Rilwan gelluvaalumuge fahathuga vaa meehun hooadhaifi
image
މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު-- ފޮޓޯ: ދަ އެޑިޝަން
1 ކޮމެންޓް
 

ރިލްވާން ގެއްލުވާލުމުގެ ފަހަތުގައިވާ މީހުން ހޯދައިފި އޯގަސްޓް ތެރޭގައި އާއްމު ކުރަން ވިސްނަނީ!

ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެއްލުވާލުމުގެ ފަހަތުގައި ޓެރަރިސްޓް ގްރޫޕު ދެނެގަނެވިފައިވާ ކަމަށާއި އޯގަސްޓް މަސް ނިމުމުގެ ކުރިން އެ މައުލޫމާތު އާއްމު ކުރުމަށް ވިސްނަމުންދާ ކަމަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ރިޟްވާން ގެއްލުވާލިތާ މިއަދަށް ފަސް އަހަރުވެފައި ވާއިރު، ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގަށް ލިބުނު އެންމެ ފަހުގެ މައުލޫމާތު ރިޟްވާނުގެ އާއިލާއާ ހިއްސާކުރީ މީގެ ދެހަފްތާ ކުރިން ކަމަށެވެ.

އަދި ރިޟްވާން ގެއްލުވާލުމުގެ ފަހަތުގައިވާ ޓެރަރިސްޓް ގްރޫޕާއި އޭގައި ބައިވެރިވި އެހެން ފަރާތްތަކުގެ މައުލޫމާތު ހެއްކާއެކު ހޯދިފައިވާ ކަމަށާއި އޯގަސްޓް މަސް ނިމުމުގެ ކުރިން އެ މައުލޫމާތު އާއްމު ކުރުމަށް ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.



އެކަމުގެ ފަހަތުގައިވާ ޓެރަރިސްޓް ގްރޫޕުގެ މައުލޫމާތު ހޯދުނު ނަމަވެސް، ވަގަށް ނެގި ފަހުން ރިޟްވާނަށް ދެންވީ ގޮތް ހޯދުމަށް އަދިވެސް ތަހުގީގު ދަނީ ކުރިއަށް ކަމަށް ސުއޫދު ފާހަގަކުރެއްވި އެވެ.



ކޮމިޝަނަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތު ޔަގީންކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، ކޮމިޝަނުން ވީ ވައުދާ އެއް ގޮތަށް ތަހުގީގު ކުރާ ހުރިހާ މައްސަލައެއްގެ ހަގީގަތް ހޯއްދަވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުގެ މެމްބަރުން މިވަގުތު ތިއްބެވީ ތަހުގީގުތަކަށް އިންޑިއާގެ ޓެކްނިކަލް އެހީ ހޯދުމަށް އެގައުމުގަ އެވެ. އެކަމާ ބެހޭ ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް ފަސް އަހަރު ފުރޭއިރު، އެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ އިންސާފު ގާއިމް ކުރުން އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފަ އެވެ.

"ރިޟްވާން މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުން ފުރައިގެން ދިޔުމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރު މިހާރު ހުރީ ރާއްޖެއިން ބޭރުގައި. ތުހުހުމަތު ކުރެވުނު އިތުރު މީހުން ވެސް ފުރައިގެން ގޮސްފައިވުމަކީ އިންސާފު ގާއިމް ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ދައުލަތުން ފޭލުވަމުންދާ ސަބަބު،" އެ ބަޔާނުގައި ވެއެވެ.

އެ އާއިލާއިން ބުނެފައި ވަނީ ފަސް އަހަރުވީއިރު ރިޟްވާނަށް ވީގޮތެއް ނޭނގުމަކީ ދައުލަތުން "ނިހާޔަތަށް" އިހުމާލުވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި ރިޔާޔީ ކޮމިޝަނެއް އުފެއްދުމަށް ފަހު މަސައްކަތް ލަސްވާތީ ހިތާމަ ކުރާ ކަމަށެވެ.

"ރިޔާސީ ކޮމިޝަން އުފައްދާފައި ވެސް އިންސާފަށް ލަސްވާތީ ހިތާމަކުރަން، ލަސްވުމަކީ އިންސާފަށް އެޅޭ ހުރަހެއް،" އެކަންކަން ބަދަލު ކުރުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.



އާއްމުކޮށް ހުޅުވާލައިގެން މިދިޔަ ޖޫން މަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު އަޑުއެހުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައި ވަނީ ރިޟްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ޖަލުން ދޫކުރުމުގައި ފަނޑިޔާރު ދީދީގެ އަތެއްވާ ކަމަށް ބެލެވޭ މިންވަރަށް ފުލުހުންނަށް ހެކި ލިބިފައިވާ ކަމަށެވެ.

އެ ތަހުގީގީ އަޑުއެހުން ބޭއްވިތާ މާ ގިނަ ދުވަހެއް ނުވެ، ފަނޑިޔާރު ދީދީ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

މީގެ ކުރިން ރިޟްވާންގެ އާއިލާ އިން ވަނީ އެ ދުވަހު ބޭއްވި އަޑުއެހުމުން ލިބުނު މައުލޫމާތުގެ އަލީގައި ތަހުގީގު އަވަސް ކުރުމަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ޝައްކު ކުރެވޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގޮވާލާފަ އެވެ.

ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 8 ވަނަ ދުވަހުގެ ރެއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުގެ ބޭރުގައި އެރޭ މީހަކު ގަދަ ކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި އެ ކާރުން ރިލްވާން މަންމަގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.

އެކަމަކު މިދިޔަ އަހަރުގެ އޯގަސްޓް މަހު ކޯޓުން ވަނީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. ކޯޓުގެ ހުކުމުގައި ބުނީ ތަހުގީގު ކުރުމާއި ދައުވާ އުފުލުމުގައި ބޮޑެތި މައްސަލަތަކެއް އެބަ ހުރި ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އެންމެ ފަހުން ބުނީ ތަހުގީގުތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވީ ނަމަވެސް، ގާނޫނީ އިތުރު ބާރުތައް ބޭނުންވާ ކަމަށެވެ. ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ޖޫން މަހުގެ ތެރޭގައި ވަނީ ފާސްކޮށްފަ އެވެ. އަދި މިހާރު އެ ބިލް ވަނީ ތަސްދީގުކޮށް ގާނޫނަކަށް ބަދަލުވެފަ އެވެ.
ހިޔާލު

އަޙްމަދު

ރިޟްވާން ވަގަށް ނެގި މީހުން ހޯދިއްޖެ ކަމަށްވާނަމަ ކީއްވެތޯ ނޭނގެނީ އެނާ ދިރި ހުރިތޯ ނުވަތަ ނޫންތޯ. އެމީހުން ކާރިން އެވާހަކަ އަހަން ކިތައް 100 ދުވަސްތޯ ބޭނުމީ. ތިދައްކަނީ ހުސްނުއްސޫދުށް ހުވަފެނުގައި ފެންނަ ވާހަކަ ކަމަށްވެސް ވެދާނެ!