Gaumee firihen volley boalha teemaai minister mahuloofu bahdhalukurahvaifi
image
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި މަހުލޫފު ބައްދަލުކުރުމުގެ ތެރެއިން-- ފޮޓޯ: ޔޫތު މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާ މަހުލޫފު ބައްދަލުކުރައްވައިފި

ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ގައުމީ ފިރިހެން ވޮލީ ޓީމާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި އެވެ.
މި މަހުގެ 18 ގައި ނޭޕާލުގައި ފަށާ އެ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މަހުލޫފު ވަނީ ސްރީލަންކާގެ ވޮލީބޯޅަ ޓީމަށް މާލެ އައިސް ރާއްޖޭގެ ޓީމާއެކު ކުޅެން ދައުވަތު ދީފައެވެ. އެ މެޗްތައް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 11 އިން 15 އަށެވެ.

އެއީ 2017 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމު މާލޭގައި ކުޅޭނެ ފުރަތަމަ މެޗެވެ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމް ވަނީ މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

އައިއޯއައިޖީގައި ފިރިހެން ވޮލީބޯޅަ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން ކާމިޔާބުވީ އެންމެ މެޗަކުން ކަމުގައި ވިޔަސް ސެންޓްރަލް ޒޯނުގައި ރާއްޖެ އަށް ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

2016 ވަނަ އަހަރު ބަންގްލަދޭޝް ގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެއަށް ތިން ވަނަ ލިބުނު ކަމުގައި ވިޔަސް އޭގެ ފަހަކުން ރާއްޖެއަށް އެ މުބާރާތާކުން މޮޅެއް ލިބިފައެއް ނުވެ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި އާންމުކޮށް ވާދަ ކުރަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ކިރްގިސްތާނާއި ތުރުކުމެނިސްތާން އަދި އަފްގާނިސްތާން އެވެ.

ސްރީލަންކާއިން ފަހަކަށް އައިސް މި މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.
ހިޔާލު