމަށެވެ. މިފަދަ ކަންތައްތައް ކުރުމަށް ވުރެ މާ މަތީ ބަޔަކަށް ދިވެހިން ވީކަމަށް ވެސް ވެދާނެ އެވެ. ނޫނީ އެކަންތައް ނުކުރެވޭހާ ބިޒީ ވީއެވެ. ކޮންމެ އަކަސް މިފަދައިން ގެންނަން ފެށި ބަޔަކު މަޑުމަޑުން ފެތުރެމުން ގޮސް ބޮޑެތި ކުންފުނިތަކާއި އޮޑި ދޯނި ފަހަރު ވެސް ފުރާލައިފި އެވެ. ސަބަބަކީ ކޮބާތޯއެވެ؟ ސަބަބު ވަރަށް ވެސް ސާފެވެ. ދިވެހިން ދެކޭ ގޮތުގައި ބިދޭސީންނަކީ ކުޑަ އުޖޫރައެއް ދީފަ ބޭނުންހާ ގޮތަކަށް ގެންގުޅެވޭނެ ބައެކެވެ. މިކަމުގެ ނަތީޖާއަކަށް ބައެއް ކަހަލަ ވަޒީފާތަކުގެ އަގާއި އެކު ދިވެހި ޒުވާނުންގެ ކުރިމަތީގައި އެ ވަޒީފާތަކުގެ އަގުވެސް ވެއްޓުމެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ 20 އިންސައްތަ ވަޒީފާ އަދާނުކުރަނީ ވަޒީފާ ނެތިގެނެއް ނޫނެވެ. އަދާކުރަން ބޭނުންވަނީ ވަކި މަގާމެއްގެ ވަޒީފާއަކަށް ވާތީ އެވެ. ވަކި ވަޒީފާތަކަކީ ދިވެހިން އަދާކުރަން ހެޔޮވާވަރު ކަންތަކެއް ނޫން ގޮތަށް ބައްޓަން ކުރީ ހަމަ ދިވެހި މުޖުތަމައުންނެވެ. ވީމާ ދިވެހިންގެ ތަރައްގީއަށް މީހަކު ދެކޭ ގޮތަކަށް ލަދުން ނުހުރެ މަސައްކަތްތައް ކުރާ ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުން ވެސް މާއައުލާކަން ބޮޑެއް ނޫންތޯއެވެ؟

