Defence minister EU ge naib raees aa bahdhalu kuravvaifi
image
މުގުރީނީ ޑީފެންސް މިނިސްޓަރު މާރިޔާ ދީދީ އާ ބައްދަލުކުރައްވަނީ-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޑިފެންސް މިނިސްޓަރު އީޔޫގެ ނައިބު ރައީސް ފްރެޑްރިކާ މުގުރީނީއާ ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޔުނިއަންގެ ނައިބުގެ ރައީސް ފްރެޑްރިކާ މުގުރީނީ މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ސަލާމަތީ ގޮތުން ދިވެހިރާއްޖެ އާއި އީޔޫއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އަދި ދިވެހިރާއްޖެ އާއި ޔޫރަޕާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ޑިފެންސް މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މުގުރީނީ ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން މުގުރީނީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވައިފަ އެވެ. އެކަމަނާ މަޖިލީހުގައި ތަގުރީރުކުރެެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށެވެ.

އީޔޫ އިން 2018 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އިރު މުގުރީނީގެ މި ދަތުރަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން، ރާއްޖެއާ އީޔޫގެ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރެކެވެ.

ޔޫގެ މިހާރުގެ ނައިބު ރައީސް މުގުރީނީ ވަނީ މީގެ ކުރިން އީޔޫ ކައުންސިލްގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ އިތުރުން އެކަމަނާ ވަނީ 2008 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

އަދި 2014 ވަނަ އަހަރުގެ ފެބްރުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް އިޓަލީގެ ފޮރިން މިނިސްޓަރުކަން ވެސް މުގުރީނީ ވަނީ ކުރައްވައިފަ އެވެ. އޭގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ އެތައް މަގާމެއް މުގުރީނީ ވަނީ ފުރައްވައިފަ އެވެ.
ހިޔާލު