Adeeb bandhu kuran dhe court ga ves edhunee eh massala ehga
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު-- ފޮޓޯ: ސަން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އަދީބު ބަންދު ކުރަން ދައުލަތުން ދެ ކޯޓުގައި ވެސް އެދުނީ އެއް މައްސަލައެއްގައި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރު ކުރުމަށް ދައުލަތު ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އެދުނީ އެއް މައްސަލައެއްގައި ކަމަށް ބުނެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް ސިޓީއެއް ފޮނުވައިފި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މައްސަލައިގެ އަޑުއެހުމުގައި ދީދީ ވިދާޅުވީ އެއް ކަމެއްގައި އަދީބުގެ ބަންދުގެ މުއްދަތު ޖަހަން އެދިފައިވާ ކަމަށް ބުނެ ދައުލަތުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ބުނީ އަދީބަށް 15 ދުވަހު ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ޖެހީ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ވަގަށް ފިލައިގެން އިންޑިއާއަށް ދާން އުޅުނު މައްސަލައިގައި ނޫން ކަމަށެވެ.

އެކަމަކު އަދީބުގެ ވަކީލް އިސްމާއިލް މުހައްމަދު ސީއެންއެމް އަށް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގައި ވެސް ބަންދު މުއްދަތު ޖެހުމަށް އެދުނު މައްސަލާގައި ކަމަށެވެ. އެއީ ފިލަން މަސައްކަތް ކުރި މައްސަލަ އެވެ.

އަދި އެކަން އެގޮތަށް ކޮށްފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ކުރެވުނު ކުށެއް ކަމަށާއި އަދީބު ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް ކަމަށް ދައުލަތުން އިއުތިރާފްވި ކަމަށެވެ.

އޭނާ ބުނީ ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބު ފިލައިގެން ގޮސްފައި ވާތީ އޭނާ ބަންދުކުރުމުގެ ވަގުތީ އަމުރަކަށް ކަމަށެވެ. އެކަމަކު އަދީބު ފިލިކަން އެއްވެސް ކޯޓަކުން ނިންމާފައި ނުވާއިރު، އެ މައްސަލާގައި އޭނާ ބަންދު ނުކުރެވޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އަދީބު ބަންދުގެ މުއްދަތި ކްރިމިނަލް ކޯޓުން ޖަހާފައި ވާއިރު، ސުޕްރީމް ކޯޓުގައި ހަމަ އެ މައްސަލާގައި ބަންދު އަމުރަކަށް އެދުމުން އިސްތިއުނާފުގެ ހައްގު އަދީބަށް ގެއްލޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެހެންވެ ދައުލަތުން މިއަދު އެދިފައި ވަނީ އަދީބު ފިލައިގެން ދިޔުމުގެ ބިރު އޮތުމުން އޭނާ ބަންދުކޮށް ދިނުމަށެވެ.

މިއަދުގެ ޝަރީއަތް ނިންމާލާފައި ވަނީ ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ ހުކުމް ކުރާނެ ކަމަށް ފަނޑިޔާރު ވިދާޅުވުމަށް ފަހު އެވެ. ނަމަވެސް ޝަރީއަތް އޮންނާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.
ހިޔާލު