ރާއްޖޭގައި ދިރިއުޅެމުން ދާތާ އެތައް އަހަރެއް ވެފައިވާ ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމަށް ގިނަ ބަޔަކު ތާއީދުކުރެ އެވެ. އޭގެ ތެރޭގައި ރާއްޖެގައި އުޅޭ އެކި ގައުމުތަކުގެ ރައްޔިތުންނާއި ދިވެހިންނާއި ކައިވެނިކޮށްފައިވާ މީހުންނާއި އެމީހުންނަށް ލިބިފައިވާ ދަރިން ހިމެނެއެވެ. އެކި މީހުން މިކަން ކުރަން ބޭނުންވާ ސަބަބު ތަފާތެވެ. އެއް ބަޔަކު މިކަން ކުރަން ބޭނުންވަނީ ހަމަ ހިތްހެޔޮ ކަމުންނެވެ. އަނެއްބަޔަކު ބޭނުންވަނީ ހަމައެކަނި ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ރައްޔިތުކަން ދޭށެވެ. ބައެއް މީހުންގެ ޝަކުވާއަކީ ރާއްޖޭގައި އުޅޭތާ ވިއްސަކަށް އަހަރުވީ އިރުވެސް ވިސާއަށް ފައިސާ ދައްކަން ޖެހޭ ކަމެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ދިވެހި ރައްޔިތަކަށްވާ ނަމަ ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ގާނޫނޫ އަސާސީގައި ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވަނީ މުސްލިމަކަށް ވުމެވެ. ރާއްޖެއަކީ ހަމައެކަނި އިސްލާމީ ދީނަށް ތަބާވާ ގައުމަކަށްވުމުން ކޮންމެ ގައުމެއްގެ މީހަކަސް އޭނާ ދިވެހި ރައްޔިތަކަށް ވުމުގެ ކުރިން މުސްލިމަކަށް ވާން ޖެހެއެވެ. ވީމާ މިއީ އެހެން ދީނަކަށް އަމަލު ކުރާ މީހަކަށް ދިވެހި ރައްޔިތަކަށް ވުމަށް ދިމާވާނެ ގޮންޖެހުމެކެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އެކަން އޮންނަން ޖެހޭނެ ގޮތްވެސްމެއެވެ. ރާއްޖޭގައި މަދުން ނަމަވެސް ލާދީނީ ފިކުރުގެ މީހުން އުޅޭ އިރު ގައިރު މުސްލިމުންނަށް ދިވެހި ރައްޔިތުކަން ދިނުމަކީ ރާއްޖެއަށް އިތުރު ދީންތައް ގެނައުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެން ދާނެ އިތުރު ހިތްވަރެކެވެ. މުސްލިމަކަށް ވުމުގެ އިތުރުން ދިވެހި ރައްޔިތަކަށް ވުމަށް ދެން ފުރިހަމަވާން ޖެހޭ ޝަރުތުތަކަކީ ހަމަ ބުއްދި ހުރުމާއެކު އުމުރުން 21 އަހަރުވުން، މަދުވެގެން 12 އަހަރު ރާއްޖޭގައި ދިރިއުޅުމުގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީ އެނގުމެވެ. އަދި ދިވެހި ބަހުން ވާހަކަދައްކަން އެނގުމާއެކު ގާނޫނާއި ހިލާފު ސިޔާސީ ނުވަތަ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ. ފެންނަ ފެނުމަށް ޝަރުތުތަކުގައި މައްސަލައެއް ނެތެވެ. ނަމަވެސް ބިދޭސީންގެ ޝަކުވާއަކީ ޝަރުތުތައް ހަމަވެ ރައްޔިތަކަށް ވާން ހުށަހެޅިޔަސް ސިޓިޒަންޝިޕް ގްރާންޓް ކޮށްދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅުމެވެ.

ކޮންމެއަކަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދުނިޔެވީ ގިނަ ކަންތައްތަކަކީ އޭގެ ސަބަބުން ފައިދާތަކަކާއި ގެއްލުންތަކެއް ލިބޭނެ ކަންތަައްތަކެއް ކަމެވެ. ބިދޭސީންނަށް ދިވެހި ރައްޔިތުންކަން ދިނުންވެސް މިފަދައެވެ. ހަރުދަނާ އުސޫލުތަކެއް ނެތި އެކަން ކޮށްފިނަމަ ރާއްޖެއަށް އޮހެމުންދާ ބިދޭސީންގެ އަދަދު މިއަދަށް ވުރެ އެތައް ގުނައެއް އިތުރުވާނެ އެވެ. ބޮޑެތި ކުށްތައްކޮށް ރާއްޖެ އަންނަ ބިދޭސީންނަށް ވެސް އޭރުން ރާއްޖެ ވާނީ ރަން ގަނޑުވަރަކަށެވެ. ރާއްޖޭގެ އަސްލާއި ސަގާފަތާއި ތާރީހަށް ދާނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިފަދަ ބޮޑު ކަމެއް ކުރުމުގެ ކުރިން ގިނަ ގައުމުތަކުން އަމަލުކުރާގޮތް ވެސް ބަލާލަން ޖެހެއެވެ. ބައެއް ގައުމުތަކުގައި ގާނޫނާއި ހިލާފު އަމަލެއްނުކޮށް ދިރިއުޅެމުންދާ ރަނގަޅު މީހެއް ނަމަ ރައްޔިތުކަން ދިނުމުގެ ކުރިން ޕާމަނެންޓް ރެސިޑެންސް (ޕީއާރް) ގެ މަގާމެއް ދެއެވެ. ޕާމަނަންޓް ރެސިޑަންސް އަކީ ރައްޔިތެއް ނޫން ނަމަވެސް އެމީހެއް ދިރިއުޅޭ ގައުމެވެ. މިފަދަ ޕީއާރް އެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ދިނުމަށް ފަހު އިތުރު މައްސަލައެއް ފެންމަތި ނުވާ ނަމަ ރާއްޖޭގެ ރައްޔިތަކަށް ވުމަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތަކާއެކު ދިވެހި ރައްޔިތެއްގެ މަގާމު ދިނުމަކުން ގެއްލުމެއް ނެތެވެ. ކޮންމެ ގޮތަކަށް ވިޔަސް ރާއްޖެއަށް ވަންނަ ބިދޭސީންގެ އަދަދު މަދުކުރަން ޖެހެއެވެ. ރާއްޖެއަށް ވަންނަ ވަރަށް ވުރެ ގިނަ ފައިސާ ބޭރުވުމަކީ ގައުމަށް ލިބޭ ބޮޑު ގެއްލުމެކެވެ.
ހިޔާލު

