Vakigothakah angandhen Adheeb bandhugai bahahtan Supreme Court in amurukohfi
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު-- ފޮޓޯ: ސަން
0 ކޮމެންޓް
 

ވަކިގޮތަކަށް އަންގަންދެން އަދީބު ބަންދުގައި ބަހައްޓަން ސްޕްރީމް ކޯޓުން އަމުރުކޮށްފި

ސްޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖޭން ބޭރަށް ދިއުމުން، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށް ސްޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ސްޕްރީމް ކޯޓުން ކަރެކްޝަންސް ސާވިސްގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ، އެ އަމުރު ކަރެކްޝަންސް އަށް ރައްދުކުރެވޭ ވަގުތުން ފެށިގެން އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

އެ އަމުރު ނެރުނީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސްޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް އެ އަމުރާ ހިލާފަށް ރާއްޖެ ދޫކޮށް ފިލައިގެން ދިޔަކަން ކަށަވަރުވެފައިވާތީ އާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އަމަލެއް ހިންގުމުގެ އިޙްތިމާލު އޮތް ކަމަށް ބުނެ، ސްޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެދިނުމަށް ޕީޖީން އެދުމުންނެވެ.

އެންމެ މަތީ ކޯޓުން ބުނީ ޕީޖީން އެދުނު ގޮތަށް އަމުރު ނެރެދިނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖަލުތަކާއި ޕެރޯލް ގާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ (2) ވަން ނަންބަރާއި، އެ ފަދަ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުއީ އަދި ގާނޫނީ މައްޗަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން، ޕީޖީން އެ އަމުރު ނެރެދިނުމަށް އެ ކޯޓުގައި އެދިފައިވަނީ ހޯމަ ދުވަހު އެވެ. އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ވެސް އެ ދުވަހު އެވެ.

އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމް އިއްވި ނަމަވެސް ފަހުން ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ. އަދި ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ނަމަވެސް، ފިލައިގެން ދާން އުޅުނު އިރު އަދީބު ހުރީ މިނިވަން ވެފަ އެވެ.
ހިޔާލު