ދިވެހިމީހާ

ނޫސްތަކުން ގެނެސްދޭ ރިޕޯރޓް ތަކަކީ ހަގީގީ މައްސަލައަށް ރިޔާޔަށްކޮށް ލިޔާ ރިޕޯރޓަކަށްވާން ޖެހެއެވެ. ދިވެހިރާއްޖޭގެ ހުރިހާކަމެއް އެހެން ގައުމުތަކާއި ތަފާތެވެ. ޢެއްދީނެއް އެއްސަގާފަތެއް އެއް އާދަކާދައެއް ގެންގުޅޭ ބައެކެވެ. ވީމާ މިވެނިގައުމެއްގައި ޕީއާރު ކަންލިބެއޭ ރައްޔިތުކަން ލިބެޔޭ ބުނެ ހަމައެގޮތަށް މިރާއްޖޭގައިވެސް އެކަންތަށް ކުރުމަށް ވަކާލާތު ކުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ނުރައްކާތެރި ޢަމަލެކެވެ. ފަލަސްތީނަށް ޔަހޫދީން ވިޔަފާރިކުރަން އައިސް ފުރަތަމަކުރިކަމަކީ އެމީހުންގެއަތުން ބިންގަތުމެވެ. މިހާރު އަސްލުރަށްވެހި ފަލަސްތީނުމީހުންތިބީ ކޮންހާލެއްގައިތޯ ބަލާލީމަ މިކަމުގެ ސީރިޔަސްކަން ވަޒަންކުރެވޭނެ.

ނަފާ

ނުފެނޭ

ނިޝާ

އެއްގޮތަކަށްވެސް ނުފެނޭ

ދސފސދފ

ފުރަތަމަ ވަންނާނެ ތަނެއް ނެތް ދިވެހިންނަށް ބޯހިޔާވަހިކަން ހޯދަދީބަލަ. އަދިވެސް ބިދޭސީން ގެނެސް މުޅި ޤައުމު ފުރާލަންދޯ ވީ. ދިވެހި ޒުވާނުންނެއް ނޫޅެ ވަކި ފެންވަރެއްގެ ވަޒީފާއެއް ނޫނީ އަދާ ނުކުރާކަށް. އެހެންނޫންނަމަ ވެމްކޯއަކު މިއަދު ދިވެހިންނެއް ނުތިބޭނެ. ބިދޭސީ ވިޔަފާރިވެރިން ، ލަންކާ ، އިންޑިއާ މީހުން އެމީހުން ރަށު މީހުން ގެނެސް މުޅި ޤައުމު ފުރާލާފި. ދިވެހިންނަކަށް ނެތް ވަޒީފާގެ ފުރުސަތެއް